އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އަންނަ ހޮނިހިރު ދުވަހު މާލޭގައި މުޒާހަރާ ކުރަން ރާވާމުންދާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ފުލުހުންގެ އިސްކަންދަރު ކޮށްޓަށް ހާޒިރުވާން އެދުމުން، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އާއި ޕީޕިއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފުލުހަށް ހާޒިރުވެވަޑައިގެންފިއެވެ.

އެ ތަނުގައި ގަޑިއިރަކަށް ވުރެ ގިނައިރު ތިބުމަށް ފަހު، ނުކުމެވަޑައިގެން މީޑިއާއަށް ޝުޖާއު ވިދާޅުވީ ފުލުހުންގެ އިދާރާއަށް އޭނާއާއި ޝިޔާމް ހާޒިރުވެވަޑައިގަތީ އަންނަ ހޮނިހިރު ދުވަހު ސައިކަލު ބުރެއް މާލޭގައި ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ބުނުމުން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަން ފުލުހުން ބޭނުންވެގެން ކޯލިޝަނަށް ސިޓީއެއް ފޮނުވާފައިވާތީއެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަން އިން ރާވައިގެން އަންނަ ހޮނިހިރު ދުވަހަށް އެއްވެސް އެއްވުމެއް ބާއްވަން ނިންމާފައި ނުވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެން ވިޔަސް ރައްޔިތުން އިސްވެގެން ކުރާ ކޮންމެ މުޒާހަރާއެއްގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މި ނާގާބިލް ސަރުކާރާ މެދު ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް، ދިވެހި މަސްވެރިން، ދިވެހި ދަނޑުވެރިން، ކޮންމެ ހަމައެއްގެ ބަޔަކު ނުކުތަސް އަޅުގަނޑުމެން އަމިއްލަ ފަރުދީ ހައިސިއްޔަތުން ތިބޭނަން، ދިވެހިން ހާލުގައި ޖައްސާފައި ގައުމު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭއިރު ދިވެހިން މަޑަކުން ނުތިބޭނެ." ޝުޖާއު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ޝިޔާމް ވިދާޅުވީ، މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އަމިއްލަ ފަރުދީ ހައިސިއްޔަތުން ކަމަށެވެ. އެއީ ޕީޕީއެމްގެ މެންބަރަކަށް ނުވަތަ ލީޑާޝިޕްގެ ބޭފުޅަކަށް ވާތީ ނޫން ކަމަށެވެ.

"އިންިޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބެގެން، އިންޑިއާއަށް މި ގައުމު ވިއްކާލަން މަސައްކަތް ކުރާމުންދާ ދަނޑިވަޅެއްގައި، ރައްޔިތުން ކުރާ މުޒާހަރާއެއްގައި އަޅުގަނޑުމެން ފަރުދީ ހައިސިއްޔަތުން ބައިވެރިވާނެ، އެއީ ޕީޕީއެމް ޕީއެންސީ ވެގެނެއް ނޫން،" ޝިޔާމް ވިދާޅުވިއެވެ.

މުޒާހަރާ ކުރަން ރާވާފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ފުލުހަށް ހާޒިރުކުރިއިރު، އަންނަ ހޮނިހިރު މުޒާހަރާއެއް ނުވަތަ ސައިކަލު ބުރެއް ރާވާފައިވާ ކަން އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ރައްޔިތުން ކުރާ މުޒާހަރާއެއް އޮންނަމަ ނުކުންނާނެ ކަމަށް ޝިޔާމާއި ޝުޖާއު ވިދާޅުވުމުން އެފަދަ ހަރަކާތެއް އޮވެދާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން ވެސް ރައްޔިތުން ކުރަމުންދާ މުޒާހަރާތަކެއް ކަމަށް ބުނެ މާލޭގައި ކޮށްފައިވާ މުޒާހަރާތަކެއްގައި އިދިކޮޅު ކޯލިޝަންގެ އިސް ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެފައިވެއެވެ. އެކަމަކު އެ މުޒާހަރާތުގައި އުޅެނީ އެ ކޯލިޝަންގެ އިސް ބޭފުޅުންނާއި އެކްޓިވިސްޓުންނެވެ. ކުރިން އެ މުޒާހަރާތައް އޮންނާނެ ކަމަށް އިއުލާން ކުރަނީ ވެސް އެ ބޭފުޅުންނެވެ.

މީގެ އިތުރަށް ވެސް މާލޭގައި އިހްތިޖާޖްތަކެއް ކޮށްފައިވެއެވެ. ރެސްޓޯރަންޓްގެ ވެރިންނާއި ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުން ވެސް މުޒާހަރާކޮށްފައިވެއެވެ. އެއިން އެއްވެސް މުޒާހަރާއެއްގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެފައެއް ނުވެއެވެ.

އިދިކޮޅު ކޯލިޝަން އިން ދާދި ފަހުން ބޭއްވި ސައިކަލު ބުރެއްގައި މާސްކް ނާޅާ ތިބެގެން، ޝުޖާއުއާއި ޝިޔާމް 1،000 ރ، އިން ޖޫރިމަނާ ކޮށްފައިެވއެވެ. ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެސް ހަމަ އެ އަދަދަށް ޖޫރިމަނާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދާރި

  ކޮވިޑްގެއަދަދުތައް މިދެތިންދުވަހު ތަންކޮޅެއް މަދުވީ މަ ވަގުންގެބަނޑައްވައިއެރީދޯ. ޜައްޔިތުންނަށްހެޔޮއެދޭ މީހަކު މިދަނޑިވަޅުގަ ކޮޥިޑްފަތުރާކަށްނޫޅޭނެ.

  6
  16
  • މުގުރާން

   މިވާނީ މުލުވގަކަށް !! މުޅި ދައުލަތް ދަވާލާފައި ވަގޯ!!

 2. އެޖެންޑާ ކޮވިޑް-19

  މުޒާހަރާކުރީ މަ ކޮވިޑް-19 ގިނަވެ ޔޯ

  12
  3
 3. ކާސިމް

  މުލުވަގަށް އެއްޗެއް ވިސްނޭވަރުކޮށްލަންވާނެ. މުޒާހަރާ ކުރުމަކީ ލިބިފައިވާ ހައްޤެއް. އެ ހައްޤު ނިގުޅައިގަތުމަށް އެޗްޕީއޭ ނިވާފައްގަނޑަކަށް ހަދައިގެން ގުނބޯ ނަހައްދާ.