ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުން ބޭސްފަރުވާ އަށް އެހެން ގައުމުތަކަށް ތިބި ދިވެހިންގެ ތެރެއިން ރާއްޖެ ނާދެވި ތާށިވި ދިވެހިންނަށް ފައިސާގެ އެހީ ދިނުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއިި އާސަންދަ އިން ގޯސްތަކެއް ހަދާފައިވާ މައްސަލަ އޮޑިޓް ރިޕޯޓް އިން ފާހަގަވެއްޖެއެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުނު އެންސްޕާ އާއި އާސަންދަގެ ކޮވިޑް ހަރަދުތަކުގެ ކޮމްޕްލަޔަންސް ރިޕޯޓްގައިވާ ގޮތުން، އާސަންދާ އާއި އެންސްޕާއިން ޔަގީން ކޮށްދިން މުއްދަތަށް ބަލައިގެން ފައިސާގެ އެހީ ހިސާބު ކުރި އިރު، ބައެއް ފަރާތްތަކަށް ދޭން ޖެހޭ އަދަދަށް ވުރެ އިތުރަށް އަދި ބައެއް ފަރާތްތަކަށް މަދުން ދީފައިވެއެވެ.

ބޭރު ގައުމުތަކުގައި ތާށިވި ދިވެހިންނަށް އެހީ ދޭނީ މާޗް މަހުގެ 21 ގެެ ފަހުން ރާއްޖެ އަންނަން ޓިކެޓް ނަގާފައި ތިބި މީހުންނަށް ކަމަށް ކަނޑައެޅިޔަސް، ޓިކެޓްގެ ކޮޕީ ހޯދުމެއް ނެތި 26 މީހަކަށް 150،000 އަށް ވުރެ ގިނަ ރުފިޔާ އެންސްޕާއިން ދިން ކަމަށް އޮޑިޓް ރިޕޯޓްގައިވެއެެވެ. އެއީ އޭރު ބޭރުގައި ތިބި ބައެއް ކަން ކަށަވަރު ވާނެ ގޮތެއް ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

ރާއްޖެ އަންނަން ޓިކެޓު ނަގާފައިވާ ތާރީހުގެ ކުރިން ވެސް ތިން މީހަކަށް 116،000 އަށް ވުރެ ގިނަ ރުފިޔާ އާސަންދައިން ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. ހަތަރު މީހަކަށް ލިބެން ނުޖެހޭ 21،000 ރުފިޔާ ވެސް އާސަންދަ އިން ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން، ރާއްޖޭން ބޭރުގައި ހުއްޓައި މަރުވި މީހަކަށް ވެސް 9،000 އަށް ވުރެ ގިނަ ރުފިޔާ އާސަންދަ ކުންފުނިން ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. ރިޕޯޓުން ފެންނަ ގޮތުން، ފައިސާ ދޫކުރީ އޭނާ މަރުވިކަން އާސަންދައަށް އަންގާފައި ވަނިކޮށެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އެންގެވީ އެހީގެ ގޮތުގައި އިތުރަށް ދޫކުރި ފައިސާތައް އަނބުރާ ހޯދުމަށެވެ. އަދި އެ ކަމުގައި އިހުތިމާލުވި މުވައްޒަފުން ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާމީ

    ގޯހެއް ހެދިޔަސް ހެދީ ރާއްޖެ ތަރައްޤީކުރަމުން މިނިވަންކަން ދިފާއުކުރަމުން. މިހާރު ގީސް ހަދަނީ މިނިވަންލަން ގެއްލުވާލައި ރާއްޖެ ތަރައްޤިވެސް ނުކޮށް. މީ ތަފާތަކީ. މިނިވަންކަން ދިފާއުނުކުރެވޭ ފޮނޑި ވެރިން މިގައުމަށް ބޭނުމެއް ނުވޭ

  2. އަންނި

    މެޅިސަރުކާރު

  3. ހުސޭނުބޭ

    މި އޮޑިޓަރ ޖެނެރަލަކީ ކުނިވެ ފުޅައަޅާފައިވާ މަހެއްގައި ރިހަކައްކާނެ ގޮތެއް އޮތްތޯ އެ ބަލައި ތަޙްލީލުކުރާ މީހެއް! މިހާރުގެ ސަރުކާރަކީ މިބުނާ ކުނިވެ ފުޅައެޅި މަސް!

  4. ިއައި ހޭޓް އެންސްޕާ

    އެންސްޕާއިން މިގޮތަށް ކަންތައް ކޮށްފަ ވާނަަމަ އެއީ ވަރަށް ދެރަކަމެއް. އެތާ އުޅޭ ފޮނި ކަނޑާ ފޮނި ނީހުން ކޮބާތަ.