މަސްތުވާތަކެތިން ސަލާމަތް ވާން ބޭނުންވާ ފަރާތްތަކަށް ޖާނީ އިން ފޯނު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ޖާނީ އިން މިއަދު ބުނީ މަސްތުވާތަކެތި ބޭނުން ކުރަން ފެށުމުގެ ކުރިން އެކަމަށް ހުރަސް އެޅުމާއި އަދި މަސްތުވާތަކެތަކެއްޗަށް އަޅުދާސްތު ވަމުން ދާކުދިންނަށް އަމާޒުކޮށް ޖާނީން މެދުކެނޑުމެއްނެތި ދެމުން ގެންދާ ޚިދުމަތް ފުޅާކޮށް ބެލެނިވެރިން ގުޅުމުން ސީދާ ގެއަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފެށުމަށާއި އަދި އިތުރު ޚިދުމަތްތަކަށް ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރު ގުޅޭނެ މޯބްލައިލް ނަމްބަރެއް ތަޢާރަފްކޮށް އެނަމްބަރުން ވައިބާގެ ޚިދުމަތް ބޭނުން ކޮށްގެން ބޭނުންވާ ޚިދުމަތްތަކަށް އެދި ލިބިގަތުމުގެ ޚިދުމަތް ދޭން ހާއްސަ ފޯނު ނަމްބަރެއް ތަޢާރަފް ކޮށްފައިވާ ކަމަށެވެ. ޖާނީ އިން އަލަށް ތަޢާރަފް ކުރި މޯބައިލް ނަމްބަރަކީ 7995075 އެވެ.

އެނަމްބަރަށް ގުޅުމުން ކުއްޖަކު ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާ ނުވަތަ ބެލނިވެރިޔާ މަސްތުވާތަކެތި ބޭނުން ކުރާކަން ޝައްކުވާ ހިސާބުން ވާހަކަ ދައްކާ ކުރިމަތިލާ ހުރަސް އަޅާނެގޮތް ބުނެދީ އެކަމުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޖާނީ އިން ބުނެއެވެ.

އަދި އެނަމްބަރުން މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކުއްޖާ ނުވަތަ މީހާ އާއި ސީދާ ބައްދަލުކޮށް ހުރި ހާލަތާއި އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދެނެގަނެ އެޚިދުމަތް ރާއްޖެއިންނާއި އަދި ރާއްޖެ އިން ބޭރު ގައުމުތަކުގެ ތަފާތު ފަރުވާގެ ޚިދުމަތްތަކަށް ރިފަރަލް ހަދައިދީ އެކަމަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީ ކުއްޖާ އަށް ބޭނުންވާ އެހީ ހިލޭސާބަހަށް ކުއްޖާ އަމަލީގޮތުން ގެންގޮސްދޭނެ ކަމަށް ވެސް ޖާނީ އިން ބުނެއެވެ.

މީގެ އިތުރުން ޖާނީ އިން ދެމުން ގެންދާ ހިދުމަތްތަކުގެ ތަފްސީލް ޖާނީގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށް ވެސް އެޖަމިއްޔާ އިން ބުނެއެވެ.

ޖާނީ އިން ބުނީ ޖާނީގެ ހުވަފެނަކީ އަދި އަމާޒަކީ މަސްތުވާތަކެތިން ސަލާމަތް ވެތިބި ދުޅަހެޔޮ ޒުވާން ގާބިލް މުޖުތަމަޢެއް ގާއިމް ކުރުމާއި މަަސްތުވާތަކެއްޗަށް އަޅުދާސް ވަމުންދާ ޒުވާނުންނާއި މިކަމުގެ ވޭން ތަހައްމަލު ކުރަމުންދާ މީހުން އަނބުރާ މުޖުތަމަޢުއަށް ގެނެސް އެހީތެރިވެ ދުޅަހެޔޮ އަމާން މުޖުތަމަޢެއް ގާއިމް ވެފައިވާ ރާއްޖެ އެއް ދެކުމެވެ.

ކިޔުންތެރިންގެ ހިޔާލު