ބޮޑުތަކުރުފާނު މަގުގައި ހުންނަ ޓިއޯލޯ ކެފޭގައި މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާގައި ރެސްޓޯރަންޓް އަނދައި ހުލިވި އިރު، އެ ތަން ހުރީ އިންޝުއަރެންސް ނުކޮށް ކަމަށާއި ލިބުނު ގެއްލުމުގެ ބަދަލު 1.5 މިލިއަނަށް އަރާ ކަމަށް އެ ތަނުން ބުނެފިއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހުންނަ އިމާރާތާ ޖެހިގެން ހުންނަ ޓިއޯލޯ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ އެއް ހާދިސާއެވެ. އެ ކެފޭގައި ކުޑަ އިރުކޮޅެއްގެ ތެރޭގައި ރޯވި އަލިފާން ގަނޑު މުޅި ތަނަށް ފެތުރިގެން ގޮސް، އެ ތަން އަނދައި ހުލިވި އެންމެ ބޮޑު އެއް ސަބަބަކީ އެތަނުގެ ބޮޑު ބައެއް ލަކުޑިން ހަދާފައި ހުރުމުންނެވެ.

ކެފޭ ޓިއޯލޯ އިން ބުނި ގޮތުގައި އަލިފާން ރޯވީ ފުރަތަމަ ފަންގިފިލާގައެވެ. އެކަމަކު، އެތަނަކީ އަލިފާން ހިފާނެ ޒާތުގެ އެއްޗެއް ހުންނަ ތަނެއް ނޫނެވެ. އެހެންވެ، އެ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ބަޔަކު މީހުން ގަސްދުގައި ކެފޭގައި ރޯކޮށްލީއެވެ.

އަދި އަލިފާން ރޯވީ ކެފޭ ބަންދުކޮށް ތަޅުލާފައި ހުރި ވަގުތެއްގައި ކަމަށް ވުމުން، އެ ވަގުތު ތަނުގައި ހުންނާނީ އެތަނުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު އެކަނި ކަމަށްވެއެވެ. އެ ތަނުގައި ގާތްގަނޑަކަށް 13 ބިދޭސީން މަސައްކަތް ކުރެއެވެ.

ތަނުގެ ކަރަންޓް ވަޔަރިން ބަދަލު ކުރިތާ އަދި ވީ ދޮޅު އަހަރު ކަމަށްވެއެވެ. އަދި އެ ތަނުގައި ކަރަންޓު ޝޯޓެއް އުޅެދާނެ ކަމަށް ކެފޭގެ ވެރިން ގަބޫލެއް ނުކުރެއެވެ. އެ ކެފޭގައި ރޯވާން ދިމާވި ސަބަބު ހޯދުމަށް ފުލުހުން މިހާރު ވަނީ ތަހުގީގު ފަށައިފައެވެ.

އަލިފާންގަނޑު އެއްފަހަރު ކޮންޓްރޯލްވި، ތަކެތި ވެސް ނެރެން ފުރުސަތު ލިބުނު!

އަލިފާން ގަނޑު ފުރަތަމަ ރޯވި ކެފޭ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

ޓިއޯލޯ ކެފޭ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު "ވަގުތަށް" ކިޔައި ދިން ގޮތުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ޓިއޯލޯ ކެފޭގެ މަތީ ފަންގިފިލާގައި ކަމަށް ވާއިރު، އެންމެ ފުރަތަމަ ކަމާ ބެހޭ ފަރާތްތަކުން އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނެވެ. އަދި ތިރީ ފަންގިފިލާގައި ހުރި ބައެއް ތަކެތިވެސް ނެރެން ފުރުސަތު ލިބުނު ކަމަށް އޭނާ ބުންޏެވެ.

ދެވަނަ ފަހަރު އެތަނުގައި ރޯވެ، ތަން އެއްކޮށް އަނދައިގެން ދިިޔައިރު، އެތަނުގެ ތެރޭގައި 5 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވެސް ހުންނާނެ ކަމަށް އެ އެމީހާ ބުންޏެވެ.

"އިންޝުއަރެންސް ނުކޮށް ހުރީ. ބަދިގެއަކު ނޫން ރޯވީވެސް. މަތީގަ ރޯވީ. ޓެންޓާއި ދިމާގަ. ތިރި ފުރަތަމަ ކޮންޓްރޯލްވި. އޭގެ މާފަހުން މަނީއެކްސްޗޭންޖުން ބައެއް ސާމާނުވެސް ނެރުނިިން، އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު ނެރުނީ. އޭގެ މާފަހުން އެތާގައި ރޯވީ. ޓައިމްފްރޭމް ލިބުނު މަނީއެޗްސްޗޭންޖް ސަލާމަތް ކުރަން" އޭނާ ބުންޏެވެ.

އޭނާ ބުނީ ކެފޭ އަނދަމުން ދިޔަ އިރު އެތަނުގައި ހުންނަން ޖެހުމުން ހިތަށް ކުރި އަސަރުތަކަކީ ބުނެދޭން ނޭނގޭ ފަދަ ހިތްދަތި އިހުސާސްތަކެއް ކަަމަށެވެ.

"ވަރަށް ދެރަވި. ލޯ ކުރިމަތިން ހުރިހާ އެއްޗެއް އަނދައިގެން ދިޔައީ." އޭނާ ބުންޏެވެ.

އެ ކެފޭގައި ރޯވެ އަނދާފައި ވަނީ އެތަނުގެ ވިޔަފާރިވެސް ދަށްކޮށް ދިޔަ ދުވަސްކޮޅެއްގައެވެ. އެ ހާދިސާގައި ޓިއޯލޯގެ އިތުރުން އެސްބީއައިގެ މަތީގެ ފަންގިފިލާތަކަށް ވަނީ ވަރަށް ބޮޑަށް އަލިފާނުގެ އަސަރުކޮށްފައެވެ. އެގޮތުން އެތަނުގެ ޕެންޓް ހައުސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގ

    ތަޅު އަޅުވާފަ ތަޅުލާފަ ހުރި ތާކަށް، ތަޅު ހަލާކު ނުކޮށް ލާ، ކިހިނެތް ބަޔަކު ވަދެ ރޯ ކޮށްލާނީ.... ތި ވާނީ ތިތަނުގެ މައްސަލަޔަކަށް.. . . ރަގަޅަށް އަވަސް ތަހުގީގެއް ހިންގަން ޖެހޭ