އިންސާފު ހޯދައިދިނުމުގެ ވައުދު ވުމުން އެތައް ފުރުސަތެއް އެމްޑީޕީއަށް ދިނުމުން ވެސް އިންސާފު ހޯދުމުގެ މަސައްކަތް ނުކޮށް ހަމައެކަނި އިންސާފާއި އަނިޔާގެ ވާހަކަ ދައްކަން ތިބެނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ވަކި ޕާޓީއެއްގެ ނަން ނުގެނެސް އަލީ ހުސައިން މިފަދަ މޭރުކަމުން ވިދާޅުވެ ޓްވީޓެއް ކުރެއްވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ބަލަން ޖެހޭ ކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރުމުންނެވެ. އެމްޑީޕީން އެ ބަޔާން ނެރުނީ އޭރު ޖަލުގައި މަރުވި އީވާން ނަސީމްގެ މަރަށް 17 އަހަރު ފުރުމާ ގުޅިގެނެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވަނީ "އިންސާފު ހޯދައިދޭން ފުރުސަތު އެތައް ފަހަރު ލިބުނީމަ ވެސް އިންސާފާއި އަދާލަތު ގާއިމް ކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދައްކާލަ ދައްކާލަ ތިބުމަކީ އެއްވެސް މަނާއެއް އޮތް ކަމެއް ނޫން،" ކަމަށެވެ.

އަލީ ހުސައިން އެހެން ވިދާޅުވިއިރު، އީވާން ނަސީމްއަށް އިންސާފު ހޯދައިދިނުމުގެ ވާހަކައަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ނަޝީދާއި އެމްޑީޕީން ދައްކަމުން ދިޔަ ވާހަކައެކެވެ. އެ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ނަޝީދު ވެރިކަމާ ވެސް ހަވާލުވެވަޑައިގަތެވެ.

އެކަމަކު 2012 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވިއިރު، އީވާން ނަސީމްއަށް އިންސާފު ހޯދުމަށް އެއްވެސް މަސައްކަތެއް ކުރެވުނު މަންޒަރެއް ނުފެނެއެވެ. އެކަމާ ގުޅިގެން ބައެއް އާންމުންގެ ފާޑުކިއުންތައް ވެސް އެމަނިކުފާނަށް އަމާޒުކޮށްފައިވެއެވެ.

އީވާން ނަސީމްގެ މަރުގެ ހަނދާނުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޓްވީޓް ކުރެއްވިއެވެ. އެމަނިކުފާނުގެ ބަހުގެ ހަމަލާތަކެއް ޒަމާންވީ ވާދަވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ވެސް ރައްދު ކުރައްވާފައިވެއެވެ.

ރައީސް މައުމޫންއަށް ރައީސް ނަޝީދު ފާޑުވިދާޅުވިއިރު، ރައީސް މައުމޫނަކީ ވެސް އެމްޑީޕީގެ އިސްވެ އުފައްދާފައިވާ ސަރުކާރުގެ ކޯލިޝަންގެ އެއް ބައިވެރިޔެކެވެ. ރައީސް މައުމޫންގެ އެމްއާރުއެމްއަށް ކެބިނެޓްގެ ގޮނޑިތަކުގެ އިތުރުން ވެސް ބައެއް ސިޔާސީ މަގާމުތައް ދެއްވާފައިވެއެވެ.

އީވާން ނަސީމް މަރާލާފައިވަނީ ސެޕްޓެމްބަރު 19، 2003 ގައެވެ. އެ ދުވަހު މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކެއްގެ ތެރެއިން އީވާން ނަސީމް މަރުވީ ޖަލުގައި އަނިޔާތަކެއް ލިބިގެނެވެ. އޭގެ ފަހުން ޖަލުގައި ބަޑި ޖަހައިގެން އިތުރު ބަޔަކު ވެސް މަރާލާފައިވެއެވެ. އެ މައްސަލަ ބަލަން ރައީސް މައުމޫން ރިޔާސީ ކޮމިޝަނެއް އެކުލަވާލެއްވިއެވެ. އެ ކޮމިޝަނުން ފުލުހުންތަކަކަށް ފިޔަވަޅު ވެސް އެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތާކިހާ

    ހިތާމަޔަކީ ގުބޮލުގެ ގޮތުގައި ދިވެހިންގެ ތެރޭގައި މަދު ބަޔަކުއުޅެމުންދާކަން. ސިޔާސީ ލީޑަރުން ގެ ގޮތުގައި ކަނޑުލުން އެތައްފަހަރަކު ހިތިފިލުވާ ބޭފުޅުން އުޅެމުންދާކަން. ދެ ހަރުން ވެސް ކަށިޖެހޭ ޢިލްމުވެރިންވެސް މިޤައުމުގައި އުޅެމުންދާކަން. އަލީ ހުސެއިން ތިޔަ ވިދާޅުވުގޮތަށް އަނިޔާއަނިޔާ ކިޔާލަކިޔާލައި އަންނިޔާ އާނިޔާ ޞާލިހާ ޤާސިމާ އަދި ކާސިމާ ވެސް ވެޑުވިފައި ތިއްބަވާކަން. # ސުކުރިއްޔާ

    28
  2. ބޯހަލާކު

    ކޮންއަނިޔާއެއްގެވާހަކައެއްތޯ އިންޑިޔާ އާއިގުޅިގެން ޔާމީންސަރުކާރުވައްޓާލަން ބަގާވާތްކުރީމަތޯ...!؟ކޮންއިންސާފެއް ހޯދަން ތިޔައުޅެނީ.؟އިންސާފުލިބެންޖެހޭމީހާއެއޮތީ ޖަލުގަ..! ގައުމު އިންޑިޔާއަތްދަށުވެ،،!؟ ﷲއާއި ރަސޫލާއައް ފެރައްސާރަކުރާމީހުން ސުޕްރީމްކޯޓް އަދި ރ.އޮފީހުގަ އިއްޒަތު...ކަލޭ އިންނަވާ ބޮޑުގޮނޑީގަ ފޮނިކަނޑަން..!

    32
  3. ކެނެރީ

    ނަސީދުއަށް އަދި ޢެއްޑީޕީ އަށްވެސް ކުރެވޭނީ ފިތުނަ އުފެއްދުމާ ރާއްޖެ އަޅުވެތިކުރުމާ ލާދީނީ ޕޮރޮޕެގެންޑާ ރާއްޖޭގަ ފެތުރުން އިންޑިޔާ އައުޓް

    34
  4. އދ.

    ތިހުރިހާ ކަމެއް ވެސް އެގެތިބެ ތިވަރުބައެއް ނެތިގެން ނޫން އަލީ ހުސެއިން ވެސް ތި އުޅެނީ ދެން ކަލޭ ތިކަހަލަ ވާހަކަ ދައްކަން އެހާތާހިރެއްނޫން

    27
    1
  5. ހަންކެޑެ

    އަލިބޭ މިހާރު ބޭކާރު ވާހަކަ ނުދަށްކާ ރައީސްޔާމީން މިނިވަންކުރުމުގެ ވާހަކަދަށްކާ ރައީސް ޔާމީން ވަނީ ކެންދޫގެ ތަރަށްގީއަށް ބޮޑު އިންގިލާބެއް ގެނެސްފަ މިގޮތުން ކެންދޫގައި ވަނީ ފެންޕުލާންޓެއް ގާއިމުކޮށް އެހެންރަށަކުން ނުފެންނަފަދަ ހިތްގައިމު ބަނދަރެއް ގާއިމުކޮށްދީފަ .

    11
  6. ޞިރާޠު

    ޕީޕީއެމް ސަރުކާރެއް އިންޝާއަﷲ ދާދިއަވަހަށް އަންނާނެ! އެ ދުވަހުން އެންމެ އިސް ޝަރީޢަތެއްކުރެވޭނީ ރައީސްކައިރީގައި އެޓޭންޝަނުގައި ހުންނަ ޢަލީޒާހިރަށް! އޭނަވަނީ ހައިލަމަށް ގުޅާ ވަޒީފާގައި ހުންނަންބޭނުންނަމަ ޔާމީނަށް 10އަހަރުގެ ޖަލުޙުކުމެއްޖަހަން އަމުރުކޮށްފަ! އޯޑިޔޯ ދާދިއަވަހަށް ލީކުވާނެ!

  7. އަލިބެއްޔާ

    އަލީހުސައިން ކުރަން އުޅޭ ކަމެއް، ކިޔަން އުޅޭ އެއްޗެއް ޚުދު އޭނާ އަކަށްވެސް ނޭނގެއެވެ. ވާނީވެސް އެހެންތާއެވެ. އެމް.ޑީ.ޕީގެ ބަތާ ކައިގެން އުޅޭ މީހެކެވެ. ކޮންމެވެސް ގޮތަކުން ނޫޙެއްގެ ހެޑްލައިނަކަށް އަންނަން ބޭނުން ވީއެވެ. އަލީ ހުސައިނަށް ކުރިން ވަރަށް ތާޢީދު ކުރީމެވެ. ޚާއްސަކޮށް "ރާއްޖެތެރޭ" މީހުންގެ ޙައްޤު ހޯދައިދިނުމަށް ވަކާލާތު ކުރާތީއެވެ. މިހާރު ދެން އަލީ ހުސައިނެކޭ ހައްޕުޑެކޭ ތަފާތެއްނެތެވެ.

  8. ސަންފައްތަ

    އެއްވެސް ކަމެއް ކޮށްދެވޭނެ ބައެއްތަތީ؟ ވެރިކަމަށް އައިސް ތިތިބީ ބައެއްގެ މަރުތަކުގެ ހަޤީޤަތް ހޯދަދޭނެކަމަށް ވަޢުދުވެގެން. ކުރެވުނު ކަމެއް ބުނެބަލަ. ކޮބާތަ ރިޟުވާނު މައްސަލާގެ ޙަޤީގަތް؟ ކޮބާތަ ޔާމީން ރަޝީދުގެ މައްސަލާގެ ޙަޤީޤަތް؟ ކޮބައިތަ ޑރ. އަފްރާޝީމް ޢަލީގެ މައްސަލާގެ ޙަޤީޤަތް؟ އެއްކަމެއްވެސް ނުހޯދުނު. އަދިވެސް ތިއުޅެނީ އިތުުރު މަރުތައް ލިސްޓަށް ލެވޭތޯ. ދަރުބޮނޑި ނުއުފުލުނަސް ބޮނޑިޔަށް ދަރު އިތުރުކުރެވޭތޯ ބަލާ. އޭރުން ފަޟީޙަތްވާލެއް ބޮޑުވާނެ.