ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވިދާޅުވި ގޮތުގައި އެމީހާ ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް-19 ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު ހަތަރެއް ޖަހާކަން ހާއިރު ކަމަށެވެ. ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ އުމުރުން 58 އަހަރުގެ އަންހެނެކެވެ.

އަދި އާއިލާގެ މެމްބަރުންނަށް މޫނު ދެއްކުމަށް ފަހު، މިއަދު 9 ޖަހާކަން ހާއިރު، ހުޅުމާލެ ސަހަރާގައި އެމީހާ ވަނީ ވަޅުލައިފައެވެ.

މިއާއެކު، ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 32 އަށް އަރައިފައެވެ. މިހާތަނަށް މި ބަލީގައި ނިޔާވެފައި ވަނީ 25 ދިވެއްސަކާއި ހަތް ބިދޭސީންނެވެެ. މި ބަލި ޖެހިގެން ގިނަ އިން ނިޔާވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖެ އިން މިހާތަނަށް 9،052 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލިން ރަނގަޅުވެފައި ވަނީ 7،055 މީހުންނެވެ. މި ބަލި ޖެހިގެން މިހާރު ފަރުވާދެމުން ދަނީ 1،960 މީހުންނަށެވެ. އަދި އެޑްމިޓްކޮށްގެން ހޮސްޕިޓަލްތަކުގައި ފަރުވާދެނީ 116 މީހުންނަށެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 908 މީހަކު އެބަތިބިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަތީގައި ހުރުމަށްފަހު، މިހާރު މި ބަލި ފެތުރެމުންދާ މިންވަރުވެސް ހަފްތާއަކަށްފަހު ހަފްތާއެއް ދަށްވާން ފަށާފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުޑަނަމަވެސް ކުރިއެރުމެއް ލިބެމުން މިދަނީ މިކަމުގައި ކުރީ ސަފުގައި ތިއްބެވި ފަރާތްތަކުން ބަލި ކޮންޓްރޯލްކުރުމަށް ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ އެންމެން ވެސް އަމަލު ކުރަމުންދާތީ ކަމަށެވެ.

ނަމަވެސް އަދިވެސް މުޖުތަމައުގެ ތެރޭގައި ބަލި އުޅޭކަން އެއީ އެންމެންވެސް ގަބޫލު ކުރަން ޖެހޭ ކަމެއް ކަމަށާއި އަދަދުތައް ދަށްވުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ފަރުވާ ކުޑަ ކުރަންޖެހޭ ސަބަބެއް ނޫން ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ދަށްވާން ފަށައިފައެވެ. މީގެކުރިން، ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ނަމަވެސް، މިހާރު އެ އަދަދު އުޅެނީ 100 އަށް ވުރެ ދަށުގައެވެ. އެގޮތުން އިއްޔެ 62 މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު، އޭގެ ކުރީ ދުވަހު ވެސް އެ އަދަދު އުޅުނީ 100 އަށް ވުރެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަނީފް

    32؟

  2. ކޮމެންޓު

    އިތުރު ވެފަ ތިބޭ ދިވެހިންނަށް ފަރުވާ ދެނީ ހުޅުމާލޭ ފެސިލިޓީ އައިސީޔޫގަ އެތާނގަ ނަރުހުންނަށް ވޯކުލޯޑު ބޮޑު. ދެން އިތުރުވެފަ ތިބޭ ދިވެހިން ނިޔާވަނީ. މުހިއްމު ދިވެހިން ގެންދަނީ ދަރުމަވަންތަ އައިސީޔޫ އަށް.

    16
    1
  3. ފައްޔާޒު

    ނަސީދުގެ އައިސީޔޫ އޭނާ ދިރިއުޅޭ ގޭގަ ހަދުއްވައިގެން އުޅެނީ އޭނާ ނުދާނަމޯ ދަރުމަވަންތަޔަކައް.