ޕްރިންސިޕަލުންގެ ވަޒީފާއާ ގުޅޭ އާ އުސޫލުގައި ހުރި ކަންބޮޑުވުންތަކުގެ ސަބަބުން އެ އުސޫލު ރިވިއު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި އެ އާ އުސޫލުގައި ބުނާ ގޮތުން، އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް ގިނަވެގެން މަސައްކަތް ކުރެވޭނީ ހަތަރު އަހަރުގެ ދެ ޓާމެވެ. އެއީ ދިގު މުއްދަތަކަށް ޕްރިންސިޕަލުން އެއް ސްކޫލެއްގައި ތިބުމުން ދިމާވާ މައްސަލަތައް ހައްލު ކުރަން ކަމަށް ބުނެ ގެނެސްފައިވާ ބަދަލެކެވެ.

ސްކޫލްގެ ޕްރިންސިޕަލުން ދެން ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އެކުލަވާލާ ކޮމިޓީއަކުންނެވެ. ޕާމަނަންޓް ސެކްރެޓަރީއަކީ ސިވިލް ސާވިސް މަގާމެކެވެ. ޓެނުއަޝިޕްގެ މުއްދަތުގައި ވެސް ޕްރިންސިޕަލް އެހެން ސްކޫލަށް ބަދަލު ކުރުމުގެ ފުރުސަތު ވެސް އާ އުސޫލުގެ ތެރެއިން އެ ކޮމިޓީއަށް ލިބިދެއެވެ.

އާ އުސޫލާ ގުޅިގެން ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް ފާހަގަކޮށް ރާއްޖޭގެ ނޫހެއްގައި އޮތް ހަބަރެއް ހިއްސާ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، ތައުލީމީ ނިޒާމު ބިނާ ކުރި ބަޔަކީ ޕްރިންސިޕަލުން ކަމަށާއި އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓްވިޓާ އެކައުންޓް ވެސް އާދަމް ޝަރީފްގެ ޓްވީޓްގައި ޓެގް ކުރެއްވުމަށް ފަހު އެދިވަޑައިގަތީ މިފަދަ މައްސަލަތަކެއް ހައްލެއް ހޯއްދަވަން އެމަނިކުފާނު އުޅުއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މިއީ ވަރަށް ސީރިއަސް، އެތައް ހާސް ކިޔަވާ ކުދިންނާ ގުޅުން ހުރި މައްސަލައެއް، އެޑިއުކޭޝަން ސިސްޓަމް ބިނާ ކުރި ޕްރިންސިޕަލުން މާޔޫސްކޮށްފި،" އާދަމް ޝަރީފްގެ ޓްވީޓްގައިވެއެވެ.

ޕްރިންސިޕަލުންގެ ވަޒީފާއާ ގުޅޭ އާ އުސޫލާ ގުޅިގެން ގިނަ ޕްރިންސިޕަލުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި އާ އުސޫލުގެ ސަބަބުން ޕްރިންސިޕަލުންގެ އެއްވެސް ހައްގެއް ނުގެއްލޭނެއެވެ. އޭގެ ބަދަލުގައި ޕްރިންސިޕަލުން ލިބޭނީ ކުރިއެރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.