މަތީ ތައުލީމާއި ތަމްރީނު ހޯދަމުން އަންނަ މީހުންގެ ތެރެއިން 64 ޕަސެންޓު މީހުންނަކީ އަންހެނުން ކަމަށް މަތީ ތައުލީމާއި ތަމްރީނުގެ ތަފާސްހިސާބުން ދައްކައިފިއެވެ.

މި ރިޕޯޓަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މިދިޔަ އަހަރު ކޮލެޖު އަދި ޔުނިވާސިޓީތަކުގައި ހިންގި އެކި ޕްރޮގްރާމުގައި 13،999 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެންމެ ގިނައިން ބައިވެރިވެފައި ވަނީ ޑިގްރީ އަދި ސެޓްފިކެޓު ލެވަލް ހަތަރެއްގެ ޕްރޮގްރާމުތަކުގައި ކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮލެޖުތަކާއި ޔުނިވާސިޓީތަކުން މިދިޔަ އަހަރު ހިންގި 843 ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވާފައިވަނީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން އެންޑް ލޯ، އެޑިއުކޭޝަން އަދި އާޓްސް އެންޑް ހިއުމެނިޓީ ދާއިރާއިންނެވެ.

މިދިޔަ އަހަރު މަތީ ތައުލީމު ދެމުން ގެންދާ އިދާރާތަކުން ދަސްވެނިވިފައިވާ ފިރިހެން ދަރިވަރުންގެ އަދަދަކީ 37 ޕަސެންޓެވެ. މިހާރު މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ އަދަދު އުޅެނީ 64 ޕަސެންޓުގައެވެ. އެއީ އަލަށް ކިޔަވަން ފެށި ދަރިވަރުންނާއިއެކުގައެވެ.

އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދަނީ ގައުމީ ޔުނިވާސިޓީގައެވެ. އެތަނުގައި 26 ޕަސެންޓު ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނައިރު ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދިނުމަށް 12 ތަނެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ތައުލީމީ ކަންކަމާއި ގުޅޭ މިފަދަ ރިޕޯޓުތައް ނެތުމަކީ ދިރާސާ ކުރާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންނަމަވެސް މިއަދު ނެރެވިގެން ދިޔަ ރިޕޯޓުން ޓީޗަރުންނާއި ދަރިވަރުންނަށް ދިރާސާ ކުރުމަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.