ހެންވޭރުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހ. ސަންލީޓްގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ފަަސް ފަންގިފިލާ އަށް ގެއްލުން ލިބިފައިވިޔަސް، މާދަމާ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބޭންކުން މިއަދު ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ، އެސްބީއައި ހުންނަ އިމާރާތުގެ ޖެހިގެން ހުންނަ ޓިއޯލާ ރެސްޓޯރަންޓުގައެވެ. އޭގެ ފަހުން، ރެސްޓޯރަންޓާ ޖެހިގެން ހުންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިން އަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ.

މި ހާދިސާގައި ރެސްޓޯރަންޓް އެއްކޮށް އަނދާ ހުލިވި އިރު، ހ. ސަންލީޓް އިމާރާތުގެ އެންމެ މަތީގައި ހުންނަ ޕެންޓް ހައުސް އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ތަނަކީ އިމާރާތުގެ ވެރިފަރާތުގެ އާއިލާ އިން ދިރިއުޅެމުން އަންނަ ތަނެކެވެ.

އެކަމަކު، އެ އާއިލާ ރާއްޖެ އިން ބޭރުގައި ދިރިއުޅެމުން ދިއުމުގެ ސަބަބުން އެތަން ހުރީ ހުސްކޮށެވެ.

އެސްބީއައި އިން ވިދާޅުވި ގޮތުގައި އެ އިމާރާތުގައި ބޭންކްގެ އެކި ބޭނުންތަކަށް ނަގާފައިވާ ފަސް ފަންގިފިލާ އަށް ވެސް އަލިފާނުގެ ސަބަބުން ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. އެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް ބޭންކުން ވިދާޅުވިއެވެ.

އަދި މާދަމާ ހިދުމަތް ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެސްބީއައި އިން ވިދާޅުވިއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިފައިވަނީ ދެގަޑިއެއްހާއިރު ކެނޑިނޭޅި ކުރި މަސައްކަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަރީމާ

    އެލްސިޔޯން ބޭކަރީ ކައީ މިފަދަ ބޮޑު ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރައް ކައިރި. ތެޔޮ ލޮރީން ތެޔޮއަޅާ ކޮންމެ ދުވަހަކު ބިރުން ހަލާކުވޭ. ކަމާބެހޭ ފަރާތުން ހުއްދަ ދީގެން ރަށުތެރޭ ތެޔޮ ރައްކާ ކުރަނީ. ވިޔަފާރި ވެރިން ވީމާ ސަރުކާރުން މިކަން ނުހުއްޓުވި. ދިރިއުޅޭ އާންމު ރައްޔިތުން ނަށް ހުރިހާ ގެއްލުމެއް. ބޮޑުކަމެއް ނުހިގަނީސް މިކަން ހުއްޓުވާން ޖެހޭ.

  2. ގ

    ތަޅު އަޅުވާފަ ތަޅުލާފަ ހުރި ތާކަށް، ތަޅު ހަލާކު ނުކޮށް ލާ، ކިހިނެތް ބަޔަކު ވަދެ ރޯ ކޮށްލާނީ.... ތި ވާނީ ތިތަނުގެ މައްސަލަޔަކަށް.. . . ރަގަޅަށް އަވަސް ތަހުގީގެއް ހިންގަން ޖެހޭ