ތިން ގައުމަކުން ރާއްޖެއަށް އާ ސަފީރުން ކަނޑައަޅުއްވައި، އެ ބޭފުޅުންގެ މަގާމުގެ ފަތްކޮޅު އަރުއްވައިފިއެވެ.

ތިން ގައުމަކުން ރާއްޖެ އަށް އަލަށް ކަނޑައެޅުއްވި ސަފީރުންނަށް އެ ބޭފުޅުންގެ މަގާމުގެ ފަތްކޮޅު އަރުއްވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސާލިހެވެ.

ރާއްޖެއަށް އާ ސަފީރުން ކަނޑައެޅީ އަވަށްޓެރި ސްރީލަންކާ އާއި ޕާކިސްތާނާއި ބަންގްލަދޭޝް އިންނެވެ.

ސްރީލަންކާ އިން ކަނޑައެޅުއްވި ސަފީރަކީ އެ ގައުމުގެ މަޝްހޫރު މިއުޒީޝަނެއް ކަމަށްވާ ރޮހާނާ ބަޑާޖެވެ. ޕާކިސްތާނުން ކަނޑައެޅުއްވި ސަފީރަކީ ރިޓަޔާޑް ވައިސް އެޑްމިރަލް އަތާރް މުޚްތާރެވެ. އަދި ބަންގްލަދޭޝް އިން ކަނޑައެޅުއްވީ ނަޒްމުލް ހަސަންއެވެ.

މިބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވުމަށް ވަކި ވަކިން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ އެގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ފާހަގަކޮށް، އިތުރަށް އެގުޅުން ބަދަހި ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.