"ފްރޭމްވޯކް ފޮރ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޑިފެންސް – މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް – ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" ނަމުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު ވެފައިވާ ދިފާއީ ގުޅުމުގެ ފްރޭމްވޯކްގެ އެއްބަސްވުމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުލުން ފާޑު ވިދާލުވެއްޖެއެވެ.

އެ ފްރޭމްވޯކްއަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައީ އިންޑިއާ ކަނޑުގެ ސަލަމަތާއި މަސްހަލަތު ހިމާޔަތް ކުރަން ދެ ގައުމުގެ ދިފާއީ ވުޒާރާއިން މަސައްކަތް ކުރުމަށް އޮތުމުންނެވެ. އިންޑިއާގެ ނޫސްތަކުގައ އެ ހަބަރު ގެނެސްފައި ވަނީ ވެސް އެއީ އިންޑިއާ ކަނޑުގައި އޮތް ޗައިނާގެ ނުފޫޒުން ހިމާޔަތް ކުރުމަށް ކަމަށް ބުނެއެވެ. އިދިކޮޅުގެ ފާޑުކިޔުން އަމާޒުވެގެން ދިޔައީ އިންޑިއާ ކަނޑުގައި ނުހިމެނޭ ގައުމަކާ އެކު އިންޑިއާ ކަނޑުުގެ މަސްލަހަތު ހިމާޔަތް ކުރުމާ ގުޅޭ ކަންކަމުގައި ރާއްޖޭން ފްރޭމްވޯކެއް އެކުވާލައި ސޮއި ކުރުމުންނެވެ.

ޕީޕީއެމްގެ ނާއިބު ރައީސްކަން ވެސް ކުރައްވާ އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ޗައިނާއިން ކުރި އިންވެސްޓްމަންޓްތައް ހިމާޔަތް ކުރަން އެ ގައުމުގެ ރައީސް ޒީ ރާއްޖެއަށް އަސްކަރީ މަތިންދާ ބޯޓުތަކާއި ޖާސޫސުންނާއި ސިފައިންނާއި ރާޑަރު ސިސްޓަމް ނުފޮނުވާ ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް އޭނާގެ ނުފޫޒު ފޯރުވޭނެ ގޮތަށް މިލިޓަރީ މަތިންދާބޯޓުތަކާއި ސިފައިން ފޮނުވައެވެ. އެހެންކަމުން ނުފޫޒު ފޯރުވަމުން ގެންދަވަނީ ކޮން ގައުމެއްގެ ލީޑަރެއްތޯ ޝިޔާމް ސުވާލު އުފެއްދެވިއެވެ.

އިންޑިއާގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ރާއްޖެ-އެމެރިކާގެ ދިފާއީ ގުޅުމުގެ ފްރޭމްވޯކގެ ހަބަރެއް ހިއްސާ ކުރައްވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ވެރިންގެ ޣައްދާރު ކަމާއި ހީލާތްތެރިކަމުން ގައުމުގެ ސިޔާދަތު ގެއްލުވާލާފައިވާ ކަމަށެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ރާއްޖެއާއި އެމެރިކާގެ މަސްހަލަތާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. ކަނޑު ފޭރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ނުރައްކާ އޮތް އިރު ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖެ-އެމެރިކާގެ ޑިފެންސް ފްރޭމްވޯކްއަށް އިދިކޮޅު ކޯލިޝަންގެ ބައެއް އިސް ބޭފުޅުން ފާޑުވިދާޅުވިއިރު، އެ ކޯލިޝަންގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުން ގެންދަނީ "އިންޑިއާ އައުޓް" ގެ ހޭޝްޓެގާއެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލައި ކެމްޕޭން ހަރަކާތެއް ހިންގަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ އެކްޓިވިސްޓުން އެފަދަ ހަރަކާތެއް ހިންގަމުންދާއިރު، އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ދިފާއުކޮށް ޓްވީޓާގައި ކެމްޕޭން ކުރަމުންނެވެ.

ރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ހަމަހަމަކަން ގެއްލި، ޗައިނާއާއި އިންޑިއާގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވަންނަ ގޮތަށް ސިޔާސީ މަސްހަރުގެ ކަންކަން ހުރި ކަމަށް ހާރިޖީ ގުޅުންތައް ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭނުމީ ތަރައްގީ

    އޮއްޓަރު ހުރިކަންތައް ކޮށްބަލަ، ބޮޑެތި ޕްރޮޖެކްޓްތައް. ތިޔަހެން ބަދަލުކުރާ ކަރުދާހަކުން ވާނެ ފައިދާއެއްނެތް. އެމެރިކާ، ޔޫރަޕުން ބޭނުން ނުވާނެ އޭޝިއާ ތަރައްގީވެގެން ދާކަށް. ތިހެން ތިބޭދެން. ރަޝިޔާ، ޗައިނާ އަކީ ދުނިޔެ ތަރައްގީ ކުރާ ބައެއް. ދެފަރާތަށް ފައިދާ ވާގޮތަށް ބޮޑެތި ލޯނު ތަކާ އެކީ!. އިންޑިޔާގަ ޓެކްނިކަލް ގާބިލުކަން ނެތީ، އަވައްޓެރި އަކަށް ރަގަޅު.

  2. ކިންގފިޝަރ

    އަޅުގަނޑުގެ ވިސްނުން:
    އިންޑިއާގެ ޢަސްކަރީ ބާރު އިންޑިއާ ކަނޑުގައި ފުޅާކުރުން. މިކަމުގައި އެމެރިކާއިން އެހީވަނީ ޗައިނާގެ ބާރު އިންޑިއާ ކަނޑުން ކަނޑުވާލުމަށް. އެމެރިކާގެ އިޤްތިޞާދަށް ވުރެ ޗައިނާގެ އިޤްތިޞާދު ކުރިއެރިޔަ ނުދިނުން. ސިލްކްރޫޓް ބްލޮކްްކުރުން.
    އެމެރިކާ އަދި އިޒްރޭލުގެ ބޭނުމަކީ ރާއްޖޭގައި އެހެން ދީންތައް ޤާއިމްކުރުވުން. ޤއ އަށް ބަދަލުގެނެސްގެން ޣައިރު މުސްލިމުން ރާއްޖޭގެ ރައްވެހިމްނަށް ހެދުން. އިޒްރޭލުން ފަލަސްތީނަށް ހަދާގޮތަށް. އިންޑިއާއިން ކަޝްމީރަށް ހަދާގޮތަށް.
    އެމެރިކާގެ ދެން އޮތް ބޭނުމަކީ ރާއްޖޭގެ ދެކުނާ ގާތުގައިވާ ފޯޅަވަހި އެހެން ޢަސްކަރިއްޔާތަކުން ހިމާޔަތްކުރުން.
    އިންޑިއާގެ އަނެއް ބޭނުމަކީ ރާއްޖޭގެ އުތުރުން ގާތުގައި ހުރި އިންޑިއާގެ ނިއުކްލިއަރ ފެސިލިޓީތައް ހިމާޔަތްކުރުން. އެކަމަށް އުތުރުގައި ހަނިމާދޫ ގައި ޖަގަހަ ޖަހާނެ.
    ރާއްޖޭގެ ނިކަމެތިކަމަށް ބަލައި އިސްވެރިން ބޮޑު އަދަދުން ގަނެލައި ކުދި ލާރިކޮޅުން ތަރައްޤީގެ ނަމުގައި ޖެޓީއެއް ހަދައިފި ބަގީީޗާއެއް ހަދައިދިނުން. މިކަމަށް ހަރަދު ކުރުމަށް ބޮޑު ބަޖެޓެއް އެމެރިކާ އާއި އިޒްރޭލުގެ ޔަހޫދީން އިންޑިއާއަށް ދީފަައިވިނަމަވެސް އިންޑިއާގެ ޕޮލިޓިޝަނުންގެ ޖީބަށް ބޮޑެތި އަދަދުތައް ވައްދާފައިވާ ކަން. އަދި އިންޑިއާ އާ ގުޅޭ ރާއްޖޭގެ އިސް ޕޮލިޓިޝަނުންގެ އެކައުންޓްތަކަށް އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްފައިވާ ކަން.
    އިންޑިއާއިން ބޮޑެތި ހަރަދު ކޮށްފައިވަނީ ޢަސްކަރީ އެއްޗެއްސަށާއި ޢަސްކަރީ މަރުކަޒުތައް ރާއްޖޭގައި ބިނާކުރުމަށް ކަން.
    މިހާރު ރާއްޖޭގައި ހުރި އިންޑިއާގެ އެމްބެސެޑަރަކީ ޢަސްކަރީ ނޮލެޖާއެކު އެކަން ރާއްޖޭގައި ތަރައްޤީކޮށް އިންޑިއާގެ މުށުގެ ތެރެއަށް މަލިކުގޮތަށް ރާއްޖެ ލުމަށް މަސައްކަތްކުރަން ފޮނުވި ޚާއްޞަ މީހެއްކަން.
    މިއީ އަޅުގަނޑުގެ ވިސްނުން. ޕަބްލިޝް ކޮށްދެއްވާނެކަމަށް އުންމީދު ކުރަން.

  3. އަނެއް ކަޝްމީރު؟

    ސާބަހޭ މިސަރުކާރަށް ވޯޓުދިން ގަޅިންނަށް. ދެން އަހަރުމެން ދަރިންގެ ދަރިންގެ ހައްގުގައި އަނގަ ނަގައިގެންތިބެ އަތްްޖަހާ!