ރާއްޖޭގައި ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދޭން ނިންމައި، އެކަމާ ގުޅޭ އުސޫލުތައް ހިމެނޭ ގަވާއިދު ވަކީލުން ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އޮންނަ ބާ ކައުންސިލުން އެކުލަވާލައި، އާންމުކޮށްފިއެވެ.

ބާ ކައުންސިލުގެ އެ ގަވާއިދު ބުނާ ގޮތުން، ބިދޭސީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތު ކުރެވޭނީ ކޯޓެއްގައި ހިނގަމުންދާ މައްސަލަތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ވަކި މުއްދަތެއް ވަން ދެނެވެ. މި ގޮތުން އެއް ޝަރުތަކީ ބާ ކައުންސިލްގައި ރަޖިސްޓްރީ ކުރެވި ހުއްދަ ދޫކޮށްފައިވާ ދިވެހި ވަކީލަކާ ނުވަތަ ދިވެހި ވަކީލުން ހިމެނޭ ލޯ ފާމްއަކާ ގުޅިގެން ވަކާލާތު ކުރުމެވެ. ދިވެހި ވަކީލަކާ ނުވަތަ ލޯފާމްއަކާ ގުޅިގެން މެނުވީ ބިދޭސީ ވަކީލުންނަށް ވަކާލާތު ނުކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ބަންޑާރަ ނައިބުގެ އޮފީސް ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ބޭނުންވެގެން، ދައުލަތުގެ އެ ދެ މުއައްސަސާއެއް ތަމްސީލު ކުރެވޭ ގޮތަށް ބިދޭސީ ވަކީލުންގެ އެހީތެރިކަން ބޭނުންވެގެން ހުށަހަޅާނަމަ އެ ވަކީލުންނަށް ވެސް ރާއްޖޭގައި ވަކާލާތު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބާ ކައުންސިލްގެ ގަވާއިދުގައިވެއެވެ.

އެ ގަވާއިދުގައިވާ ގޮތުން، ބިދޭސީ ވަކީލަކަށް ވަކާލާތު ކުރަން ހުއްދަ ދެވޭނީ، އޭނާ ވާހަކަ ދައްކާ ބަހަކުން ކޯޓުގައި ވާހަކަ ދެއްކުމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރ ނުވަތަ ފަނޑިޔާރުންގެ އިއުތިރާޖެއް ނެތް ނަމަ އެވެ. އަދި އޭނާ ދައްކާ ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކުރާނެ މީހަކު ވެސް ހުންނަން ވާނެ ކަމަށް ގަވާއިދުގައިވެއެވެ.

ހައި ކޯޓުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގައި ތިން އަހަރުގެ ތަޖުރިބާ ހުންނަން ޖެހެއެވެ. އެ ވަކީލަކު ނިސްބަތްވާ ގައުމެއްގެ އިސްތިއުނާފީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ވެސް އޮންނަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ސުޕްރީމް ކޯޓުގައި ހިނގާ މައްސަަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގައި، ފަސް އަހަރުގެ ތަޖުރިބާ ހުންނަން ޖެހެއެވެ. އަދި އެ ވަކީލަކު ނިސްބަތްވާ ގައުމުގެ އެންމެ މަތީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ވެސް އޮންނަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ބިދޭސީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތު ކުރުމަށް ފީއެއް ނެގުމަށް ވެސް ނިންމާފައިވެއެވެ. އެއީ ދަށު ކޯޓުތަކުގައި ވަކާލާތު ކުރަން 2،000 ރުފިޔާގެ ފީއެކެވެ. ހައި ކޯޓުގައި ވަކާލާތު ކުރަން 5،000 ރުފިޔާގެ ފީއެކެވެ. އަދި ސުޕްރީމް ކޯޓުގައި ނަމަ 10،000 ރުފިޔާގެ ފީއެކެވެ.

މީގެ އިތުރުން، ބިދޭސީ ވަކީލަކު ވަކާލާތު ކުރަން އެދޭ ބާވަތުގެ މައްސަލައަކީ ރާއްޖޭގައި އެ ކަމަށް ފަންނީ ވަކީލުން ނެތް ބާވަތުގެ މައްސަލައެއް ކަން ނުވަތަ މައްސަލަ ބައްލަވާ ފަނޑިޔާރު ނުވަތަ ފަނޑިޔާރުންގެ ބެންޗުގެ އިއުތިރާޖެއް ނެތް ކަން ބާ ކައުންސިލް އިން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢާފި

    ބަރާބަރު. ބޭރަށް ޖަހާފަ ބަހައްޓާ

  2. ޖ

    މިއުޅެނީ އަނެއްކުޅިގަޑުކުޅެން .ބަލަންތިބޭ މިމީހުންނައްްވޯޓުދިންމީހުން ރާއްޖެ މިދަނީރަގަޅު ދިމާލަކައްނޫން

  3. ގާޒީސާހިބް

    ޝަރުއީ ދާއިރާވެސް އޮންޑިޔާއަށް ވިއްކާލީ. މުޅިގައުމު ހަލާކު. ނަޝީދު އާއެކު މިގަމު އޮންޑިޔާއަށް ވިއްކާ ހުސްކޮއްފި.

  4. ވިލިގިއްލޭ ފޮނިހުތާ

    މި މީހުނަށް ހީވާކަހަލަ މަތިން އައިސްތިބި ބައެކޭ.. ބޮޑާ ކަމާއި ކިބުރުވެރިކަން.. މިބައި މީހުންގެ ކިބައިން މި ޤައުމު ސަލާމަތް ކުރައްވާށި..

  5. ކޮކްތެރެ

    މިފެށުނީ އަދިކިރިޔާ ފެށުން ދެންވެސް ރައްޔިތުން ހޭ އަރަންވީ ގައުމުގެ އުސްދިގުލާލޭ ކިޔާ މޮޅުވާހަކަ ދައްކަނީ މިކަހަލަކަންތައް ކުރަން މިވަރުންދަންޏާ ފަނޑިޔާރުންނައްވެސް އަދި ލާނެ ތިޔަ ބޭރުމީހުން ސަހަރޯ ގައުމެއްނެތް އެމީހަކާ އެމީހެއް ހަދާނެ އެއްޗެއް ހަދަނީ އަދިވެސް ބަލާ މެޖޯރިޓީ ދެވޭތޯ ރައްޔިތުން ވިސްނަންވީ މިގައުމުގަނެއްކަން ރަންއިލޮށިން ކަދުރުކާންދޭނެ ވެރިޔެއް ވެރިކަމައް އަންނަން ކިތަންމެ ހުވަފެނެއް ދެއްކިޔަސް އެމީހަކައް ދައްކަވަން ހުރިކަމެއް ދައްކަވާފައި މަރުގަންނަވާނީ މާތް ﷲ މިބައިގަނޑުގެ ކިބައިން ސަލާމަތްވޭތޯ ދުއާކުރައްވާ އެންމެހާ ބޭފުޅުން އަބަދުވެސް ވޯޓްދެއްވާއިރު ވިސްނަވާ ކާކައްތޯ މިވޯޓްދެވެވެނީ ސަމާސަޔައް ވޯޓް ދެއްވޭތީ މިހެންދިމާވަނީ

  6. ޙހހހ

    އަނެއްކާ ދިވެހި އެތައް ދަރިއެއްގެ ވަޒީފާ ގެއްލެނީ ، އަދިވެސް ނޫސްވެރިންގެ ޒިންމާ އަދާ ކުރާ ކަށް ނުވޭބާ ،

  7. ޙހހހ

    ޤާނޫނު އަސާސީގައި އޮންނާނެ މިޤައުމުގެ ދީނަ ކީ އިސްލާމްދީނޭ ، އެހެންވީމަ މުސްލިމް ނޫން ބަޔަ ކު މިޤައުމުގެ ކޯޓުތަ ކުގައި ހު ކުމް ކުރާނަމަ ދީނާ ހުރި ބިރެއްމީ ، މިމީހުން ނިންމަފާނެ މިޤައުމުގައި އެހެން ދީންތައް އޮންނަންވާނެ ކަމަށް

  8. އަލީ

    ކުލޫނީ އައް މަގުފަހިކޮއްދެނީ..