ކޮންމެ އަހަރަކު ރޯދަމަހަށް އަމާޒުކޮށްގެން އަލްކައުންގެ ފަރާތުން ބާއްވާ "އަލްކައުން ކުޑަކުދިންގެ ޤުރުއާން މުބާރާތް 1439" ފަށައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން، އަމިއްލަ ފަރާތްތަކަށް ބައިވެރި ވެވޭ ގޮތަށް އިންތިޒާމް ކުރެވިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 500 ކުދިން ވަނީ ނަން ނޯޓް ކޮށްފައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބަލައިގެން ކިޔުމުގެ ބަޔާއި ނުބަލާ ކިޔުމުގެ ބައިން ދަރިވަރުން ހަތަރު އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރުން ދަށުގެ އުމުރު އުމުރުފުރައާއި ނުވައަހަރުން ދަށުގެ އުމުރު ފުރައާއި 11 އަހަރުން ދަށުގެ އުމުރު ފުރާ އަދި 14 އަހަރުން ދަށުގެ އުމުރު ފުރާއެވެ.

ހުކުރު ދުވަސް ފިޔަވާ ރޯދަމަހުގެ ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން 15:00 އަށް އަލްކައުންގައި ކުރިއަށް ގެންދާ މި މުބާރާތް އަލްކައުންއިން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

"މުބާރާތުގަ ކޮންމެ ދުވަހަކުވެސް އެއްގަޑިއިރު ތެރޭ ވިހި ކުދިން ކިޔަވާނެ" "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މުބާރާތް އިންތިޒާމް ކުރެއްވުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވިއެވެ.

މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކޮންމެ ބަޔަކުންނާއި ކޮންމެ އުމުރު ފުރައަކުން އެއްވަނަ، ދެވަނަ، ތިންވަނަ ހޮވުމަށް ހަމަޖެހިފައިވެއެވެ.