ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް ދިރާގުން ދޭ ހާއްސަ ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް ކަމަށްވާ "ފޯންމީޓިން 130" މިއަހަރު ވެސް ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދޭން ނިންމައިފި އެވެ.

ދިރާގުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާ އަށް މި ޚިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.

މި ޚިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ޚިދުމަތެއް ކަމަށް ދިރާގުން ބުންޏެވެ. ދިރާގުން ބުނީ، އެހެނިހެން އިޖުތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީ.ވީ.އައި.އެސް.އެމް އަށް ދިމާވާ ކަމަށާއި، އެގޮތުން ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވާ ކަމަށެވެ. އެހެންވެ ދިރާގުން މި ޚިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭކަން ދިރާގުން ވަނީ ފާހަފަކޮށްފައެވެ.

އަދި މިޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ 200 ޖަމިއްޔާގެ މެންބަރުންނަށް ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ބަދަހިކުރަން ވަރަށް ބޮޑު އެހީއަކަށް ވެގެން ދާކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

ބީވީއައިއެސްއެމްއަކީ އަހަރުތެރޭގައި ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން މި ޙިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި، ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ހިމެނެއެވެ. އެގޮތުން ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ބީ.ވީ.އައި.އެސް.އެމް އިން މި ޙިދުމަތް ބޭނުންކުރެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމް އިން ވަނީ މި ޚިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި،އަދި ގުރުއާން، ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކޮވިޑް-19ގެ ފުރަބަންދު ހާލަތުގައިވެސް ބީވީއައިއެސްއެމްއިން ވަނީ މި ޚިދުމަތް މެދުވެރިކޮށް މެދުކެނޑުމެއްނެތި ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިއެވެ. ވަކިން ޚާއްޞަކޮށް ކޮވިޑް-19 އާ ގުޅިގެން ބީވީއައިއެސްއެމްވަނީ ސިއްހީ ހޭލުން ތެރިކަން އަދި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިންމު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިއެވެ.

ދިރާގުން މި ޚިދުމަތް ދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ދިރާގުގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު