ކުރީގެ ރައީސް މައުމޫން މިއަދު އޭޑީކޭ ހޮސްޕިޓަލްގައި
ކުރީގެ ރައީސް މައުމޫން އޭޑީކޭ ހޮސްޕިޓަލްގައި

މި ހިނގަމުންދާ ރޯދަ މަހަށް، ދޫނިދޫގައި ބަންދުގައި ހުންނެވި ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން، ނަސްރީނާ އިބްރާހީމް އެދިވަޑައިގެންފިއެވެ.

ނަސްރީނާ މިގޮތަށް އެދިވަޑައިގެންފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފަށް ވަކިވަކިން ފޮނުއްވި ސިޓީއެއްގައެވެ.

މި ސިޓީގައި ނަސްރީނާ ވިދާޅުވީ، ރައީސް މައުމޫނަކީ އުމުރުފުޅުން ދުވަސްވެފައިވާ ބޭފުޅަކަށްވާއިރު، އެމަނިކުފާނަށް ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯ ބައްޔާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި ޙާލަތުގައި އެމަނިިކުފާނު ހުންނެވިއިރު، މިޙާލަތު ދިމާވުމުން އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭ ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށް ނަސްރީނާ ވިދާޅުވިއެވެ.

އެހެންކަމުން، ރޯދަ މަހު އެމަނިކުފާނު ދޫނިދޫ ބަންދުގައި ހުރުމަކީ އެމަނިކުފާނަށް ތަޙައްމަލްކުރެވޭ ވަރަށްވުރެ ދަތި ކަމަކަށްވެގެންދާނެ ކަމަށް އިހުސާސް ކުރެވޭތީ އާއި، މި މަހު ރޯދަ ހިއްޕެވުމާއި އެކު ރޯދަމަހަށް ޚާއްސަ އަޅުކަންތައް ކުރައްވައި ހެއްދެވުމަކީ އެ ހާލަތުގައި ހުންނަވައިގެން އެމަނިކުފާނަށް ކުރެވޭނެ ކަންކަން ކަމުގައި ނުވާތީ ގޭބަންދަށް އެމަނިކުފާނު ބަދަލު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ސިޓީގައި ނަސްރީނާ ވިދާޅުވިއެވެ.

ރައީސް މައުމޫން އާލާސްކަންފުޅާއި އުޅުއްވާތީ އެމަނިކުފާނު ގޭބަންދަށް ބަދަލު ކޮށްދިނުމަށް އާއިލާ އިންނާއި ޤާނޫނީ ވަކީލުން ކުރިންވެސް އެދިފައިވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމަވާފައި ވަނީ ރައީސް މައުމޫން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ގޭބަންދަށް ބަދަލު ކުރެވެން ނެތް ކަމަށެވެ.

ރައީސް މައުމޫނަށް ވަނީ ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ޖެހިވަޑައިގެންފައި ކަމަށް އާއިލާ އިން ވިދާޅުވިއެވެ. އެއީ ކުއްލިއަކަށް އަނބުރައިގަނެގެން ވެއްޓިދާނެ ފަދަ ބައްޔެކެވެ. ހަފްތާއެއްހާ ދުވަސްތެރޭގައި ދެފަހަރެއްގެ މަތިން ރައީސް މައުމޫން މާލެ ގެނެސް ޑޮކްޓަރަށް ދެއްކި ނަމަވެސް އާލާސްކަންފުޅާއި އުޅުއްވާތީ ރައީސް މައުމޫންގެ ޝަރީޢަތްތައް ވަނީ ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަންކާއިން ހިމާޔަތް ހޯދަން ރާވާފަ އޮތީ! ބޭސްފަރުވާޔަށް ބޭރަށްދާން ގޭމުރާވާ ނިމިފަ އޮތީ!