އަފްޣާނިސްތާނުގެ ޕަރްވާން ޕްރޮވިންސްގައި ފެން ބޮޑުވެ ގިނަ ބަޔަކު މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އަފްޣާނިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ޕަރްވާން ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ވަނީ ގިނަ ބަޔަކު މަރުވެފައެވެ. މިކަމާ ގުޅިގެން ޝާހިދު ވަނީ އަފްޣާނިސްތާނުގެ އެކްޓިން ފޮރިން މިނިސްޓަރު މުހައްމަދު ހަނީފް އަތުމާރް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.

ޝާހިދު ފޮނުއްވެވި މެސެޖުގައި ވިދާޅުވެފައި ވަނީ، ޕަރްވާން ޕްރޮވިންސްގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބައެއްގެ ގެދޮރު ގެއްލުނު ހަބަރު އަޑު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ.

އަދި ކޮވިޑް-19ގެ މި ހާލަތުގައި ދިމާވި މި ދެރަ ހިތާމައިގައި ދިވެހި ސަރުކާރުންނާއި ރައްޔިތުން ބައިވެރިވާ ކަމަށާއި، ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ވިދާޅުވާ ކަމަށް މިނިސްޓަރުގެ މެސެޖުގައި ވިދާޅުވިއެވެ.

ކާބުލް އާ އިންވެގެން އޮންނަ ޕަރްވާން ޕްރޮވިންސްގައި ހިނގި ފެން ބޮޑުވުމުގެ ހާދިސާތަކުގައި 90 އަށްވުރެ ގިނަ މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. ފެންބޮޑުވެފައިވަނީ މިދިޔަ ހަފްތާގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެންނެވެ. އަދި 1500 އަށްވުރެ ގިނަ ގެތައް ވަނީ ހަލާކުވެފައެވެ. ގިނަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު ޕަރްވާންގެ އިތުރުންވެސް ހަތް ޕްރޮވިންސްއަކަށް ފެންބޮޑުވުމުގެ އަސަރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަފުޢާން

    މިފަހަރު ކޮންބަހަކުންބާ ތައުޒިޔާ ފޮނުވީ

  2. ހުސޭނުބޭ

    ނެތްތަ ބާ ކާޕެޓްގަނޑެއް!

  3. ނޫސްކިޔާމީހާ

    އާން ނެތްކަލޯ