މިިދިޔަ ހުކުރު ދުވަހު އަވަހާރިވި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދަކީ ކެތްތެރިކަމާއި ހިތްހެޔޮކަން އިސްކުރި ބޭފުޅެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ތައުރީފް ކުރައްވައިިފިއެވެ.

މަޖިލީހުގެ ނިމިގެން ދިޔަ ދައުރުގެ މަތިވެރި ދާއިރާގެ މެންބަރަކަށް ހުންނެވި ހުސައިން މުހައްމަދު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ ވަނީ ސިޔާސީ، ތައުލީމީ އަދި މީޑިއާގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ. --- ފޮޓޯ: މަޖިލިސް

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް އީވާ ވިދާޅުވީ ހުސެއިން މުހައްމަދާ އެކީގައި 10 ވަރަކަށް އަހަރު މަޖިލިހުގައި މަސައްކަތް ކުރެއްވި އިރު، އޭނާއަކީ ކަންކަމުގައި ދެބަސްވެ، ހަލަބޮލިވެގެން ދިޔައިރު ވެސް ރަހްމަތްތެރިކަމާއި ކެތްތެރިކަމާއި ހިތްހެޔޮކަން އިސް ކުރެއްވި ބޭފުޅެއް ކަމަށެވެ. ހުސެއިން މުހައްމަދަކީ ހުރިހާ ބަހުސެއްގައި ވެސް ތެދު ބަސް ވިދާޅުވި ބޭފުޅެއް ކަމަށް އީވާ ވިދާޅުވިއެވެ.

"ސިޔާސީ މަޝްރަހުގައި އެތައް ކަމެއް އަޅުގަނޑުމެން އެތައް ގޮތަކަށް ވޭތުވެދިޔަ 10 އަހަރު ނިންމަން ޖެހުނު އިރު، ހުސެއިންބެ ވިދާޅުވެފައި އޮންނާނީ ތެދު ބަސް. އަދި ހުސެއިންބެއަކީ މައުލޫމާތު ފުން ބޭފުޅެއް،" އީވާ ވިދާޅުވިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ. --- ފޮޓޯ: މަޖިލިސް

އީވާ ވިދާޅުވި ގޮތުގައި ދިވެހިންނާ ވަކިވެގެން ދިޔައީ ދިވެހި ގައުމަށް އެތައް ދާއިރާއަކުން އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ހުސެއިން މުހައްމަދުގެ ހަނދާނުގައި މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާނެ ކަން ވެސް އޭނާ އިއުލާނުކުރެއްވިއެވެ. އީވާ ވިދާޅުވީ އެ ދަފްތަރުގައި އާއްމުންނަށް ވެސް ސޮއިކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ކުރީގެ މެމްބަރުން ވެސް ވަޑައިގެން އެ ދަފްތަރުގައި ސޮއިކުރައްވަން އެދިވަޑައިގެންނެވިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ. --- ފޮޓޯ: މަޖިލިސް

އާ ގާނޫނު އަސާސީގެ ދަށުން ގިނަ ދާއިރާތަކަކަށް ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ހާއްސަވުމުގެ ކުރިން އަރިއަތޮޅު އުތުރު ބުރީގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން 2009 އިން 2019 އާ ދެމެދު، މަތިވެރި ދާއިރާގެ ގޮނޑި ދެ ދައުރުގައި އޭނާ ފުރުއްވިއެވެ. އޭނާ އެންމެ ފުރަތަމަ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގައި މަސައްކަތް ކުރެއްވި އިރު، އަވަހާރަވި އިރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރަކަށެވެ.

ހުސެއިން މުހައްމަދުގެ ހަނދާނުގައި މިއަދު މެމްބަރުން ވަނީ މިނިޓެއްހާ އިރަށް ގެނެސްފައެވެ.