ރާއްޖޭގެ ވަރަށް ގިނަ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްގެ މޭޔަރުންގެ އިތުބާރު ނެތް މައްސަލަ ވެއްދުމުގެ މަސައްކަތް އިތުރުވަމުންދާތީ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އިން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއިރު، ބައެއް ރަށްރަށުގައި މިހާރު ވެސް ކައުންސިލް ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވެއެވެ. ބައެއް ރަށްރަށުގައި އިތުބާރު ނެތް މައްސަލަ ވެއްދުމުގެ މަސައްކަތް ވެސް ކުރެވެމުން އެބަދެއެވެ.
ދާދި ފަހުން މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަވަން ވެސް އެ ކައުންސިލްގެ މެންބަރު މުހައްމަދު ފަޒީން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދަން އެލްޖީއޭއިން އެންގުމުން އެ މައްސަލަ އޮތީ މަޑުޖެހިފައެވެ.
މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެލްޖީއޭގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މިފަދަ ގިނަ މައްސަލަތަކަކީ ސިޔާސީ ބޭނުމެއްގައި ކުރަމުންދާ ކަމެއް ކަމަށެވެ. ބައެއް ކައުންސިލަރުން ކައުންސިލްއަށް ހާޒިރުނުވުން ފަދަ ސުލޫކީ މައްސަލަތައް ވެސް ފާހަގަ ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޕާޓީގެ ޕްރައިމަރީން ނާކާމިޔާބުވި ބައެއް ބޭފުޅުން ވެސް ރައީސް ނުވަތަ މޭޔަރުގެ މަގާމުގައި އެބަ ހުންނެވި، ޕްރައިމަރީން ރައީސް ކާމިޔާބުކުރި ނަމަވެސް މެންބަރުންގެ ތެރޭގައި ނާކާމިޔާބުވި ބަޔަކު ރައީސްގެ އިތުބާރު ނެތް ކަމަށް ނިންމަން އެބަ އުޅޭ، ހަމަ އެއް ޕާޓީއެއްގެ ބަޔަކު ވެސް އުޅޭ، މުޅިން ސިޔާސީ ބޭނުންތަކެއް މި ފެންނަނީ،" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ހުށަހެޅުއްވީ، ލާރުމަޒީ ވަގުތީ ގާނޫނުގެ ދަށުން މިހާރު ހިނގަމުންދާ ވަގުތީ ކައުންސިލްތަކުގެ މުއްދަތުގައި، އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން މިހާރު ހުޅުވިފައިވާ ޖާގަ އެ ބޯޑުގެ ހިންގާ ގަވާއިދުގެ ތެރެއިން ހަނި ކުރުމަށެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ނުނެގޭ ގޮތަށް ހަދަން ވެސް އިމްރާން ތާއީދު ކުރައްވައެވެ.
ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ތިއްބެވި ބައެއް މެންބަރުން އެކަން ކުރައްވަން ދެކޮޅެވެ. އިދިކޮޅު ބައެއް މެންބަރުން ކައުންސިލްތަކަށް އޮތް ބާރު ނަންގަވައިގެން ނުވާނެ ކަމަށް ވިދާޅުވިއިރު، އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ ކޮންމެވެސް އިޖުރާއަތެއްގެ ތެރެއިން އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ނެގޭ ގޮތަށް ބޭއްވުމަށެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މި ހާލަތުގައި ވެސް ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ އިތުބާރު ނެތް ކަމަށް ނިންމަން ޖެހޭ ހާލަތެއް މެދުވެރިވެދާނެ ކަމަށެވެ. އެހެންކަމުން ކޮންމެ ވެސް ސިފައެއްގައި އެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ. އެކަމަކު އިތުބާރު ނެތް މައްސަލަ ނަގަން އޮންނަ އިޖުރާއަތް ބަދަލު ކުރަން އޭނާ ދެކޮޅެއް ނުހައްދަވައެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެލްޖީއޭގެ މިހާރު ބޯޑުން މަސައްކަތް ކުރައްވަނީ ކައުންސިލްތަކުގެ ބާރު ހަނިކޮށް، ކައުންސިލްތަކަށް ދީފައިވާ އޮތް ބާރުތައް އެލްޖީއޭއަށް ނެގުމަށް ކަމަށެވެ. ޝިޔާމް ވިދާޅުވީ، ރައްޔިތުންނަށް ބާރުތައް ދޫކޮށްލާނެ ކަމަށް ވިދާޅުވެ އައިސް އޮތް ސަރުކާރަކުން އެފަދަ އަމަލެއް ކޮށްގެން ނުވާނެ ކަމަށެވެ.
ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ ވަގުތީ ހާއްސަ ގާނޫނުގެ ދަށުން އެލްޖީއޭއަށް މި މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ލިބިފައިވާ ކަމަަށެވެ. އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ވެސް ކައުންސިލްތަކުން އަމަލު ކުރާނެ އިޖުރާއަތްތަކާ ގުޅޭ ގޮތުން ބަދަލެއް ގެނެވޭނެ ކަމަށެވެ. ގާނޫނު ބަދަލުނުކޮށް ކުރެވެން އޮތް ކަމެއް ފުރަތަމަ ކުރުމަށް މަސައްކަތް ކުރައްވަން ނިޔާޒު އެދިވަޑައިގެންނެވިއެވެ.
މި މައުޟޫގައި މަޝްވަރާތަކެއް ކުރެއްވުމަށް ފަހު، ރަށްރަށުގެ އިހްތިސާސް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް އެޖެންޑާގައި އޮތެވެ. ނަމަވެސް އެޖެންޑާގެ އެ ބައި ކުރިއަށް ގެންދިޔައީ މީޑިއާއަށް ހުޅުވާ ނުލައި ސިއްރުކޮށްގެންނެވެ. އެހެންކަމުން ބައްދަލުވުމުގައި މިއިން އެއްވެސް ކަމަކަށް ގޮތެއް ނިންމި ކަމެއް އަދި ސާފެއް ނުވެއެވެ.
ކައުންސިލަރުން މަގާމުގައި ތިބުމަކީ ރަޢިއްޔަތުންނަށްދެވޭ އަނިޔާއެއް
މިރަށު ކައުންސިލްގެ ރައީސްވެސް މިކޮވިޑުގަ އުޅުއްވަނީ މާލޭގަ ބަރާބަރައް މުސާރަލިބޭވިއްޔަ ކަލޭމެންތިބޭ ގާނޫނުން ދައުރު ދައްމާގެން..
މިހާސަރުކާރަށްވެސް ނޭގޭހިސާބަށް ގައުމުގެ ކަންކަންކަން ހިގައްޖޭ ކައުންސިލަރުންވެސް ގަދަބާރުން ކޮވިޑުގެ ނަމުގާ ގޭގަ ސަރުކާރަށް މިކަންކަން މި އެގެނީ މީހަކުކޯށްލާ ކޮމެއްޓަކުން
ކީއްކުރާހާ ކައުންސިލަރުންނެއްތޯ ދަޢުލަތުން ބޮޑު ޚަރަދުކޮށްގެން އިސްރާފުކުރާކަށް 3000 ހާސް ހަމަވާ 8 ވަރަކަށް ރަށް މުޅި ރާއްޖޭގަވެސް. ސޮއިކޮށްފަ މަހަށާ ރަށު ތެރޭ މަސައްކަތަށް ދާ މީހުން ގިނައީ އަދިވެސް.. ރައްޔިތުންގެ ޓެސްފައިސާއިން ކުރާ އިސްރާފެއް. ދެން ކަޓު ނަގައިގެން އަމިއްލަ އަންބޮނޑި ބޮޑުކުރުން އޮންނަނީ ކަތީބު ސިސްޓަމް މާ އިފެކްޓިވް.. ކޮންމެ ރަށެއްގަ ކަތީބެއް ބަހަޓާ ރައްޔިތުން އިންތިޚާބުކުރާ..