މި އަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން ދައްކާފައިވާ ރެޖިސްޓްރޭޝަން ފީ އަނބުރާ ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ގިނަ ކުންފުނިތަކުން ވަނީ ރަޖިސްޓްރޭޝަން ފީ ދައްކާފައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާ އިން ހުއްދަ ދީފައި ވަނީ ހަމައެކަނި އެ ގައުމުގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ.

އެހެންކަމުން އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް މިދިއަ ފެބްރުއަރީ މަހު ކުރި އިއުލާނު މިނިސްޓްރީން ވަނީ ބާތިލުކޮށްފައެވެ. މިއަހަރު ރާއްޖެއިން ހަައްޖަށް ގެންދިއުމަށް 18 ކުންފުންޏަކުން ވަނީ ރަޖިސްޓްރޭޝަން ފީ ދައްކާފައެވެ.

އެހެންކަމުން އެ މިނިސްޓްރީން މިހާރު ވަނީ އެ ކުންފުނިތަކުން ދެއްކި ފައިސާތައް އަނބުރާ ދިނުމަށް ނިންމާފައެވެ. ޕްރޮޕޯޒަލް ރެޖިސްޓްރީ ކުރުމަށް 18 ކުންފުންޏަކުން 10،000 ރުފިޔާގެ ފީ އެއް އިސްލާމިކް މިނިސްޓްރީ އަށް ވަނީ ދައްކާފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ރާއްޖޭގެ ގިނަ ބަޔަކަށް ލިބިފައި ނުވި ނަމަވެސް ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ފަސް ދިވެއްސަކަށް އެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ.