ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދަކީ ގެއްލިގެން ދިޔަ ގާތް ވަފާތެރި އަޚެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
މި މަހުގެ ކުރީކޮޅު އަވަހާރަވި ހުސައިން މުހައްމަދުގެ ހަނދާނުގައި ޖުމްހޫރީ ޕާޓީން ބޭއްވި ތައުބީންގެ ޖަލްސާގައި ގާސިމް ވިދާޅުވީ ހުސެއިން މުހައްމަދަކީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކުރެއްވި ހިދުމަތްތެރިއެއް ކަމަށެވެ. ހުސެއިން މުހައްމަދަކީ އޭނާއަށާއި ޖުމްހޫރީ ޕާޓީ އަދި ދިވެހި ހުރިހާ ރައްޔިތުންނަށް ގެއްލުނު ވަރަށް މުހިންމު ރަހްމަތްތެރިއެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ހުސައިން މުހައްމަދު ގިނަ ދާއިރާތަކަކުން ރައްޔިތުންނަށާއި ގައުމަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި ގެއްލިގެން ދިޔައީ އަގުހުރި ބޭފުޅެއް ކަމަށެވެ. އަދި ހުސެއިން މުހައްމަދުގެ ޒިކުރާ އާ ކުރުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"(ހުސެއިން މުހައްމަދަކީ) ޒިންމާދާރު ބޭފުޅެއް. ވަރަށް ވަފާތެރި، އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް،" ގާސިމް ވިދާޅުވިއެވެ.
ހުސެއިން މުހައްމަދު ވަނީ އީޑީސީގެ އެކިއެކި މަގާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ޓީވީ މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމު އަދާކުރެއްވިއެވެ. އަދި ޓީވީއެމްގެ ޑިރެކްޓަރު ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަން ކުރެއްވިއެވެ.
އޭނާ ވަނީ އަޑުގެ ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން ފެށިގެން 2000ގެ އަހަރުތަކަށް ކުރައްވައިފައެވެ. އަދި އާފަތިސް ނޫހުގައި ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން 2000ގެ އަހަރުތަކަށް ކުރެއްވިއެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރެއްވުމުގެ މުފައްކިރެއްގެ ގޮތުގައި 30 އަހަރުގެ އިލްމީ ތަޖުރިބާއަށްފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވީ 2005 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005-2009 ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލިސްގެ މަތިވެރި ދާއިރާގެ މެންބަރުކަން 2009-2019 އޭނާ ކުރެއްވިއެވެ.
ގާސިމަކޯ މި ޤައުމު ހަލާކުގެ ތެރެއަށް ދުއްވާލި ޖާހިލެއް
ގާސިމާ އެކު ހުސެން މުހައްމަދު ވެސް ބައިވެރިވި...