މައިކްރޯސޮފްޓްގެ ސްޓާޓްއަޕް އީކޯސިސްޓަމް "ހައިވޭ ޓު އަ ހަންޑްރެންޑް ޔުނިކޯންސް" ދިވެހިރާއްޖޭގައި ހިންގުމަށްޓަކައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި މައިކްރޯސޮފްޓާއި ގުޅިގެން މަޝްވަރާބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ބައިވެރިވީ އެމްޑީއެންއޭ އާއި ސާކް، މައިކްރޯސޮފްޓް ސްޓާޓްއަޕްގެ ކަންޓްރީ ހެޑް ކަމަށްވާ ލަތިކާ ޕައި، މައިކްރޯސޮފްޓްގެ ފަރާތުން ބައިވެރި އިތުރު ބޭފުޅުންނާއި ޖެން އިންޑިއާ ޓީމުގެ ބޭފުޅުންނެވެ.

މައިކްރޯސޮފްޓްގެ ސްޓާޓްއަޕް އީކޯސިސްޓަމް "ހައިވޭ ޓު އަ ހަންޑްރެންޑް ޔުނިކޯންސް" އަކީ ޓެކްނޯލޮޖީގެ ދާއިރާގައި ވިޔަފާރިތަކަށް އަލަށް ވަންނަ ކުދިންނަށް ފުރުސަތު ހުޅުވާލުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ ސްޓާޓްއަޕްތައް ހޮވިގެންދާނީ މައިކްރޯސޮފްޓްއިން ބާއްވާ "އެމާރޖް އެކްސް" މި މުބާރާތުގެ ތެރެއިންނެވެ.

"އެމާރޖް އެކްސް" މި މުބާރާތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރިތަކަށް ލިބިގެންދާނެއެވެ. އަދި މީގެ ތެރެއިން އެންމެ ރަނގަޅު ވިޔަފާރިތަކަށް އަމިއްލަ ޓެކްނޯލޮޖީ ވިޔަފާރީގެ މައުލޫމާތު އިންވެސްޓަރުންނާއި ވެންޗަރ ކެޕިޓަލިސްޓުންނާއި ހިއްސާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. ހަމަ އެއާއިއެކު މީގެ ތެރެއިން އެންމެ ރަނގަޅު 3 ޓެކްނޯލޮޖީ ވިޔަފާރި އިންވެސްޓަރުންނާއި ވެންޗަރ ކެޕިޓަލިސްޓުން ހޮވާނެއެވެ.

"އެމާރޖް އެކްސް" މި ޕްރޮގްރާމްގައި ބައިވެރިވާ ސްޓާޓްއަޕް ތަކަށް ދުނިޔޭގެ ފެންވަރުގެ ވާހަކަދެއްކުންތެރިން ބައިވެރިވާ ރީޖަނަލް އީވެންޓްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެއްއަހަރުގެ މުއްދަތައް މެންޓޯޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. މި މެންޓޯޝިޕް ޕްރޮގްރާމުގެ ތެރެއިން އަމިއްލަ ޓެކްނޯލޮޖީ ވިޔަފާރި އިތުރަށް ހަރުދަނާކޮށް ފުޅާކުރެވޭ ގޮތްތަކާއި މައުލޫމާތު ވެބިނަރސް އަދި ވޯކްޝޮޕްސް މެދުވެރުކޮށް ފޯރުކޮށްދެވިގެންދާނެއެވެ.

މި މަސައްކަތަކީ ރާއްޖެއަކީ ރީޖަނަލް ޓެކްނޯލޮޖީ ހަބް އަކަށް ހެދުމަށްޓަކައި އަދި ރާއްޖޭގެ މި ދާއިރާގައި ހަރަކާތްތެރިވާ ކުދިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކެވެ. މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވަނީ ބައެއް މުހިއްމު ކަންތައްތަކަށް އަލިއަޅުވާލާފައެވެ.

މިގޮތުން މީގެ 15 އަހަރު ކުރީގައި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޯލޮޖީގެ ނަމުގައި މިނިސްޓްރީއެއް އުފެދިގެން ދިޔަ ކަމާއި، އޭރު ރާއްޖެއަކީ ޓެކްނޯލޮޖީގެ ރޮނގުން އޭޝިއާ ސަރަހައްދަށް ބަލާއިރު ވަރަށް ކުރީ ސަފުގައި ހިމެނުނު ޤައުމެއް ކަމާއި، އެހެންނަމަވެސް މިނިސްޓްރީ އުވިގެންދިއުމާއި އެކު ދުވެލި ފަހަތައް ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

މިފަދައިން ކަންތައް ހިނގައިދިޔަ ނަމަވެސް ސަރުކާރުގެ މުއައްސަސާތަކުގެ ޓެކްނޯލޮޖީ ބޭނުންތައް އެން.ސީ.އައި.ޓީގެ އެއްބާރުލުމާއިއެކު ކުރިއަށްގެންދެވުނުކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެއަކީ ޓެކްނޯލޮޖީގެ ވަސީލަތްތައް ވަރަށް ގިނައިން އިންޕޯޓުކުރާ ޤައުމެއް ކަމާއި، ޓެކްނޯލޮޖީ އާއި ދޯޅުވުމުގައި ޕްރައިވެޓް ސެކްޓަރގެ މަސައްކަތްތައް މިގޮތުން ފާހަގަކޮށްލެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރާއްޖޭގައި އަމިއްލަ ވިޔަފާރި މަތީ ހަރުފަތަކަށް ގެންދަން ބޭނުންވާ ޒުވާން ހުނަރުވެރި މީހުންވެސް އެބަތިބިކަމާއި، މިނިސްޓްރީއިން އަބަދުވެސް މަސައްކަތް ކުރަނީ މި ޒުވާނުންގެ އުއްމީދުތައް ހާސިލްކުރުމުގެ މަގު ތަނަވަސްކޮށްދެވޭތޯކަމުގައެވެ. މިގޮތުން މުސްތަޤުބަލުގައި މައިކްރޯސޮފްޓް ފަދަ ބޮޑެތި އެހެން ޓެކްނޯލޮޖީ ކުންފުނިތަކާއި އެކުވެސް މިފަދަ މަސައްކަތް ކުރުމަށް މިނިސްޓްރީއިން ވިސްނަމުންދާކަމަށް ފާހަގަކޮށްލެއްވިއެވެ.

ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖޭގައި ވިޔަފާރިތައް ހުޅުވާ ޒުވާނުން އެ މީހުން އުފައްދާ ޓެކްނޯލޮޖީއަކީ ހަމައެކަނި ރާއްޖޭގައި ބޭނުންކުރަން ހެދޭ އެއްޗެއްގެ ގޮތުގައި ވިސްނުމުގެ ބަދަލުގައި، އަޅުގަނޑުމެންނާއި ރަހުމަތްތެރި އެހެނިހެން ޤައުމުތަކަށްވެސް ބޭނުންކުރެވޭ ފަދަ ޓެކްނޯލޮޖީ ހައްލުތަކަށް ސަމާލުކަން ދޭން އެބަޖެހޭ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    ކަލޭތީ ބޮޓެއް. އިސްތިއުފާ ދޭންވީ.

    11
  2. ނުހާ

    ކަމެއްކުރާ މީހެއްތަ މީ؟ މީބޭނުންހިފޭ މިނިސްޓްރީއެއްތަ؟ ހިނިއަންނަނީހަމަ.... މީދެންހަމަ މީނައަށްމުސާރަދޭން ހަދާފަހުރި ކަޑަގަނޑެއް... އިންޓަނެޓް އަގުހެޔޮކުރަން ހަދާފަހުރި މިނިސްޓްރީއޯ ހަހަހަ .... މަލަދުވެސްގަނޭ ... އުވާލާ ހަމަމިހާރު...

    15
  3. Anonymous

    މަރުމޯލު

    11
  4. ބޯކިބާ

    އޭރު އޭޝިއާގައި ޓެކްނޮލޮޖީގެގޮތުން އެންމެ ކުރިއަރާފައޮތް ގައުމެކޯލަ. ހެހެހެ.

  5. Anonymous

    މިކަލޭގެ ރައްޔިތުން ގުނބޯހައްދާނީ. ވަރަށް އިންޓަނެޓް އަގުހެޔޮކޮށްފިއެއްނު