ރާއްޖެއަށް އާދަޔާއި ޚިލާފަށް މޫސުން ގޯސްވެ ކުރަމުންދާ ގަދަ ވިއްސާރައިގައި، ނ އަތޮޅުގައި ރިސޯޓެއްގޮތަށް ތަރައްޤީކުރަމުންދާ ދިގުރަށުން ޖެޓްސްކީއެއް ގެއްލިއްޖެ އެވެ.

މި ޖެޓްސްކީގެ ވެރިފަރާތުން "ވަގުތު" އަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ޖެޓްސްކީ ގެއްލިފައިވަނީ ރޭ ދަންވަރުގެ ވަގުތުގައި ވިއްސާރަވެ ވައިގަދަވި ވަގުތުކަމަށް ބެލެވޭ ކަމަށެވެ.

އެފަރާތުން ބުނެފައިވަނީ ގެއްލުނުއިރު ޖެޓްސްކީ އޮތީ ދިގުރަށުގެ ފަޅުތެރޭގައި ކަމަށެވެ. އެހެންކަމުން ކަނޑުގަދަވެ އޮއިބާރުވުމުން މި އުޅަނދު ބެހިގެން ދިޔައީ ކަމަށް ޤަބޫލުކުރެވޭ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

ގެއްލިގެން ހޯދާ ޖެޓްސްކީ

މިކަން މިހާރު ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވިފައިވާއިރު، އިއްޔެ ޖެޓްސްކީ ގެއްލުނުކަން އެނގުމުން ހޯދުމަށް ގިނަ މަސައްކަތްކުރިނަމަވެސް މިހާތަނަށް ފެނިފައިނުވާކަމަށް ވެރިފަރާތުން ބުންޏެވެ.

އެހެންކަމުން މި ޖެޓްސްކީ ފެނިއްޖެނަމަ ވީހާވެސް އަވަހަށް ގުޅައި (7901901) މަޢުލޫމާތު ޙިއްސާކުރުމަށް އެދޭކަމަށް ވެރިފަރާތުން ބުނެފައި ވެއެވެ.

ރޭ ރާއްޖެއަށް ކުރި ވިއްސާރައިގައި، ނ. އަތޮޅު ހިމެނޭ އުތުރުގެ ހުރިހާ ހިސާބަކާއި މެދުރާއްޖެތެރެއަށް ވެސް މޫސުމާއި ބެހޭ އިދާރާއިން އޮތީ އޮރެޖް ސަމާލު ނެރެފައެވެ. މި ސަމާލަކީ އާދަޔާއި ޚިލާފަށް މޫސުން ގޯސްވެ ކަނޑުގަދަވުމުން ނެރޭ ސަމާލެކެވެ. މިއީ ވަރަށް މަދު ފަހަރެއްގައި ނޫނީ ރާއްޖޭގައި ނުނެރޭ ސަމާލެކެވެ.

ރޭ ކުރި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށްކުރި ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ކުރި ނ. އަތޮޅުގެ ބައެއް ރަށްރަށުގެ ގެތަކަށްވެސް ގެއްލުން ލިބިފައި ވެއެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ރަށްރަށުން ގިނަ އަދަދެއްގެ ގަސްތައްވެސް ވެއްޓިފައި ވެއެވެ.

މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ އަސަރު އިއްޔެއިން ފެށިގެން އަދިވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ކުރަމުންދާއިރު، މިރޭ ވެސް އުތުރާއި މެދުތެރޭގެ ބޮޑު ސަރަޙައްދަކަށް ވަނީ ސަމާލު ނެރެފައެވެ. މި ސަމާލުގެ ވަގުތުގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައި ވެއެވެ.

ވައިގަދަވެ ވިއްސާރަކުރުމާއެކު ކަނޑުތައް ގަދަވަ ވާނެތީ، އާންމުކޮށް ހުރިހާ ފަރާތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    މިސަރުކާރުން ކާލީ ކަމަށްވެސް ވެދާނެ. ކާޕެޓެއް ފައިފުއްސެއް ކިޔާނެކަމެއް ނެތް. މިސަރުކާރުން ވައްކަމުން ޕީއެޗްޑީ ހަދާފަހުރީ

    9
    1