އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ ފޭކް ކޯޓު އަމުރެއް ބޭނުންކޮށްގެން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރަން އުޅުނު މައްސަލައިގައިކަން ކަށަވަރު ވެއްޖެއެވެ.

މަންނާންގެ ގާތް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެމައްސަލައިގައި މަންނާންގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭ ވަރުގެ ހެކިތަކެއް ފުލުހުންނަށް ލިބުނެވެ. ނަމަވެސް އެއީ ކޯޓުގައި ކުށް ސާބިތުކުރެވޭ ވަރުގެ ހެކިތަކަކަށް ނުވާތީ މަންނާންގެ މައްޗަށް ޖިނާޢީ ދައުވާއެއް ނުއުފުލަން ވަނީ ނިންމާފައެވެ. ރައީސް ޔާމީން ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރުނު މައްސަލައިގައި މަންނާން އާއި ތަޙްޤީޤުގައި ސުވާލު ވެސް ކުރި ކަމަށް ވެއެވެ.

މަންނާން ފުލުހުންގެ ވަޒީފާ އިން ވަކިކުރީ އޭނާ ސަސްޕެންޑް ކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

މަންނާން ފުލުހުންގެ ވަޒީފާ އިން ވަކިކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ ވަކިވަކި ފުލުހުންނާއި މެދު އަޅާ އިދާރީ ފިޔަވަޅުތަކުގެ މައުލޫމާތު މީޑިއާ އާއި ހިއްސާ ނުކުރާ ކަމަށެވެ.

ރައީސް ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލައިގައި މުހުތާޒުގެ އިތުރުން އޭރު މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުރި އަހްމަދު ނިހާންގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ.

އޭގެ އިތުރުން އެއަމުރު ނެރުމުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު އާއި ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކްރަމް ކަމާލުއްދީންގެ ބައިވެރިވުން އޮތް ކަމަށް ހެކިވެރިން ކޯޓުގައި ބުނެފައި ވެއެވެ. ނަމަވެސް ދެބޭފުޅުން ރާއްޖޭގައި ނޫޅޭތީ އެބޭފުޅުންގެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.