މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ނިޔާވި އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ވިދާޅުވެއްޖެއެވެ.

އެޗުއާރުސީއެމުން މިހެން މި ވިދާޅުވެފައިވަނީ، މޭ 1 ގެ ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުމެއްގައި ބައިވެރިވިކަން ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައި ހުއްޓާ މީގެ ހައެއްކަ މަސްކުރިން މަރުވި އަބްދުﷲގެ މަރާ ގުޅިގެން ބަޔަކާ ދެކޮޅަށް ދައުވާކުރަން އެޗުއާރުސީއެމުން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދުނު ކަމަށް ބުނެ ހަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އެޗްއާރުސީއެމް އިން ވިދާޅުވީ އެ މައްސަލަ އަދިވެސް އަންނަނީ ބަލަމުން ކަމަށާއި މިހާތަނަށް އެ މައްސަލައިގަ އެއްވެސް މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ނުވާ ކަމަށެވެ.

އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އަބްދުﷲ ގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި އަބްދުﷲ މަރުވީ އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުންނެވެ.

މަލޫމާތު ލިބޭ ގޮތުގައި އެ މައްސަލައާ ގުޅިގެން އެޗްއާރްސީއެމާއި ޕީޖީއާ ދެމެދު އަންނަނީ މަޝްވަރާ ކުރަމުންނެވެ.