މިދިޔަ އަހަރު މާލޭގެ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ކުރިން ދިރިއުޅެމުން ދިޔަ ގެއަށް ލިބުނު ގެއްލުމުގެ ސަބަބުން ސަރުކާރުގެ ވަގުތީ ބޯހިޔާވަހިކަމުގައި ތިބި މީހުންނަށް އިތުރު ތިން މަސް ދުވަސް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހ.ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީ އިން ވަގުތީހިޔާ ފޯރުކޮށް ދެމުން ގެންދާ އާއިލާތަކަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ހާލަތަށް ބަލައި އެމުއްދަތު ސަރުކާރުން އިތުރު ތިން މަސްދުވަހަށް އިތުރު ކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ވަގުތީ އެހީތެރިކަމުގެ ދަށުގައި 29 މީހަކު ތިބި ކަމަށާއި އޭގެތެރެއިން ހަގޭބިސީއެއްގެ މީހުން ދިރިއުޅެމުންދަނީ ގާކޮށި ފުލެޓުގައި ކަމަށާއި އަދި އަދި ވޭސްޓްސައިޑްގައިވެސް ބަޔަކު އުޅެމުންދާކަމަށް އެ އޮތޯރިތީ އިން މީގެކުރިން ބުނެފައިވެއެވެ.

އެ އަލިފާނުގެ ހާދިސާ ހިނގައި އެތައް ބައެއްގެ ގެދޮރު ގެއްލުމާއި ގުޅިގެން ވަނީ، އެހީ ހޯދުމަށް ފަންޑެއް ހުޅުވާފައެވެ. އެ ފަންޑަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މީގެކުރިން އެންޑީއެމްއޭ އިން ބުނި ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ބުނެފައިވެއެވެ.

ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބައެއްގެ އިހުމާލެއް ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުރަތަމަ އަލިފާން ހިފާފައި ވަނީ ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ. އަދި އެއަށްފަހުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަގުމަތީގައި ހުރި ސައިކަލުތަކާއި، ކުރިމަތީގައި ހުރި ރަދުވާނާ ކިޔާގޭގައި އަލިފާން ހިފިއެވެ. އަދި އޭގެ ފަހުން އިތުރު ގެތަކުގައި އަލިފާން ގަނޑު ވަނީ ފެތުރިފައެވެ.

ފުލުހުން ބެލި ބެލުމުން އެނގުނު ގޮތުގައި "ތިލަފުށި ގޭގެ" ގުދަނުގައި 12 ތަފާތު ވައްތަރެއްގެ އެކިއެކި ކެމިކަލް ރައްކާކުރެވިފައިވެއެވެ. އޭގެ ތެރޭގައި ލޯންޑްރީގައި ބޭނުން ކުރާ ކެމިކަލްސްތަކާއި، އަދި ޕޫލް ޑިސް އިންފެކްޓް ކުރަން ބޭނުން ކުރާ ކެމިކަލްގެ އިތުރުން، ފްލޯކްލީންއަށް ބޭނުން ކުރާ ކެމިކަލްވެސް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ

މި ހާދިސާގައި ހަ ގުދަނަކާއި، ހަ ގެއެއް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބީރުމީހާ

    ބުނަން އެމީހުންނަށްވުރެ ހާލުގައި ޖެހިފައިތިބި ދިވެހިން މާލޭގައި އެބަތިބި ތިޔަ ގާކޮށީގައި ބިދެތި މުސާރަ ލިބޭ މީހުންވެސް ނުނިކުންނަށް ފާވިއްދާފައެބަތިބި

  2. ކިސަޑު

    ތިޔާތަނުގައި އުޅެނީ ހުސްއެކަނި އެގެތަކުގއ މީހުންތޯ ޗެކުކޮއްބަލަ އެއްބަޔަކު 3 ކޮޓަރިން 2ކޮޓަރި ކުއްޔަށް ދީގެންވެސް އުޅޭ ބަލާނެ ބަޔަކުނެތް