ލޯކަލް ގަވަރުމަންޓު އޮތޯރިޓީ އިން ކައުންސިލަރުން ސަސްޕެންޑު ކުރި އުސޫލު ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

އެލްޖީއޭގެ މި އުސޫލު ބާތިލް ކޮށްދިނުމަށް ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނީ އަމިއްލަ ދެ ފަރާތަކުންނެވެ. އެއީ ރައީފާ އަބްދުލްވައްހާބާއި ޒިމްނާ އަބްދުލްމުހުސިން ނަމަކަށް ކިޔާ ދެ މީހުންނެވެ. އެ ދެ މީހުން ހުށަހެޅި ދުސްތޫރީ މައްސަލަ އާއި ގުޅިގެން ދައުލަތުން ހައިކޯޓުގައި ބުނެފައި ވަނީ އެލްޖީއޭގެ އެ އުސޫލު ބާތިލްކުރަން އެއްބަސް ކަމަށެވެ.

އެހެންކަމުން އެކަމާއި ގުޅިގެން ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އެ އުސޫލު އެލްޖީއޭ އިން އެކުލަވާލާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 149ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ މާއްދާއަކީ ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމާ ބެހޭ މާއްދާއެއް ކަމަށް ނުވާތީ އެއީ ގާނޫނީ އިމުން ބޭރުން އެލްޖީއޭއިން އެކުލަވާލި އުސޫލެއް ކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވެއެވެ.

އަދި އެ އުސޫލަކީ ގާނޫނީ ބާރު ލިބިގެން ހަދާފައިވާ އުސޫލެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ހަދަން ޖެހޭ ގަވާއިދިތަކުގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ވެސް ފުރިހަމަ ނުވާ އުސޫލެއް ކަމަށް ހުކުމްގައިވެއެވެ.

އެހެންކަމުން އެ އުސޫލު ބާތިލްކުރީ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެއެވެ.

އެލްޖީއޭ އިން އެކުލަވާލި އެ އުސޫލުގެ ސަބަބުން 2018ވަނަ އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ކައުންސިލަރުން ސަސްޕެންޑުކޮށްފައިވެއެވެ. އޭރު އެލްޖީއޭ އިން އެގޮތަށް ކަންކަން ކުރުމުން ގިނަބަޔަކު ވަނީ އެލްޖީއޭ އަށް ފާޑު ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަކް

    ދަޢުލަތުން ވެސް ހައިކޯޓުގަ އުސޫލު ބާތިލްކުރަން އެދުނީ ދިފާޢުގަ އެއްވެސް ވާހަކައެއް ނުދައްކާ ސަބަބަކީ ކުރީ ސަރުކާރުން އެކުލަވާލި އުސޫލެއްވީމަ.. އެކަމު ޤާނޫނުގެ 149 އެއަށްވުރެއް ފުޅާކޮށް ސުޕުރީމް ކޯޓުން މާނަކޮށްފަ އޮތީ.. ސުޕުރީމް ކޯޓުން ކުރިން ކޮށްފަ އޮތް ހުކުމްތަކަކަށް ބެލުމެއް ނެތި ކޮށްފަ އޮތް ހުކުމެއްތީ އޭޖީން އެދުނު ގޮތަށް.

    1
    1
  2. ހާލަތު

    ފުރަތަމަ ސުވާލަކީ ލާމަރުކަޒީ ޤާނޫނަށް ގެނައި 8 ވަނަ އިސްލާހާއެކު ބާތިލްވެ އުވިފަ އޮތް އުސޫލެއް އަލުން ބާތިލްކުރީ ކޮން ހަމައަކުންތޯ؟؟ ދެވަނަ ސުވާލަކީ ދިފާއުގަ އެއްވެސް ވާހަކައެއް ނުދައްކާ އެމާއްދާ މާނަކޮށް މީގެ ކުރިން ސްޕުރީމްކޯޓުން ކޮށްފައިވާ ހުކުމްތަކުގަ އޮތް އެއްޗެއްގެ ވާހަކަ ނުގެނެސް ދަޢުލަތުން އުސޫލު ބާތިލުކުރަން އެއްބަސްވީ އެއީ ކުރީ ސަރުކާރުގެ ކަމެއްވީމަތޯއޭ؟ އެހެން ވެއްޖެއްޔާ ވަރަށް ދެރަ ދަޢުލަތެއްގެ މާނައެއް ނެތް.

  3. ހަމަޖެހޭ

    މި ސަރުކާރު އައިގޮތަށް އެލްޖީއޭ މެދުވެރިކޮށް އެންމެ ފުރަތަމަ ކުރި ކަމަކީ ތި އުސޫލު ބާތިލުކޮށް ސަސްޕެންޑު ކުރި މީހުންނަށް މުސާރަ ދިނުން.. އަނެއްކާ އަލުން ހަމަ އެ އުސޫލު ހައިކޯޓުން މި ބާތިލު ކުރީ؟؟ ހަމަ ޖެހޭ އެއްކަމެއްވެސް ކުރަން ނޭނގޭ ބައެއްތީ..

  4. ނިކް

    މާކުރިން ބާތިލުކޮށްފަ އޮތް އެއްޗެއް އަލުން ބާތިލުކުރަން ޖެހޭތޯ؟؟ ކުރާނެ ކަންކަން ގިނަވެހެން އުޅޭ ބައެއްދޯތީ؟