ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް މިއަދު މާލެ ގެނެސް ލޮލުގެ ޑޮކްޓަރަކަށް ދައްކައިފިއެވެ.

ދުނީދޫގައި ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން މިއަދު މާލެ ގެނެސް ދެއްކީ ފަރީދީ މަގުގައި ހުންނަ ވިޝަން އޮޕްޓިކަލްގެ ކްލިނިކަކަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ރައީސް މައުމޫންގެ ލޮލަށް ދިމާވީ ކޮންކަހަލަ އާލާސްކަންފުޅެއް ކަމެއް ސާފެއް ނުވެއެވެ.

ހަފްތާއެއްހާ ދުވަސްތެރޭގައި ދެފަހަރެއްގެ މަތިން ރައީސް މައުމޫން މާލެ ގެނެސް ޑޮކްޓަރަށް ދެއްކި ނަމަވެސް އާލާސްކަންފުޅާއި އުޅުއްވާތީ ރައީސް މައުމޫންގެ ޝަރީޢަތްތައް ވަނީ ހުއްޓިފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އާލާސްކަންފުޅާއި އުޅުއްވާތީ ކަނޑުދަތުރު ކުރައްވަން ރައީސް މައުމޫން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

ރައީސް މައުމޫނަށް ވަނީ ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ޖެހިވަޑައިގެންފައި ކަމަށް އާއިލާ އިން ވިދާޅުވިއެވެ. އެއީ ކުއްލިއަކަށް އަނބުރައިގަނެގެން ވެއްޓިދާނެ ފަދަ ބައްޔެކެވެ.

ރައީސް މައުމޫން އާލާސްކަންފުޅާއި އުޅުއްވާތީ އެމަނިކުފާނު ގޭބަންދަށް ބަދަލު ކޮށްދިނުމަށް އާއިލާ އިންނާއި ޤާނޫނީ ވަކީލުން ވަނީ އެދިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމަވާފައި ވަނީ ރައީސް މައުމޫން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ގޭބަންދަށް ބަދަލު ކުރެވެން ނެތް ކަމަށެވެ.