ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ މެންބަރުކަމުގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި، މުއުމިނާ ވަޙީދު އަދި ޑޮކްޓަރ އަޙްމަދު އަދުހަމް އަބްދުﷲ އެވެ.

މި ތިން ބޭފުޅުންނަނަށް މަގާމުގެ ހުވައި ލައިދެއްވީ، އުއްތަމަ ފަނޑިޔވާޔު އަހުމަދު މުއުތަޞިން އަދުނާނެވެ.

މިތިން ބޭފުޅުންގެ ތެރެއިން އާމިނަތު ޝިފާއަތު އަކީ، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީއިން މާސްޓަސް އޮފް ކްރިމިނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭކަނބަލެކެވެ. ޝިފާ ފަހުން އަދާކުރައްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ.

މުއުމިނާ ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސިޑްނީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) ފުރިހަމަކުރައްވާފައިވާ ބޭކަނބަލެކެވެ. މުއުމިނާ މިއަދާއި ހަމައަށް ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.

އަދި ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން އިންޓަނޭޝަނަލް ލޯ ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވާސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. އަދުހަމް އަކީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ލެކްޗަރައެއްގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅުކެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅުން ވެސް ޢައްޔަނު ކުރެއްވުމަށްފަހު، އެ މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނާއި ޙަވާލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާރަވެރިވޭ

    އެހެންވީމާ ޝިފާޢަތު އެންމެ ފަހުން އަދާކުރީ ހިއުމަން ރައިޓްސް ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ މަގާމުކަމަށް ބުނެ މަޤާމު ހޯދީވެސް އޮޅުވާލައިގެންތާ. ނޫނީ ރައީސް އޮފީހުން ދޮގު މަޢުލޫމާތު ފަތުރަނީ. އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުކަމުގެ މަޤާމު 12 މަސް ދުވަސް ވަންދެން އަދާކޮށްފައިވަނީ އެހެން މުވައްޒަފަކު. އެމްޑީޕީއަށް ތާއީދުކުރާތީ މެންބަރުކަން ދިނީއޭ ނުބުނަންވެގެން ދައްކާ ބޭކާރު ވާހަކަ. ނޫސްވެރިން އެބަޖެހޭ މިފަދަ ދޮގު މަޢުލޫމާތުތަކަށް ސާމާލުވާން.

  2. އަބްދުﷲ

    މުއުމިނާ ވަހީދަކީ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމުގެ ޢާއިލާއަށް ނިސްބަތްވާ ޝަމްޢޫން ހަމީދުގެ ހަގު އަނބި. މުއުމިނާ ވަހީދު މެންބަރުކަމަށް އައްޔަންކުރި ސަބަބު ވަރަށް ސާފު.

  3. ކޮސްވެއްޖެ

    މުއުމިނާ ވަހީދު މާސްޓަރސް ޑިގްރީ ހަދަންވެގެން އެޗްއާރސީއެމްގެ ކޯހަށް ކުރިމަތިލުމަށްފަހު، އެ މަޤާމަށް ދެން ކުރިމަތިލާން އުޅުނު މުވައްޒަފަށް އޮޅުވާލާ އޭނާ ނޫން އެހެންމީހަކު ކުރިމަތިލިޔަ ނުދިނީ. އަދި އެޗްއާރސީއެމްގެ ކޯހަށް ހޮވުމުން އެގްރިމަންޓުގައި ސޮއިނުކޮށް ފުރީ. އެގްރިމަންޓުގައި ސޮއިނުކޮށް ފުރަން ފުރުޞަތު ލިބުނީ އޭރު ސެކްރެޓަރީ ޖެނެރަލްކަމުގައި ހުރި ޝަމްޢޫން ހަމީދާ ރައްޓެހިވެގެން އުޅޭތީކަން ބައަކަށް އެނގުނީ ޖެހިގެން އައި އަހަރު ދެމީހުން ސިއްރުން ކައިވެނިކުރީމަ.