ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރާ 3،000 އަށް ވުރެން ގިނަ މީހުން ޓެސްޓްކުރިއިރު އޭގެތެރެއިން 125 މީހަކު އެ ބައްޔަށް ފައްސިވެގެން ރަނގަޅުވެފައިވާ ކަމަށް އޭޑީކޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

އޭޑީކޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިސް ސަފުގައި ހަރަކާތްތެރިވާ 3،004 މީހުންގެ ސުންކު ނެގި އިރު، އޭގެ ތެރެއިން ފައްސިވީ 124 މީހެކެވެ. އަދި 2،922 މީހެއްގެ ނަތީޖާ ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ.

އެކަމަކު، ފައްސިވި މީހުންގެ ގައިގައި އެންޓިބޮޑީ ހުރި ކަމަށް އޭޑީކޭ އިން ވިދާޅުވެއެވެ. ހަށިގަނޑުގައި އެންޓިބޮޑީ ހުރުމަކީ ވައިރަސް ހުރެ އެއާ ދެކޮޅަށް ހަށިގަނޑު މަސައްކަތްކޮށް ކާމިޔާބުވެފައި ހުރުމެވެ. އެފަދަ މީހުންނަކީ ބަލީގެ އަލާމާތް ނުފެނި އަދި ބަލިޖެހިފައި ހުރިކަން ނޭނގި ރަނގަޅުވެފައި ތިބި މީހުން ކަމަށް ބުނުމުގެ ފުރުސަތު ބޮޑެވެ.

ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ އެންޓިބޮޑީ ޓެސްޓު އޭޑީކޭއިން ހަދަން ފެށީ މިދިޔަ ޖުލައި މަހުއެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުގައި އެންޓިބޮޑީ ޓެސްޓް ހަދާފައިވާ 412 ސިއްހީ މަސައްކަތްތެރިންގެ ތެރެއިން 29 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ޑެލިވަރީއާއި ކޮންސްޓްރަކްޝަން ފަދަ ކުންފުނިތަކުން އެދިގެން ހަދާފައިވާ 1257 އެންޓިބޮޑީ ޓެސްޓްގެ ތެރެއިން 78 މީހުން ޓެސްޓަށް ފައްސިވެފައިވާ ކަމަށް ދައްކައެވެ.

އޭޑީކޭއިން ހަދާފައިވާ އެންޓިބޮޑީ ޓެސްޓުތަކުގެ ރިޕޯޓުތައް މިހާރު ކަމާބެހޭ އިދާރާތަކާ ހަވާލުކޮށްފައިވާ ކަމަށް އޭޑީކޭ އިން މައުލޫމާތުދެއެވެ. އަދި އެންޓިބޮޑީ ޓެސްޓަކީ ރާއްޖޭގައި ކޮވިޑް-19ގެ އަސްލު ހާލަތު ދެނެގަނެ އިތުރު ދިރާސާތައް ކުރުމަށް މުހިންމު އެއްޗެއް ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

ރާއްޖެ އިން މިހާތަނަށް 9،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، 33 މީހަކު ވަނީ ނިޔާވެފައެވެ.