މިނިސްޓަރު ތޯރިގު - ފޮޓޯ: މަޖިލިސް

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ރާއްޖޭގެެ މިނިވަންކަމާއި، ދިވެހި ޤައުމިއްޔަތު ފުނޑާލުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން ފުރުސަތެއް ނުދެއްވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"އިދިކޮޅު ސިޔާސީ ފަރާތްތަކުން މަސައްކަތްކުރަނީ ރައީީސް ޔާމީން ދިވެހި ގައުމަށް ގެންނަވަން މަސައްކަތްކުރައްވާ ތަރައްގީގެ އަޑު ކަނޑުވާލަން. މިވަގުތު ހެޔޮ ފާލެއްގައި އޮތް ރާއްޖޭގެ އިގުތިސާދު ފުން ވަޅުގަނޑަކަށް ވައްޓާލުމަށް. އަޅުގަނޑުމެން އެފަދަ ފުރުސަތެއް ނުދޭނަން." ޓީވީއެމްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި އިދިކޮޅު ފަރާތްތަކުން ޤައުމަށް ގެއްލުންދޭން ކުރާ އެއްވެސްކަމަކަށް ސަރުކާރުންވެސް، އަދި ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ފުރުޞަތެއް ނުދެންވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިޤްގެ ވާހަފުޅު ވިދާޅުވީ، ވެރިކަން ވައްޓާލުމަށް ޝަރުޢީ ނިޒާމުގެ ތެރެއިން ބަޣާވާތް ކުރުމުގެ ފިނޑި އަމަލުތަކެއް ސިޔާސީ ފަރާތްތަކުން ކުރުމުގެ ބަދަލުގައި އެންމެހާ ބޭފުޅުންނަށްވެސް ވޯޓާ ހަމައަށް ގޮސް، ވޯޓުން ކަންކަން ކާމިޔާބު ކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.

"ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތުގެ ސަބަބުން ތަރައްގީއަށް ފަށާފައިވާ އެއްވެސް ކަމަށް ބަދަލެއް ނާންނާނެ." މިނިސްޓަރ ވިދާޅުވިއެވެ. " ރައީސް ޔާމީން ކަންކަން ކުރައްވަނީ ކަމަށް ޤާބިލު ކަންކަން ކުރެވޭ މީހުން ގޮވައިގެން. ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި، ހަލަބޮލިކަމަކުން ގައުމުގެ ހިންގުމަށާއި، ތަރައްގީއަށް އަދި އެއްވެސް ވުޒާރާއެއްގެ މަސައްކަތައް މަޑުޖެހުމެއް ނާދޭ."

މިނިސްޓަރ ޠާރިޤް ވިދާޅުވި ގޮތުގައި މި މަހުގެ އެއްވަނަ ދުވަހުގެރޭ ރާއްޖެއަށް ގެންނަން މަސައްކަތްކުރި ބަޣާވާތާއި، އަދިި އެކަމާ ގުޅިގެން ކުރިމަތިވި، ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގައުމާއިގެން ކުރިއަށްދާން ވަޒީރުންނަށް ވެސް ލިބުނީ އިތުރު ހިތްވަރަކާއި ފަންވަރެއް ކަމަށެވެ.

"ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް ނަޝީދަކީ އެބޭފުޅުންގެ ވެރިކަމުގައި ރާއްޖެއަށް ގެންނަންޖެހޭ ތަރައްގީ އެންމެ ފުރިހަމަގޮތުގައި ގެނައުމުގެ ޒިންމާ އަދާކުރެވުނު ބައެއް ނޫން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިޤްގެ ވާހަކަފުޅުގައި، ރައީސް މައުމޫންގެ 30 އަހަރުގެ ވެރިމާއި ރައީސް ނަޝީދުގެ 3 އަހަރުގެ ވެރިކަމުގައި ނަރުދަމާ އެޅުނީ އެންމެ 31 ރަށުގައި ކަން ފާހަގަ ކުރެއްވިއެވެ.

"ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ މިފަދަ ކަންކަން ފޯރުކޮށްދިނުމުގައިވެސް ރައީސް މައުމޫނާއި ނަޝީދު ވަނީ ފެއިލްވެފައި." މިނިސްޓަރ ވިދާޅުވިއެވެ. "ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު 60 އަށް ވުރެ ގިނަ ރަށުގައި ނަރުދަމާ ގާއިމުކުރެވިގެންދާނެ."

މިނިސްޓަރ ޠާރިޤް ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ ނަމުގައި އިދިކޮޅުފަރާތަކުން ހިންގާ ހަމަނުޖެހުމުގެ ބޭނުމަކީ ރައްޔިތުންގެ ތަރައްގީއަށް ހުރަސް އެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް