ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން އެންމެ ފަހުން ފޮނުވި 10 ވެންޓިލޭޓަރުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި އެ ވެންޓިލޭޓަރުތައް ހެލްތު މިނިސްޓްރީގެ މިންގަނޑުތަކަށް ފެތޭ ކަމަށް އެ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް އެގްޒެކިއުޓާސް ޖެނެރަލަށާއި މެޑްޓެކް މޯލްޑިވްސް އަށާއި ނާޑް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. އެގްޒެކިއުޓާސް ޖެނެރަލް އާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރިއިރު، އެ ފަރާތުން މިހާތަނަށް ގެނައީ 20 ވެންޓިލޭޓަރެވެ. މީގެކުރިން ގެނައި 10 ވެންޓިލޭޓަރުތައް ހުރީ މިނިސްޓްރީގެ މިންގަނޑުތަކާ ހިލާފަށެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ މިދިޔަ ހަފުތާގައި ލިބުނު ޕޯޓަބަލް 10 ވެންޓިލޭޓަރު މަސައްކަތް ކުރޭތޯ ބަލާފައިވާނެ ކަމަށެވެ. އަދި ކުރިން ފޮނުވި ވެންޓިލޭޓަރުތަކާ ހިލާފަށް ހުރިހާ ކަމެއް ވެސް އެ ވެންޓިލޭޓަރުގައި ފުރިހަމަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވެންޓިލޭޓަރުތަކުގައި އެއްވެސް މައްސަލައެއް ނޫޅޭ، އަޅުގަނޑުމެން ހުރިހާ އެއްޗެއް ވަކިވަކިން ބެލިން މަސައްކަތް ކުރޭތޯ،" އޮފިޝަލް ވިދާޅުވިއެވެ.

މި 10 ވެންޓިލޭޓަރު ފޮނުވީ، މީގެކުރިން އެ ކުންފުނިން ގެނައި 10 ވެންޓިލޭޓަރުގެ ބަދަލުގައެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 75 ވެންޓިލޭޓަރު ގެނައުމަށް ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާއަށެވެ.

ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ކަނޑައެޅީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު ފޯނުން މަޝްވަރާ ކުރައްވައިގެންނެވެ. ދެ ބޭފުޅުން ފޯނުން ކުރެއްވި މަޝްވަރާގައި އެގްޒެކިއުޓާސް ޖެނެރަލްއަކީ ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ ގާބިލްކަން ހުރި ކުންފުންޏެއްގެ ގޮތުގައި އަރްވިންދު ލަފާ ދެއްވި ކަން އެނގިފައިވެއެވެ.

އެކަމަކު، ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ހަރަދު ކުރި ގޮތުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތުން ހިންގާފައިވާ މުއާމަލާތެކެވެ.

ނަމަވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ވެންޓިލޭޓަރު ހޯދުމުގައި މަކަރު ހަދައި އޮޅުވާލާފައި ނޯންނާނެ ކަމަށެވެ. އެކަމުގައި ކޮރަޕްޝަނެއް، ނުފޫޒެއް ނޯންނާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އަމީން މިހާރު ވަނީ މަސައްކަތުން އަމިއްލަ އަށް އެކަހެރިވެވަޑައިގެންފައެވެ.

މި މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެގްޒެކިއުޓާސް އިން 65 އައިސީޔޫ ވެންޓިލޭޓަރު އަދި ރާއްޖެ ފޮނުވަން ޖެހެއެވެ. އެކަމަކު، ވެންޓިލޭޓަރުތައް ހޯދަން އެ ކުންފުންޏާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެތަކެތި ތާރީހެއް އަދި ނޭނގޭ ކަމަށް ހެލްތު މިނިސްޓްރީން ކުރިން އޮތީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ތި ވެންޓިލޭޓަރުގެ މައްސަލަ ތިއީ ހެލްތު މިނިސްޓްރީއަށް ޖެހިފައިވާ ނުފިލާ ޒާތުގެ ބައްޔެއްތަ؟

    10
    1
  2. ސާމިޔާ އަހުމަދު

    ބަޔަކުމީހުންބަދުނާމުކުރުމަށާއި ބޭރުކުރުމުނިޔަތުގަ ރާވާލިގޭމެއްވިއްޔާ .. އެކުންފުނިން ތިއެއްޗެހިތައްނުދޭކަށްނޫޅެޔޭ!

    5
    1
  3. ހެލްތް ސޮރު

    ކަތިލަނީ މިނިސްތްރީގެ ސިވިލްސަރވަންޓުން...ފިލާތިބީ ކަންކުރި ސިޔާސީ ގުންޑާއިން

  4. ގުއިޗުންމެއި

    ހެެހެހެ މިދައްކަނީ ކޮންވާހަކައެއްތަ ؟ ތިޔަމާވަހަރު ގައިން އަގުގެ ވާހަކަދޯ އެންމެންކީ؟ މާވަހަރުން ދުވަނީ ގުއިވަސްތޯ ނާހަމެއްނު .

  5. މިއަދު

    ޗައިނާއިން ހަދިޔާކުރި ވެންޓިލޭޓަރުތައްބޭނުންކޮށްގެން އަމީނު ސަލާމަތްކޮށްދެނީނޫންބާ