ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމް ރޭޕް ކުރި ކަމަށް ބުނެ އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައެވެ.

ހައި ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތުގެ އަޑުއެހުން މިއަދު ކެންސަލް ހުރީ ކޮވިޑް-19 އާއި ގުޅިގެން ޝާހް ކަރަންޓީންގައި ހުރުމުންނެވެ. އޭނާ ކަރަންޓީންގައި ހުރީ ގދ.ތިނަދޫގައެވެ.

ޒިޔާދާގެ މަރުގެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލަ އިސްތިއުނާފު ކުރާ ސަބަބުތައް ހުށަހަޅުއްވާފައެވެ. މި މައްސަލާގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ސަމީރެވެ.

ޒިޔާދާގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

މީގެ އިތުރުން މީހަކު މަރުވެދިއުމުގެ އިހުމާލު އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލިއެވެ.

ނަމަވެސް މި ހަތަރު ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހު ނިންމާފައެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ވަނީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެމައްސަލަ ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައެވެ.

ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވެފައިވަނީ 2015 ވަނަ އަހަރުގެ ޑިސެންބަރު 28 ވަނަ ދުވަހުއެވެ.