ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އަގު ވެއްޓޭފަދަ ގޮތަކަށް ޚަބަރެއް ފެތުރުމަށްފަހު އޮންލައިން އަދި ޗާޕުކޮށްގެން ނެރޭ ނޫސް "މިހާރު" އިން މަޢާފަށް އެދިއްޖެއެވެ. އެނޫހުން މަޢާފަށް އެދިފައިވަނީ "ކަރަންޓުގެ ބޮޑު ބިލާއެކު ޝަކުވާ އިތުރުވެއްޖެ" ނަމުގައި އެނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.

ސްޓެލްކޯގެ ކިބައިން މަޢާފަށް އެދި، އެނޫހުން މިއަދުވަނީ ނޫސް ބަޔާނެއްވެސް ނެރެފައެވެ.

މިހާރު ނޫހުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެޚަބަރަކީ ނޫސް ޗާޕުކުރާ ތަނުގެ ބިލަށް ބިނާކޮށް ލިޔެފައިވާ ޚަބަރެއް ކަމަށާއި ދެ މަސް ކޮށްފައި އެތަނަށް ފޮނުވި ބިލުގެ އަގު، ކުރީގެ ބިލުތަކަށްވުރެ ބޮޑުވެފައި ނުވާކަމަށެވެ.

މީގެއިތުރުންވެސް، އެބަޔާނުގައި ބުނެފައިވަނީ ދެ މަހުގެ ބިލު އެއްކޮށް އައިސްފައިވަނީ އިމާރާތުގެ ރީޑިންގ ނަގަން އައި ސްޓެލްކޯގެ މުވައްޒަފުންނަށް، މީޓަރު ހުރި ތަނުގައި ސާމާނުތަކެއް ބަހައްޓާފައި ހުރުމުން އެމުވައްޒަފުންނަށް އެތަނަށް ނުވަދެވުމުންކަމަށެވެ.

ހަމައެހެންމެ، އެނޫހުން ޝާއިޢުކުރި ޚަބަރަކީ ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚަބަރެއްކަމަށާއި ދެ މަހުގެ ބިލު އެއްކޮށް އައިރުވެސް، ޚަބަރުގައި ބުނެފައިވާ ފަދަ އަގު ބޮޑު ބޭންޑުތަކެއް، ކަރަންޓުގެ އަގަށް ސްޓެލްކޯ އިން ޗާޖުކޮށްފައި ނުވާކަން ބުނެފައިވެއެވެ.

"އެކަމަކު ދެ މަހުގެ ބިލް އެއްކޮށް އޮތް ނަމަވެސް، ޚަބަރުގައި ބުނެފައިވާ ފަދަ އަގު ބޮޑު ބޭންޑްތަކުން އެ ބިލަށް ސްޓެލްކޯ އިން ޗާޖު ކޮށްފައެއް ނުވެ އެވެ. އެހެންކަމުން އެ ޚަބަރަކީ ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާވެފައިވާ ޚަބަރެއް ކަމަށް "މިހާރު"ން ގަބޫލު ކުރަމެވެ."- އެބަޔާނުގައި ބުނެފައިވެއެވެ.

މިކަންކަމުގެ ސަބަބުން ސްޓެލްކޯ އަށް ލިބިދާނެ ގެއްލުމަކަށް، މިހާރު ނޫހުންވަނީ މަޢާފަށް އެދި، ކިޔުންތެރިންގެ ކިބައިންވެސް މަޢާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޫސާ

    މިހާރު ނޫހުން ކެނޑިނޭޅި މިފަދަ ވިޔާނުދާ ޚަބަރު އެވަ ލިޔޭ. ސަރުކާރާއި ދެކޮޅަސް މިއީ ފުކެއް ބޮޑުވަރު. މިހާރު ނޫސްވަނީ މިނިވަން ނޫސް ވެރިކަމުން މާބޮޑަށް ބޭރުވެފަ

  2. ާވަތުބަތާނަ

    މިހާރު ނޫހުގެ މައްޗަށް ބަދަލުހޯދަން ދަޢުވާކުރަން ފެންނަނީ.

  3. ގޯނިބެ

    ތީ އެމީހުންގެ ފަދަ... މެލޭޝިޔާގަ އޮންނަފަދަ ފޭކްނިއުސް ގާނޫނެއްބޭނުންވޭ

  4. ފައިޒް

    ދެން ހޭބަލި ވެގެންތަ ލިޔުނީ މިހާރު ނޫސްމީ ރާއްޖެ ޓީވީ ކަހަލަ ދޮގު ޚަބަރު ފަތުރާ ބައެއް. މި މީހުންނާއި ދޭތެރޭ ހަރުކަށި ފިޔަވަޅެއް އަޅަން ޖެހޭ...