ގއ. ދާންދޫން ކޮވިޑް-19 އަށް ފައްސިވި ދެމައިން އެ އަތޮޅު ވިލިނގިލީގައި ހުންނަ ފެސިލިޓީ އަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

ދާންދޫން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ކޮވިޑް-19 އަށް ޓެސްޓް ކުރި ދެ މީހުންނެވެ. އެ ރަށުން ފައްސިވީ އުމުރުން 59 އަހަރުގެ އަންހެނަކާއި އޭނާގެ އުމުރުން 19 އަހަރުގެ ފިރިހެން ދަރިފުޅެވެ.

އެ ރަށުން ފައްސިވި އަންހެން މީހާއަކީ ހައިރިސްކު ކެޓަގަރީގެ މީހެކެވެ.

ދާންދޫން ފައްސިވި ދެ މީހުން ވިލިނގިލި ފެސިލިޓީއަށް ގެންގޮސްފައި ވަނީ ގދ. ތިނަދޫން ކޮވިޑް-19 އަށް ފައްސިވި އުމުރުން ދުވަސްވީ މީހަކު، ވިލިނގިލިފެސިލިޓީ އަށް ގެންދިއުމަށް ހުރަސްއެޅި މައްސަލަ ހޫނުވެފައިވަނިކޮށެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި ދާންދޫން ފައްސިވި ދެ މީހުން ވިލިނގިއްޔަށް ގެނައި އިރު، ހިނގާފާނެ ހަމަނުޖެހުމަކަށް ފުލުހުން ތިބީ ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފައެވެ.

ވިލިނގިލީ ހޮސްޕިޓަލުން މިއަދު ވިދާޅުވި ގޮތުގައި ދާންދޫން ކޮވިޑް-19 އަށް ފައްސިވި ދެ މީހުން ރޭ 10:00 ހާއިރު އެ ހޮސްޕިޓަލަށް ގެންގޮސް އެމީހުންނަށް އެޑްމިޓްކޮގެން ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް ދެމައިންގެ ހާލު އަދި ރަނގަޅު ކަން އެނގިފައިވެއެވެ.

ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހެދީ ގއ. އަތޮޅާއި ގދ. އަތޮޅުން ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާދިނުމަށެވެ.

އެކަމަކު ތިނަދޫން ފައްސިވި 68 އަހަރުގެ އުމުރުން ދުވަސްވީ ފިރިހެން މީހާ ވިލިނގިއްޔަށް ގެންދަން އުޅުމުން، ވިލިނގިލި ބަޔަކު ނުކުމެ، އެމީހާ ރަށަށް އެރުވިޔަ ދީފައެއް ނުވެއެވެ. އެ ރަށަށް ނޭރުވުމުން ސަރުކާރުން ޖެހުނީ، އެމީހާ އެއާ ޓެކްސީއެއްގައި މާލެ ގެންނާށެވެ.

އެކަމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހަދަން ނިންމައިފައެވެ.

ތިނަދޫން ކޮވިޑް-19 އަށް ފައްސިވި މީހަކު އެ އަތޮޅު ވިލިނގިއްޔަށް ގެންދަން އުޅުމުން ރަށަށް އެރުވިޔަ ނުދިނީ ޕީޕީއެމްގެ މަދު ބަޔަކު ކަމަށާއި މި ދަށު ދަރަޖައިގެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވިލިނގިލި ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް، އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެ ތުހުމަތުތައް ދޮގުކުރެއެވެ.

ވިލިނގިލީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެ އަމަލު ހިންގި މީހުންނާ މެދުގައި ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 8،000 އަށް ވުރެ މައްޗަށް އަރައިފައެވެ. މި ބަލީގައި 29 މީހަކު ނިޔާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގއ.މާމެންދޫ

    ވިލިގިއްލޭ މީހެނެ ރަކި ވީކުން... ހެހެހެ..

    10
    4
  2. ނައުރީރު

    ދިވެހި ރާއްޖޭގެ

  3. ގއ މާމެންދޫ ކޮވިޑު

    ވިލިގިއްލާ ޒައިޒުކޮއްލިޔާ. ?? .ސާބަހޭ ތެނަދޫ މީހެންނަން.

    11
    2
  4. ޙުސޭނު

    ޥިލިނގިލީ މީހުންނަށް ޝުކުރިއްޔާ. ދާންދޫ މީހުންނަށް ފަރުވާދޭން އެހީ ވީމަ.

  5. ދިވެހިން

    ވިލިނގިލި ހޮސްޕިޓަލް މެނޭޖަރު ބުނީ ދިވެހިރާއްޖޭގެ %45 މީހުންނަށް ވީމަޔޯ ފެސިލިޓީން ހިދުމަތްދޭން ފަށާނީ. މިވީ ކިހިނެއްބާ ؟؟؟؟

    • އަލިބެއްޔާ

      އެއީ ބޮލެއް..