ބައިނަލްއަގުވާމީ އޯޒޯން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެންވަޔަރަމެންޓު މިނިސްޓްރީ އިން ނިންމައިފިއެވެ.

އެ މިނިސްޓްރީ އިން ވިދާޅުވެފައި ވަނީ، ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި ހަރަކާތްތައް ކުރިއަށް ގެންދަނީ އޮންލައިން ޕްލެޓްޕޯމްތަކުގައި ކަމަށާއި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު މިނިސްޓްރީގެ ސޯޝަލް މީޑިއާގައި އޯޒޯން ދުވަހުގެ އެކި ދާއިރާތަކަށްއަލިއަޅުވާލާ، މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން ޕޯސްޓްތައް އަޕްލޯޑްކުރެވޭނެ ކަމަށެވެ.

މިގޮތުން އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކަކީ ކޮބާކަމާއި، ރާއްޖޭގެ ފިނި ކުރާ ނިޒާމުތަކުގައި ބޭނުންކުރަނީ ކޮންކަހަލަ މާއްދާތައްކަމާއި، މަސްވެރިކަމާއިފަތުރުވެރިކަމުގެ ދާއިރާއިން އޯޒޯންފަށަލައަށް ގެއްލުންދޭ މިންވަރާއި، ބޭނުންކުރާ ގޭސްތައް ހިއްސާކުރުން ހިމެނޭކަމަށް އެމިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

އަދި ''ކިގާލީ އެމެންޑްމަންޓްއަކީ'' ކޮބާކަމާއި މި އެމެންޑްމަންޓްގެ މައުލޫމާތުވެސް މި ހަފްތާތެރޭގައި ޕޯސްޓްތަކުގެ ޒަރިއްޔާއިން ހިއްސާ ކުރެވިގެންދާނޭ ކަމަށް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، މިނިސްޓްރީގެ އިންސްޓަގްރާމް ޕޭޖްގައި އާންމުންނަށް ހާއްސަކޮށްގެން ތަފާތު އެކި ޕޯލް (ނުވަތަ ސުވާލުތައް) ކުރިއަށް ގެންދިއުމަށް ވަނީ މި ހަފްތާގައި ރާވާފައި ވާކަމަށް އެމިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ދުނިޔޭގެ އޯޒޯން ދުވަހުގެ ޝިއާރަކީ "އޯޒޯން ފަށަލަ ހިމާޔަތްކުރުމުގައި 35 އަހަރު" އެވެ. އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ކުރެވެމުންދާމަސައްކަތްތަކުގައި ރާއްޖެއަކީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުން އަންނަ ގައުމެކެވެ. މިގޮތުން "ކްލޮރޯ ފްލޮރޯ ކާބަން" (ސީ.އެފް.ސީ) ގޭސް ބޭނުންކުރުން ހުއްޓާލި ފުރަތަމަ ގައުމަށް 2008 ވަނަ އަހަރު ދިވެހިރާއްޖެ ވެފައިވެއެވެ.

މިއީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލުމަށް ގައުމުތަކުންއެއްބަސްވެފައިވާ މުއްދަތަށްވުރެ 2 އަހަރުދުވަސް އަވަސް ތާރީޚެކެވެ. މީގެ އިތުރުން ފިނިކުރާ ނިޒާމްތަކުގައި މިހާރު އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުންދާ "ހައިޑްރޯކްލޮރޯ ފްލޮރޯ ކާބަން" (އެޗް.ސީ.އެފް.ސީ) ބޭނުން ކުރަން ހުއްޓާލުމަށް ޕްލޭނެއް އެކުލަވާލި ފުރަތަމަ ގައުމަކީވެސް ދިވެހިރާއްޖެއެވެ. އަދި މިޕްލޭނަށް، މޮންޓްރިއަލްޕްރޮޓޮކޯލްގެ ދަށުން އުފައްދާފައިވާ މަލްޓިލެޓަރަލް ފަންޑުން އެހީ ލިބުނު ފުރަތަމަ ގައުމަކީވެސް ދިވެހިރާއްޖެކަން ފާހަގަކުރެވެއެވެ.

އޯޒޯން ފަށަލައަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ16 ވަނަ ދުވަހު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފާހަކަކުރަމުން އަންނަ ދުވަހެކެވެ. މިދުވަސް ފާހަގަކުރެވެނީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ބޭނުންކުރުންހުއްޓުމަށްޓަކާ 1994 ވަނައަހަރުން ފެށިގެން ފާހަގަ ކުރެވެމުން އަންނަށް ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަ ކުރެވެމުން އަންނަނީ މޮންޓްރިއަލް ޕްރޮޓޮކޯލް ތަސްދީޤުކުރެވެނު ތާރީޚް ކަމަށްވާ 16 ސެޕްޓެމްބަރ 1987 ގުޅުވައިގެންނެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލްއަކީ، ތިމާވެށި ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ދުނިޔޭގައި މިހާތަނަށްއަމަލުކުރެވެމުންދާ އެންމެ ކާމިޔާބު، އެންމެ ރަނގަޅު ނަތީޖާ ޙާސިލްކޮށްފައިވާ، އަދި ހުރިހާ ގައުމުތަކުން ބައިވެރިވާ މުޢާހަދާއެކެވެ. 197 ގައުމުން ބައިވެރިވެފައިމިމުޢާހަދާގައި ރާއްޖެއިން ބައިވެރިވެފައިވަނީ 1989 ވަނަ އަހަރުއެވެ. މި އަހަރަކީ އޯޒޯން ފަށަލަ ޙިމާޔަތް ކުރުމަށް ހަދާފައިވާ މުޢާހަދާ، 'ވިއެނާ ކޮންވެންޝަން ފޮރ ދަޕްރޮޓެކްޝަން އޮފް ދަ އޯޒޯން ލޭޔަރ' އަށް 35 އަހަރު ފުރޭ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފައްޔާޒު

    ނަސީދޫ ވަރަށް ރަނގަޅައް ވާނެ ފާހަގަ ކޮއްލަން.

  2. ހުސޭނުބޭ

    ވާނެ ތެލީ ފޫކަހާލައިހެން ބައިތުލްމާލުން ބޮޑު ލާރިގަނޑެއް ކައިލަން!

  3. ހުސްނުވި ސޫދު

    ނަޖިހުން ހަކަތަ އުފައްދަބް ބުނި ވޭމަންޑޫ ސޮރު ދޯ.. އެ ވައްތަރުގެ އާ ތަޖޔރިބާ އަހަރެމެން ބޭނުމެއް ނޫން. ކައޭ މުޅި ގައިގަ ނަޖިސް އުނގުޅައިގެން ތަޖުރިބާ ކޮށްބަލަ.