ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރުމުގައި ނަގާ ޑިއުޓީ މުރާޖައާ ކޮށްދޭނީ އެންމެ އަވަހަށް ވެސް 2023 ވަނަ އަހަރު ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ، އީޔޫއިން ނަގަމުންދާ މަހުގެ ޑިއުޓީއަކީ މަސްވެރިކަން ކުރަން ގެންގުޅޭ އުސޫލުތަކުގެ އިތުރަށް ވެސް އެކި ކަންކަމަށް ރިއާޔަތްކޮށް ކަނޑައެޅޭ އަދަދެއް ކަމަށެވެ.

އީޔޫގެ ގައުމުތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓް މިހާރު ކުރެވެނީ 24 ޕަސެންޓް ޑިއުޓީގައި ކަމަށާއި އެ އަދަދު ނަގަމުންދާއިރު، އެ ގައުމުތަކުގައި ވެސް ރާއްޖޭގައި މަސްވެރިކަން ކުރާ އުސޫލާ މެދު މާ ބޮޑު ކަންބޮޑުވުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މަހުގެ ޑިއުޓީ ކުޑަކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން އީޔޫއަށް ހުށަހެޅުމެއް ފޮނުވާފައިވާ ކަމަށް ޒަހާ ވިދާޅުވިއެވެ. އީޔޫއިން ދިވެހި ސަރުކާރަށް މިހާތަނަށް އަންގާފައި ވަނީ އެއާ ގުޅޭ ގޮތުން އެ ޖަމިއްޔާއިން ގޮތެއް ނިންމައި ޑިއުޓީގެ ރޭޓް ރިވިއު ކުރެވޭނީ އެންމެ އަވަހަށް 2023 ވަނަ އަހަރުގައި ކަމަށް ޒަހާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޑިއުޓީ ކުޑަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރެވި ޖޫން މަހުގެ ތެރޭގައި އަޅުގަނޑުމެން ވެސް ވާނީ ސަބްމިޝަންއެއް ހަދާފައި. އެކަމަކު އެންމެ އަވަހަށް ވެސް އެ ބޭފުޅުން އެ ޑިއުޓީ ރިވިއު ކުރައްވާނީ 2023 ވަނަ އަހަރު ކަމަށް މިހާރު ހަދާފައި އޮތް ސަބްމިޝަންއަށް." ޒަހާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ އޭގެ ކުރިން ވެސް އެ މައްސަލައަށް ހައްލެއް ގެނެވޭތޯ އިކޮނޮމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، އީޔޫގެ ޖެނެރެލައިސްޑް ސިސްޓަމް އޮފް ޕްރިފެރެންސް (ޖީއެސްޕީ) ގެ ދަށުން ރާއްޖޭން ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ދައްކާކަށްނުޖެހެއެވެ.

ނަމަވެސް، 2013 ވަނަ އަހަރު މެދު އާމްދަނީގެ ގައުމަކަށް ރާއްޖެ ގްރެޖުއޭޓް ވުމާއެކު އީޔޫން ދެމުންއައި ޖީއެސްޕީގެ އިނާޔަތްތައް ވަނީ ކަނޑާލައިފައެވެ.

މީގެ އިތުރުން 2015 ގައި ރާއްޖެ ފަދަ ގައުމުތަކަށް އަމާޒުކޮށް އީޔޫއިން ތައާރަފްކުރި ޖީއެސްޕީ ޕްލަސްގައި ބައިވެރިވާން އަސާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ 27 މުއާހަދާއެއްގައި ރާއްޖެ ބައިވެރިވެފައި ނުވާތީ އެއަށް ޝަރުތު ފުރިހަމަ ނުވާ ކަމަށް އީޔޫއިން ބުނެފައިވެއެވެ.

އެ މުއާހަދާތަކުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގައި ހިމެނޭ ދީނީ މިނިވަންކަން ދިނުމުގެ ބައާއި އެއް ޖިއްސުން ކައިވެނި ކުރުމުގެ ބައި ހިމެނެއެވެ. އެއީ ރާއްޖޭގެ އިސްލާމީ މުޖުތަމައާ ހިލާފް ކަންކަން ކަމަށް ވާތީ ޖީއެސްޕީ ޕްލަސް ހޯދުމުގައި ރާއްޖެއަށް ހުރަސްތަކެއް އޮތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަބީބު

    ސުވާލާ ޖަވާބު ލިޔެފައި ދީގެން ރީތި ޑުރާމާއެއް މި ކުޅެނީ!!!!

  2. އެރރ

    ރީއްޗެއްނު ދެއްކިވާހަކަ... 2023 ގަޔޯ! އޭރުއޮންނާނީ ވޯޓުލާވެފައެއެއްނު މައްސަލަ ސިޔާސީ ކޮއްލެވޭނެނު

  3. އެރރީ

    ރީއްޗެއްނު ދެއްކިވާހަކަ... 2023 ގަޔޯ! އޭރުއޮންނާނީ ވޯޓުލާވެފައެއެއްނު މައްސަލަ ސިޔާސީ ކޮއްލެވޭނެނު

  4. ރަބަރޭ

    2023 ވަނަ އަހަރު ދިވެހިން ލާދީނިއްޔަތައް ވޯޓް ލާއިފިނަމަ ރިވިއުކުރާގޮތައް ދެއްތޯ؟ ހޯ ހޯ ތިޔާކަމެއް ނުވާނެ
    ބޮޑުވަރު