ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އަދި ކޯޓުތަކުން ކުޅިވަރު ތެރެއަށް ވަންނަ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ވިދާޅުވެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.

މަހުލޫފު އެގޮތަށް ވިދާޅުވީ ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބާ ގުޅޭ މައްސަލަ ކޯޓަށް ވެއްދުމުން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ބައިނަލްއަގްވާމީ ޓީޓީ ޖަމިއްޔާއާ އިން ބުނުމުންނެވެ. މަހްލޫފް ވިދާޅުވި ގޮތުގައި ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ ސިޓީއެއް ޓީޓީ ޖަމިއްޔާ އިން ވަނީ ލިބިފައެވެ. މަހްލޫފް ވިދާޅުވީ ސަރުކާރު، މަޖިލިސް އަދި ކޯޓުތަކުން ކުޅިވަރުގެ ތެރެއަށް ވަންނަ ނަމަ ރާއްޖޭގެ ކުޅިވަރުތަށް ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މަހްލޫފް އެގޮތަށް ވިދާޅުވި އިރު، އާޒިމް ހުންނަވައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ރާއްޖެ ފުޓްބޯޅަ އިން ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ފީފާ އިން ވެސް ދިނެވެ.

އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ރާއްޖެ ސަސްޕެންޑްކޮށްފާނެއޭ ކިޔައިގެން ގާނޫނާ، ގަވާއިދާ އެއްގޮތަށް ނޫޅޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު ނާޅާ ނަމަ މި ހިންގަނީ ދައުލަތެއްތޯ ސުވާލު އުފައްދަވައިފައެވެ.

"މި އުސޫލުން ބަލާނަމަ، ފޭރުމާއި ވައްކަން ވެސް އޯކޭ ދެއްތޯ،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ކުރައްވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވިއެވެ.

ޓީޓީ އިންތިހާބު ހުއްޓުވައި ދިނުމުގެ އަމުރަކަށް އެދި އެކަމާ ގުޅޭ މައްސަލައެއް، ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ދާދި ފަހުން ނިންމާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ މައްސަލައިގައި ވަކާލާތު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވާ ތޯހާ ސަލީމްގެ ޓީމުގައި ހިމެނޭ ކުރީގެ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ)އެވެ.

ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައި ނުވާތީ، ޓީޓީގެ އިންތިހާބު މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫތު މިނިސްޓަރު ކަމާ މަހްލޫފް ހަވާލުވެވަޑައިގެންނެވި ފަހުން، އެފްއޭއެމްގެ އިންތިހާބުގެ މައްސަލައެއް ބަލަން ކޮމިޓީއެއް ނެގުމާ އެކު އޭއެފްސީން ވަނީ ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަމަ ފުޓްބޯޅަ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ދީފައެވެ. އެއާއެކު، އެ މަސައްކަތް މަހްލޫފް ހުއްޓާލެއްވިއެވެ. އޭގެ ފަހުން، އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް ގޮވާލައި، އާޒިމް އިސްވެ ހުންނަވައި މަޖިލިހަށް މައްސަލައެއް ހުށަހެޅުއްވިއެވެ.

އެކަމަކު، އެފްއޭއެމްގެ އިންތިހާބު ބާއްވައި އިތުރު ދައުރަކަށް، އެތަނުގެ ރައީސަކަށް ބައްސާމް އަދީލް ޖަލީލް ވަނީ އިންތިހާބުކޮށްފައެވެ. އަދި ފީފާ އާއި އޭއެފްސީ އަދި ރާއްޖޭގެ ސްޕޯޓްސް ކައުންސިލުން އެ އިންތިހާބު ވަނީ ބަލައިގެންފައެވެ.

މި މައްސަލައިގައި މަހްލޫފް ދާދި ފަހުން ވިދާޅުވީ، އެފްއޭއެމްގެ އިންތިހާބާ ގުޅިގެން އާޒިމް ވަރަށް ހަޑި ކަންތައްތައް ކުރައްވަން އުޅުއްވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސިކުނޑި

    އާޒިމުތީ މޮޔައެއްތަ؟ ޖިނާޢީ ޢަދުލުގެ ނިޒާމެއް އޮންނާނެ! ހިންގާ ގަވާއިދަކީ ގާނޫނީ ބާރެއް އޮންނަ އެއްޗެއްނޫން! ކަލޭމެން ޕާޓީ ގަވާއިދުގަ އޮންނަނީ އެންމެ އިސްމީހަކީ ކުރީގެ ރައީސް ކަމަށްތަ؟ ކޮންބައެއް ކޯއްޗެއްތަ ފޭރެނީ؟

    17
  2. ތާކިހާ

    އުފައްދައިގެން އަނބުރާ ބޮޑެތި ގޭސްގަނޑު ގަނޑު. ރައްޔިތުންނަށް މިއަދު އެގޭ ތިހާވާ ހަޑި.
    ފުލުގޮށްސަރުކާރު# އިސްތިޢުފާ

    22
  3. މޫސަ

    އާޒިމު ހާދަ ވަރަކަށް މަހުލޫފާ އަޅާގަނެގެން ތިޔަ އުޅެނީ. މަހުލޫފު ތަ؟ ކަލެ އަކަށް މަހުލޫފު ބޭރެ އް ނުކުރެވޭނެ. ތެޅި ތެޅި ހުޅުނބު ފަ އިބާނީ.

    15
    1
  4. ފިތުނަ

    މިދެން ބޮޑުވެ އްޖެ ކަމެ އް. މަޙްލޫފް ފަ އްޔާޒް ޢަމީރު .އަޅެ މި އީ ތިމަޖިލިސް ރުހުންދިން މިނިސްޓަރުން. ކީ އްވެތަ އަބަދު ކޮންމެސް ބަޔަކާ ޖަ އްސާލަ އިގެން ފިތުނަ އުފަ އްދަން އުޅެނީ. ޙުރިހާ ޤާނޫނު ތަ އް ހަދާ އިރު އެންމެން އެކަތި ގަނޑަކަށް ހަދާ ޤާނޫނެ އް ހަދާބަލަ. ދިވެހިންނަކީ އެކުވެރި ބަޔަކަށް ހަދާބަލަ.

  5. އިބުރާހީމް

    ތިތާކުނެއް މަލަކަން ދޫކުރާނެ އެކަކުވެސް ތީ ހުސް ގަރަޑަމާ

    11
  6. ހަޖަމް

    މޮޔައާޒިމް. މަޖިލިހުގެ ގޮނޑިއަށްވުރެ އެކަށީގެންވަނީ ގުރައިދޫ

    10