ހއ.އިހަވަންދޫ ބަޔަކު "މާވަހަރެއް" ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.

މާވަހަރު ކަމަށް ބެލެވޭ އެއްޗެއް ހޮވާފައި ވަނީ ހއ.މަޑުލާއި ހއ.ބެރިއްމަދޫއާ ދެމެދު ކަނޑުން، މިދިޔަ ހޮނިހިރު ދުވަހު ހަވީރު ކަމަށް "މާވަހަރު" ހޮވި މީހުންގެ ތެރެއިން އެކަކު ބުންޏެވެ.

އޭނާ ބުނީ އެމީހުން ހޮވީ މާވަހަރެއް ކަމަށް ރަށުގެ ދުވަސްވީ މީހުން ވެސް ބުނާ ކަމަށެވެ. އަދި އިންޓަނެޓުން ހޯދި މައުލޫމާތައް ބަލާއިރު ވެސް އެއީ މާވަހަރެއް ކަމަށް ވަރަށް ބޮޑަށް ބުރަވެވޭ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މާވަހަރެއްކަން ކަށަވަރު ކުރަން އަދި ޓެސްޓް ހަދާފައި ނުވާ ކަމަށެވެ.

މި "މާވަހަރު" ހޮވާފައި ވަނީ ފޫހިފިލުވާލުމަށް މަސް ބާނަން ޑިންގީއެއްގައި ނިކުތް ފަސް ރަހުމަތްތެރިންނެވެ. "މާވަހަރުގެ" ބަރުދަނުގައި ހަތަރު ކިލޯ އެބަހުއްޓެވެ.

އާއްމު ގޮތެއްގައި ރާއްޖެ އިން ހޮވާ މާވަހަރު ވިއްކަނީ ގްރާމެއް 24 ޑޮލަރާއި 28 ޑޮލަރާއި ދެމެދުގެ އަދަދަކަށެވެ. އެހެންކަމުން ހަތަރު ކިލޯގެ މާވަހަރަކަށް 1.4 މިލިއަން ރުފިޔާ އާއި 1.7 މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދެއް ލިބުން އެކަށީގެންވެއެވެ.

ރ.އަތޮޅު މަޑުއްވަރީ ދޯންޏަކުން ވެސް މި ހަފްތާގައި ވަނީ މާވަހަރެއް ހޮވާފައެވެ. އެމާވަހަރުގެ ބަރުދަނުގައި ދެކިލޯ ހުއްޓެވެ.