ސްޕްރީމް ކޯޓުގެ ހުރިހާ ޝަރީއަތްތައް ލައިވްކޮށްގެން ކުރިއަށްގެންދަން ތައްޔާރުވަމުން އަންނަ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ސުޕްރީކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ވީޑިއޯ މެދުވެރިކޮށް ދެއްވި ހިތާބުގައެވެ.

އުއްތަމަ ފަނޑިޔާރުގެ ހިތާބުގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ފެތުރެމުންދާ މި ވަގުތަކީ އެންމެންނަށްވެސް ދަތި ވަގުތެއް ކަމަށާއި، މިވަގުތުގައިވެސް ފަނޑިޔާރުންނާއި، މުވައްޒަފުން ސްޕްރީމް ކޯޓުން ހިދުމަތް ހޯދާ، ހުރިހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

"ސްޕްރީމް ކޯޓުން ފޯރުކޮށްދޭން ޖެހޭ އަދުލު އިންސާފުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްގެންދިއުމުގެ މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ކުރަމުން". އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ލިބިފައިވާ މަދު ވަސީލަތްތަކާއެކުވެސް އެންމެ ފުރިހަމަގޮތުގައި މި މަސައްކަތް ކުރުމުން މަތީ ދެމި ތިބުމަކީ އަމާޒު ކަަމަށެވެ. އަދި އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާ ނެރެ ޒިންމާދާރު މުވައްސަސާއެއްގެ ގޮތުގައި ސްޕްރީމް ކޯޓު ހަރުދަނާ ކުރުން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވިގޮތުގައި، އެ ކޯޓަށް 12 އަހަރު ފުރިގެން ގޮސްފައި ވަނީ، އިޖާދީ އަދި ހާމަކަންބޮޑު ގޮތެއްގައި ޝަރީއަތްތައް ހިންގުމުގައި އާ ގޮތްތަކެއް އަލަށް ތައާރަފް ކުރެވި، އެކަންކަމުގެ ހެޔޮ ތަޖުރިބާއާ އެކުގައި ކަމަށެވެ.

"މިގޮތުން 2020 އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހުން ފެށިގެން ސްޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިންގ އާއްމު ގޮތެއްގައި އަޑު އެހޭނެހެން، ސްޕްރީމް ކޯޓުގެ ވެބްސައިޓުގައި އާއްމު ކުރަން ފެށިފައިވޭ، އަދި ސްޕްރީމް ކޯޓުގެ ޝަރީއަތްތައް ޒަމާނީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކުރިއަަށްގެންދިއުމާއި ގުޅޭ ގަވާއިދެއް އެކުލަވާލެވި 2020 ޖޫން ދެ ވަނަ ދުވަހު ސްޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަނީ ބޭއްވިފައި، އެއަށްފަހު ސްޕްރީމް ކޯޓުގެ ޝަރީއަތްތައް މިގެންދަނީ ލައިވްކޮށް، ކުރިއަށްގެންދޭ ޝަރީއަތްތަކެއްގެ ގޮތުގައި". އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އިތުރަށް ވިދާޅުވީ، މިވަގުތު މަސައްކަތް ކުރަމުންގެންދަނީ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މާލަމުގައި ކުރިއަށްގެންދެވޭ ޝަރީއަތްތަކަކީވެސް ލައިވްކޮށްގެން ކުރިއަށްގެންދެވޭ ޝަރީއަތްތަކެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.

"އެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މި ގެންދަނީ ކުރަމުން".

މުއުތަސިމް އަދުނާން ވިދާޅުވީ، ފަނޑިޔާރުންނާއެކު އަލަށް ސްޕްރީމް ކޯޓުގައި ފަށައިގަތް މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށެވެ.

"ފާއިތުވި 12 އަހަރުގެ ތަަފާސްހިސާބުތަކަށް ބަލާއިރު، ހިނގަމުން މިދާ 2020 އަހަރަކީ ސްޕްރީމް ކޯޓުގެ ހަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލު ކުރެވި، އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރު، އަދި ފާއިތުވި 12 އަހަރުގެ މާޒީގައި އެންމެ ގިނައިން މައްސަލަތައް ސްޕްރީމް ކޯޓުން ނިންމަފާއި ވަނީ މި އަހަރުގެ ތެރޭގައި". މުއުތަސިމް އަދުނާން ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް 251 އަޑުއެހުން ބޭއްވިފައިވާ ކަމަށް މުއުތަސިމް އަދުނާން ވަނީ ފާހަގަކުރައްވާފައެވެ.

"ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ނިމުނު މައްސަލައިގެ އެވްރޭޖް އަދަދަކީ 24، ނަމަވެސް މި ނިމިދިޔަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ހުކުމް ކުރެވިފައިވޭ، އަދި ސުޕްރީމް ކޯޓަށް ބަަލައިގަތުމާއި މެދު 13 މައްސަލައެއްގައި ގޮތް ނިންމައި، ފަސް މައްސަލައެއް އިޖްރާއީ ގޮތުން ބެލިފައިވޭ، މިއީ ކުރީތަކުގެ އެވްރޭޖާއި އަޅާބަލާއިރު، 73،4 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަކޮށްލަން". މުއުތަސިމް އަދުނާން ވިދާޅުވިއެވެ.