ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ދާދި ފަހުން އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސްއަކަށް މުހައްމަދު ނާސިހް އަދި ނައިބު ރައީސްއަކަށް އިބްރާހިމް ރަޝީދު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުން، އެ ކޮމިޝަންއަށް ކުރިމަތިލާން ހުޅުވާލުމާއި، ކުރިމަތިލާ ފަރާތްތަކުން އިންޓަވިއުކޮށް އައްޔަން ކުރަން ކަނޑައަޅައި މީހުނަށް ރުހުން ދިނުމާއި، ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސީއެސްސީގެ ރައީސްއަކަށް ނާސިހް ހަމަޖެއްސުމަށާއި، ނައިބު ރައީސްއަކަށް ރަޝީދު ހަމަޖެއްސުމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.

ސީއެސްސީގެ ރައީސްއަކަށް ނާސިހް ހަމަޖައްސަން މަޖިލީހުން ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ނައިބު ރައީސްއަކަށް ރަޝީދު ހަމަޖެއްސުމަށް ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ސީއެސްސީގެ ރައީސްއަކަށް މަޖިލީހުން ފާސްކުރި ނާސިހަކީ ހިންގުމުގެ ދާއިރާގެ 28 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލިވަޕޫލް އިން މާސްޓާސް އޮފް އިންޖިނިއަރިން ހާސިލް ކުރައްވާފައިވެއެވެ. ސީއެސްސީއަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.

ނައިބު ރައީސްއަކަށް މަޖިލިހުން ފާސްކުރި ރަޝީދަކީ، ހިންގުމުގެ ދާއިރާގެ 10 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އިންޑިއާގެ ޔުނިވާސީޓީ އޮފް މައިސޫރުން ބަޗެލާސް އޮފް އާޓްސް ހާސިލް ކުރައްވާފައިވެއެވެ. އަދި ޗައިނާގެ ސަން ޔަޓް ސަން ޔުނިވާސިޓީން މާސްޓާސް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ތައުލީމު ހާސިލް ކުރައްވާފައިވެއެވެ.

ސީއެސްސީއަށް ދެން އައްޔަން ކުރެއްވި ބޭފުޅުންނަކީ، މުހައްމަދު ފަރުޝާތާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފެވެ. ދެން އިންނަވަނީ ކުރިން ވެސް އައްޔަން ކުރެއްވި ފާތިމަތު އާމިރާއެވެ. އާމިރާއަކީ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢުސްތުމް

    އާމިރައްޓޭ ބޭރުކުރެވޭވަރުނުވި. ޜީބްރޭންޑް ކުރާހާ ވާނީ އާމިރައްޓޭ ބޭރު ނުކުރާހާހިނދަކު.

  2. ޚ

    ނާސިހަކި ވަރަށް މަޑުން ހުންނަ މީހެއް އާމިރާ އަތް އަނބުރާނީ...ކުރިޔަށް ވުރެ ނެނގި މަޑުވެފައި އޮންނާނީ