މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ހިދުމަތްތައް މިހާރު ހުޅުމާލޭގައި ހުންނަ އެ ބޭންކުގެ ބްރާންޗުން ލިބެން ހުންނާނެ ކަމަށް އެސްބީއައި އިން ބުނެފިއެވެ.

މިއަދު އެސްބީއައި އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ ބޭންކު ހިންގަމުން ދިޔަ އިމާރާތް ކަމަށްވާ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގް އާއި އިންވެގެން ހުންނަ ރެސްޓޯރެންޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އެސްބީއައި އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވުމާއި އެކު، އެ ބޭންކުން ދެމުން އަންނަ ހިދުމަތްތަކަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ބުރޫ އަރާނެ ކަމަށެވެ.

އެހެން ނަމަވެސް މަސައްކަތް ކުރަމުން އަންނަނީ އެ ހާދިސާގެ ސަބަބުން ބޭންކުގެ ހިދުމަތްތަކަށް އަރާ ބުރޫތައް ވީހާވެސް ކުޑަ ކުރުމަށް ކަމަށާއި، އެކަމަށްޓަކާ ފިޔަވަޅުތަކެއް އަޅަމުން ދާކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެސްބީއައިގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ ބޭންކުގެ މައި ބްރާންޗު ކަމަށްވާ މާލޭ ބްރާންޗުން ފޯރުކޮށްދެމުން ދިޔަ ހިދުމަތްތައް ހުޅުމާލޭ އަމީން އެވެނިއު ބިލްޑިންގް ގައި ހުންނަ ބްރާންޗުން މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ގަދަގޭ މުހައްމަދުފުޅު ބިލްޑިންގް އަށް އަލިފާނުގެ ހާދިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ބިލްޑިންގްގައި އެސްބީއައި ހިންގާ ފަސް ފަންގިފިލާއަށްވެސް ވަނީ ގެއްލުން ލިބިފައި ކަމަށް އެސްބީއައި އިން އިއްޔެ ވަނީ ހާމަކޮށްފައެވެ.