ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރު ދުވަހުގެ މުއްދަތުގައި އެންމެ މަތީ އާމްދަނީއެއް ލިބިވަޑައިގަތް މެންބަރުންނަކީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު ކަން މާލީ ބަޔާންތަކުން ހާމަވެއްޖެއެވެ.

މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ސިޔާމްގެ މާލީ ބަޔާން ދައްކާ ގޮތުން އޭނާއަށް މެއި 28، 2019 އިން މެއި 27، 2020 އާ ހަމައަށް ގާތްގަނޑަކަށް 21 މިލިއަން ރުފިޔާގެ އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައިވެއެވެ. ކޮމަންޑޫ މެންބަރު ވަހީދަށް ހަމަ އެ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 14 މިލިއަން ރުފިޔާގެ އާމްދަނީގެ ލިބިވަޑައިގެންފައިވެއެވެ.

ސިޔާމްއަށް 21 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފައިވަނީ މަޖިލީހުގެ މެންބަރުގެ މުސާރަގެ އިތުރަށް، އޭނާގެ ސަން ސިޔާމް ކުންފުނިން ލިބިވަޑައިގަންނަވާ އާމްދަނީއާއި އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ފައިދާއިން ލިބިވަޑައިގެންނެވި ޑިވިޑެންޑަށެވެ.

ވަހީދަށް ލިބިވަޑައިގެންނެވި 14 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ، މެންބަރުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަގެ އިތުރަށް ހަނދުމާކުރި އިމާރާތް ކުއްޔަށް ދޫކޮށްގެން ލިބިވަޑައިގަންނަވާ އާމްދަނީއާއި، ޓިމްބާ ހައުސް އެންޑް އޯޕަން ސީސް ކުންފުނީގެ ފައިދާއިން ލިބިވަޑައިގެންނެވި އާމްދަނީއެވެ.

ތިންވަނައަށް އެންމެ ގިނަ އާމްދަނީއެއް ލިބިވަޑައިގެންފައިވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޫމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށެވެ. ގާސިމަށް އެ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 11 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ މަޖިލީހުގެ މުސާރައާއި ވިލާ ކުންފުނީގެ ފައިދާއިންނާއި ހިއްސާ އޮތް ކުންފުނިތަކުގެ ޑިވިޑެންޓުން ލިބިވަޑައިގެންނެވި ފައިސާއެވެ.

މީގެ އިތުރުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއާއި، ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއަށް ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާގެ އާމްދަނީއެއް ވޭތުވެދިޔަ އަހަރު ދުވަހު ލިބިވަޑައިގެންފައިވެއެވެ. އެހެން ހުރިހާ މެންބަރުންގެ އާމްދަނީ ހަތަރު މިލިއަން ރުފިޔާއަށް ވުރެ ދަށެވެ.

އެންމެ މަތީ އާމްދަނީއެއް ލިބިވަޑައިގެންނެވި ގިނަ ބޭފުޅުންނަކީ ވިޔަފާރިވެރިންނެވެ. ސަން ސިޔާމްއާއި، ކޮމަންޑޫ ވަހީދާއި، ގާސިމް އަކީ ރާއްޖޭގެ އެންމެ ވަރުގަދަ ވިޔަފާރި ޝަހްސިއްޔަތުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދުކަލޯ

    އެންމެ ވަރުގަދަ ވިޔަފާރިވެރިންް ތި ވިދާޅުވީ ނުބައިކޮށް ވޯލްޑް ބޭންކު ހާމަކޮއްފަ އޮތް ބަޔާނެއްގަ ރާއްޖޭގެ ހުރިހާ ފައިސާއެއްގެ 80% ހިއްސާކުރަނީ ރާއްޖޭގެ 4 ވިޔަފާރިވެރިއަކު އޭގެ ތެރެއިން 2 ބޭފުޅުންގެ ނަން ދުވަހަކުވެސް ނޫހަކަށް ނާރާ

    15
  2. ތާކިހާ

    ބުރުމާ ފަހަތަށް ޖައްސާލެއްވީތޯ. ނުވަތަށް؟

    7
    2
  3. ޖޯން

    އިންކަމްޓެކްސް ނުދައްކަންވެގެން މަކަރުހަދާ އޮޅުވާލާ މީހުންތިއީ. ކާކު ގަބޫލުކުރާނީ ގާސިމަށް ލިބޭނީ އެންމެ އެގާރަމިލިޔަން ރުފިޔާކަމަށް. ބައެއް ކަންނެލި އޮޑިފަހަރުގެ ވެރިންވެސް ނަގާ އަހަރަކު އެގާރަމިލިޔަންރުފިޔާ.

    22
    1
  4. ކިޔުންތެރިޔާ

    ވަހީދު އަ ކީ ކޮމަންޑޫ މީހެއް ނޫން. ކޮމަންޑޫ ދާއިރާގެ މެމްބަރ

  5. ތަނަވަސްކަން

    ކިތަންމެ ބުރަކޮއް މުއްސަނދި ވާން މަސައްކަތް ކުރިޔަސް މުއްސަނދި ނުވެ ހިނގާދާނެ، ސަބަބުތައް ބައިވަރު، ކޮންމެ މީހެއްގެ ހަޔާތުގަވެސް ރަނގަޅު ފުރުސަތުތައް ލިބޭނެ އެކަމަކު ބައެއް މީހުނަކަށް ނޭނގޭ އެފުރުސަތުގެ ބޭނުން ހިފާކަށް، ފަހުން ލިބުމަކީ ނާދިރު ކަމެއް، މުއްސަނދި ވާން ހުރި މީހަކު މުއްސަނދި ވާނެ، އަދި މުއްސަނދިކަން ފަގީރު ކަމަށް ވެސް ބަދަލު ވެދާނެ، މީހުނަށް ލިބޭ ނިއުމަތްތަކަށް ހަސަދަވެރި ނުވުން ރަންގަޅީ

  6. ބޮކި

    ތަމެންނަށް ކެރޭނެތޯ ޕޕޕޕ މަޖްލިސް މެންބަރުންގެ މާލީ ބަޔާން އާންމުކުރަން ؟

    5
    1