ނައިބު ރައީސް ފައިސަލް ނަސީމް، ސްރީ ލަންކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޮހާނާ ބެއްޑާޖުއާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާ ރޮހާނާ ބެއްޑާޖު ހަވާލުވެ ވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސާއި ލަންކާ ސަފީރު ވަނީ ދެ ގައުމުގެ މެދުގައި ބަދަހިވަމުން އަންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ގިނަ ދުވަހަށް ދެމިގެން ދިއުމުގެ އަސްލަކީ ދިވެހިންނާއި ލަންކާގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުންކަން ފާހަގަ ކުރައްވައި އެކަމުގެ ހަގީގަތަކީ ދެ ގައުމުގައި ވެސް އެއްގޮތް ސަގާފަތެއް އޮތުން ކަން ފާހަގަ ކުރެއްވިއެވެ.

އަދި ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ދެ ބޭފުޅުން ވަނީ ތައުލީމް، ސަގާފީ އަދި ޕަފޯމަންސް އާޓްސްގެ ދާއިރާ އިން އިތުރަށް ގުޅުންތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެ ގައުމުގެ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސްރީލަންކާގެ ސަފީރު ވަނީ، މި ހާލަތުން އަވަހަށް އަރައިގަނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ރާއްޖޭގެ އިގްތިސާދާއި ވަކީން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއެރުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ނައިބު ރައީސް ވަނީ ލަންކާގެ ސަފީރުގެ ދައުރުގައި ދެ ގައުމުގެ ގުޅުން މިހާރަށްވުރެ ވެސް ހަރުދަނާ ވާނެކަމަށް ޔަގީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ލަންކާގެ ސަފީރު ވެސް ވަނީ މި ސަރުކާރާއިއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސީނާ

    ނައިބް ރައީސެއް ކުރިން ވެސް ތިޔަހެން އެކި ސަފީރުންނާ ބައްދަލު ކުރަމުން ގޮސް ވައްޓާލީ. ސޯލިހް ކަނޑިއާއި ނުލައި ނުނިކުންނާތި. މީނުލަފާ ބައެއް

    1
    3