މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ސުޖާއު (ކާޓިއުންސް ސުޖާ) ގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ސުޖާއުގެ މައްޗަށް ދައުވާކުރަން ފޮނުވީ މާލޭގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތް ކުރުމަށް، އިމާރާތުގެ ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މާލޭގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓެވެ. އެ ބިމުގައި މާލޭގެ ޕްލޭނިންގެ ގަވާއިދާ އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަން މައްސަލައިގެ ލިޔުންތަކުން އެނގޭ ކަމަށް އޭސީސީ އިން ބުންޏެވެ.

ނަމަވެސް އެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ ޚިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަދީ 15 ޖަނަވަރީ 2014 މާލޭ ސިޓީކައުންސިލްގެ އިދާރާއިން އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން އަދި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށާއި އެ ހުއްދަތައް ދޫކޮށްފައިވަނީ ސުޖާ ސޮއިކޮށްގެން ކަމަށް އޭސީސީން ބުންޏެވެ.

އެ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، އެ ބިމުގައި "4 ބުރިއަށް އިމާރާތް ކުރުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއިން 1995ވަނަ އަހަރު ހުއްދަ ދީފައިވާކަމަށް" މާލޭ ސިޓީކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާޢު، 14 ޖަނަވަރީ 2014 ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށް ކަމަށް އޭސީސީން ބުނެއެވެ. އެބިމުގައި އިމާރާތްކުރުމަށް އެފަދަ ހުއްދައެއް ދީފައިނުވާކަމާއި، އެލިޔުމަކީ، މާޅޭ ޕްލޭނިންގ ގަވާއިދާ އެއްގޮތަށް އެ ބިމުގައި އިމާރާތް ކުރެވޭ އުސްމިނަށްވުރެ އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ސުޖާޢު ސޮއިކޮށްފައިވާ ލިޔުމެއްކަން ތަޙްޤީޤަށް އެނގޭ ކަމަށްވެސް އޭސީސީން ބުނެއެވެ.

އެކަން ސުޖާ ކޮށްފައި ވަނީ އޭނާ އަށް އެނގިހުރެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް ތަހުގީގަށް ސާބިތުކުރެވޭ ކަމަށްވެސް އޭސީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމީ

    ތިއައް މީހުން ކިއަނީ ޖަމަލު ފޮޑި....

    3
    1
  2. ޙ

    ހޯމް މިނިސްޓްރީގެ އިސްޓޭޓް މިނިސްޓަރަކަށް މިހާރު އެބަހުރި އެގޭ އެހެން ސުޖާއެއް މުޅިތަން ކަރަޕްޝަނުގެ ހާއްޔަކަށް ހަދައިގެން އަތް އަނބުރަނީ...މުވައްޒަފުންނަށް ވެސް ހިތުހުރި ގޮތެއް ހަދަނީ....މިއީ މިނިސްޓަރ ޝާހިދުގެ އެއްއަތް... ޢެގޮތުން މަގާމު ލިބުނީ...ބައްޕަ ހިނގިމަގުން ދަރިން އެ ހިނގަނީ

    2
    1