އިއްޔެގެ އެއްވުމުން ފެނުނީ ޚިޔާލު ފާޅުކުރުމާއި މެދު ސަރުކާރުން ގަންނަ ބިރު ކަމަށް، ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިއްޔެ ޒުވާނުންގެ އިސްނެގުމަކަށް "މިނިވަންކަން ނަގާލުމާއި ދެކޮޅަށް" ކުރިއަށް ގެންދިޔަ އެއްވުމާއި މެދު ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ޒުވާނުންގެ އަޑު އިއްވަން ސަރުކާރުން ފުރުސަތު ނުދިނުމުން ހާމަވަނީ، މި ސަރުކާރަކީ އަޑު އެހުމުގެ ޤާބިލްކަން ނެތް ސަރުކާރެއް ކަމެވެ.

އިއްޔެ ބާއްވަން ހަމަޖެއްސި ސައިކަލް ބުރު ނުވެސް ފަށަނީސް އެ ސައިކަލް ބުރު ހުއްޓުވަން އެތައް ބައިވަރު ފުލުހުންނެއް ނެރެން ޖެހުނު ސަބަބަކީ ކޮބާތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. ޝުޖާއު އިތުރަށް ވިދާޅުވީ، އިއްޔެގެ އެއްވުމުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި، އެކަން ކުށްވެރިކުރައްވާ ކަމަށެވެ.

" ޒުވާނުންކޮޅެއްގެ އަޑު ނިއިއްވަން ވަށައިގެން ފުލުހުން އަޅާ، އެ ޒުވާނުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައި ވަނީ ކޮންކަމަކާ ބިރުންތޯ. މިނިވަން ކަން ގެއްލޭތަން ބަލަން ދިވެހި ޒުވާނުންނެއް ނުތިބޭނެ. އެއަށް ވުރެ ބޮޑަށް ދިވެހި ޤައުމުދެކެ ލޯބިވާ ބައެއް ދިވެހިންނަކީ. މިއީ ޕީޕީއެމް، ޕީއެންސީގެ އެއްވުމެއް ނޫން. އެކަމަކު މިކަހަލަ ކޮންމެ މުޒާހަރާއެއްގައި އަޅުގަނޑުމެން ބައިވެރިވަނީ ދިވެހިރައްޔިތުންނަށް ވީތީ." އޭނާ ވިދާޅުވިއެވެ.

އިއްޔެގެ އެއްވުމުގައި ހައްޔަރު ކުރި އަންހެނުންނާއި ފިރިހެނުން ފުލުހުންގެ ވެހިކަލަކަށް އެރުވުމަށް ފަހު ވެހިކަލްތެރޭގައި ގަޑިއިރަކަށް ވުރެ ގިނައިރު ވަންދެން ބޭތިއްބުމުން އެކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

އިއްޔެ ހަވީރު ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެން ވަނީ 1000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ފަހު މިހާރު ދޫކޮށްލާފައެވެ.

ސައިކަލް ބުރު ހުއްޓުވަން ފުލުހުން އެކަށީގެންވާ މިންވަރަށް ވުރެ މާބޮޑަށް ބާރުގެ ބޭނުން ކުރުމުން ވެސް ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.