ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ކޮވިޑް-19 ފެސިލިޓީ ގާއިމް ކޮށްފައި ވަނީ ތިން މަސް ދުވަހަށް ލިބުނު ބިމެއްގައި ކަމަށާއި އެ ބިމަކީ ދައުލަތުގެ މިލްކުވެރިކަން ވެސް ނެތް ބިމެއް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވީ ނަމަވެސް އެ ބިމުގައި ކޮވިޑް ފެސިލިޓީ ގާއިމްކުރުމުގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް އެންޑީއެމްއޭ އިން ބުނެފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާރިޗުު 2020 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ދެމެދު ވެފައިވާ "ހޭންޑް އޯވާ އެއްބަސްވުމުގެ ދަށުން، ހުޅުމާލޭއިން ޖުމްލަ ސާޅީސް ދެހާސް ހަތްދިހަ އެއް އަކަ ފޫޓުގެ ބިމާއި އެބިމުގައިވާ އިމާރާތްތައް އެންޑީއެމްއޭ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކް މޯލްޑިވްސް އިން ދޫކޮށްފައިވާ، ހަތަރު މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ލޯނަކަށް ރަހުނު ކޮށްފައިވާ ތަނެކެވެ. އެ ލޯނު ނެގި ފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ހައްގު އެ ބޭންކަށް ލިބިގެންވާ ކަމަށް މޮރިޝަސް ކޮމާޝަލް ބޭންކަށް ސިވިލް ކޯޓު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރި ހުކުމެއްގައި ބަޔާންކޮށްފައިވާ ކަމަށް އޮޑިޓުގައިވެއެވެ.

އެކަމާއި ގުޅިގެން މިއަދު އެންޑީއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ އެތަނުގައި އެ ފެސިލިޓީ ގާއިމް ކޮށްފައި ވަނީ މައިގަނޑު ފަސް ސަބަބެއް އޮވެގެން ކަމަށެވެ. އެގޮތުން އެތަނަކީ ޖާގައިގެ ގޮތުން އެފަދަ ތަނެއް އެޅުމަކަށް އެންމެ އެކަށީގެންވާ ތަނެއް ކަމަށް ވުމުންނާއި އެތަނަކީ ކޮވިޑް19 ހޮސްޕިޓަލެއްގެ ގޮތުގައި ކަނޑައެޅި ޓްރީޓޮޕް އާއި އިންވެގެން ހުރި ތަނަކަށްވުމުން ކަމަށެވެ. އަދި އެ އިމާރާތުގެ ބޮޑު ބައެއްގެ މަސައްކަތް ނިމިފައި ހުރުމަކީ ވެސް އެތަން ބޭނުން ކުރި ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮޑިޓު ރިޕޯޓުގައި ކޮވިޑް ފެސިލިޓީއާ ގުޅޭ ގޮތުން ހިމަނާފައިވާ މައުލޫމާތުތަކުން ހިތާމަ ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ފެސިލިޓީ ގާއިމް ކުރުމުގެ ކުރިން މާލެއާ ހުޅުމާލޭގެ އެކި ތަންތަން ބެލި ކަމަށެވެ. އަދި ހުޅުމާލޭގައި މިހާރު ކޮވިޑް ފެސިލިޓީ ގާއިމް ކޮށްފައިވާ ބިމުގައި އެ ފެސިލިޓީ ގާއިމް ކުރަން ނިންމީ ނެޝަނަލް ޓާސްކް ފޯހާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މަޝްވަރާކޮށްފައި ކަމަށް ހިސާން ވިދާޅުވިއެވެ.

"މިތަނުގެ އެގްރީމަންޓް ވެސް އޮތީ އިތުރު ކުރެވޭ ގޮތަށް. އެހެންވީމަ މީގެ ސަބަބުން ދައުލަތަކަށް އެއްވެސް ގެއްލުމެއް ވާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ހިސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަައީމް

    ބަލަ ތިޔަވެރިން މިސަރުކާރާއި މިދިވެހިރާއްޖެ ބަނޑުއަޅަލީތީ ވެސް ދެރަވަން

  2. ދަރަނި ދަންތުރަ

    1 ޑޮލަރު 19 ރުފިޔާ 1 ކިލޯ ހަކުރު 16 ރުފިޔާ 1 ކޭސް ފެލިވަރު މަސްދަޅު 1030 ރުފިޔާ ، އަޅުގަނޑު ރައްޔިތުންގެ ލޯ ލާރިއެއްގައިވެސް ނުޖެހޭނަން ލޯލާރިކޮޅު ބަހައްޓާފައި ހަޒާނާ ދަވާލީ ސާބަސް..

  3. ފަރީދާ

    ތިކަން ނިމިގެން ދާއިރު ބަދަލުގެ ގޮތުގައި ދައުލަތުން މިލިޔަނުން މިލިޔަނުން ދޭންނުޖެހި ދާނެހެން ހީނުވޭ.މާޒީގަ ކަންތައް ނިމިގެން ގޮއްސަ އޮތް ގޮތުން.

  4. މިލާ

    އެއްކަމަކުންވެސް ދައުލަތަތް ގެއްލުމެއް ވާނެކަމަކައް ނުބެލެވޭ ތީވެދޯ ހަކުރު ކިލޯވެސް 16 ރުފިޔާ އަށްގަތީ..މަސް ދަޅު ކޭސްވެސް 1500 ގަތީމަ ދައުލަތައް ކޮން ގެއްލުމެއްވީ