މިދިޔަ މަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 36 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް ޖެންޑަ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑަ މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، އޮގަސްޓް މަހުގެ ތެރޭގައި އެ މިނިސްޓްރީ އަށް 184 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ.

އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 103 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް ޖެންޑަ މިނިސްޓްރީން ވިދާޅުވިއެވެ. ޖެންޑަ މިނިސްޓްރީން ވިދާޅުވީ މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 36 މައްސަލަ ރިޕޯޓުކޮށްފައިވާ ކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 24 މައްސަލަ، ޖިސްމާނީ ހާނިކައިގެ 20 މައްސަލަ، ނަފްސާނީ ހާނިއްކައިގެ އަށް މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ފަސް މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ތިން މައްސަލަ ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ޖެންޑަ މިނިސްޓްރީން ވިދާޅުވީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 28 މައްސަލަ ވެސް މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 10 މައްސަލައަކާއި ޖިސްމާނީ އަނިޔާކުރުމުގެ 10 މައްސަލައެވެ.

މީގެ އިތުރުން ރޭޕްކުރުމާ ގުޅޭ ތިން މައްސަލަ، ޖިންސީ ހާނިކަ ކުރުމުގެ ދެ މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ، މާލީ/އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސް އެޅުމުގެ އެއް މައްސަލަ އަދި އިހުމާލުވުމުގެ އެއް މައްސަލަ ހިމެނޭ ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިިދިޔަ މަހު އާއިލީ 16 މައްސަލަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ، އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ނުވަ މައްސަލައެއް، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ އަދި ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ނުވަ މައްސަލައިގެ އިތުރުން ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ ދެ މައްސަލައެއް ވެސް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯދަ މުބާރިކް

    މުސްތަގްބަލުގެ ދިވެހިން ރައްކާނުކުރެވޭ މި ޒަމާނުގެ ދިވެހިން،، އަޅުގަނޑުމެން މީ ކީއްކުރާބައެއް؟ ކޮން ހާ ހައްގަކާއި، އިންސާފެއްގެ ވާހަކައެއް ދައްކާކަށް! ކޮން ހާލަތެއްގެ ޑިމޮކްރަސީއެއްގެ ވާހަކަ؟ އައު ރައީސަކަސް، ބައު ރައީސަކަސް އަދި ދޮށީ ރައީސަކަސް، ދިވެހިންނަކަސް ދަރިް ހިމާޔަތް ނުކުރެވެންޔާ ކޮންވާހަކައެއް ތޯ؟ އަޅުގަނޑުވެސް ހިމެނޭހެން މި ބުނީ މިހެން! އެންމެން ﷲ ގަންދީ ހުވާ ކުރަނީ ރައްޔިތުން ރައްކާތެރި ކުރަން! މ