ގައިދީން މުޖުތަމައަށް ނެރޭ އިރު އެމީހުންނަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް އެންމެ މުހިންމު ކަމަކީ ގާބިލް އޮފިސަރުން އުފެއްދުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔޫއެންއޯޑީސީން މޯލްޑިވްސް ކަރްކްޝަނަލް ސާވިސްގެ އޮފިސަރުން ތަމްރީން ކުރުމަށް ހިންގަމުން އަންނަ ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މިއީ ޖަލުތަކުގެ ހާލަތު ރަނގަަޅު ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މަންޑޭލާ ރޫލްސް އާއި އެއްގޮތަށް ޖަލުތައް ހިންގުމަކީ މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު އިމްރާން ވަނީ ފާހަގަ ކުރައްވައިފައެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގެ ތިބޭ ގައިދީން މުޖުތަމައަށް ނިކުންނަ އިރު އެމީހުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށް އެންމެ މުހިންމީ ގާބިލް އޮފިސަރުން ތަކެއް ކަމަށެވެ. އަދި މިހާރު ހިންގަމުން އަންނަ އޮފިސަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމާއެކު ގާބިލް ރަނގަޅު އޮފިސަރުންތަކެއް ޖަލުތަކުގައި ހަރަކާތްތެރިވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައވެެ.

ރާއްޖޭގެ ޖަލުތަކުގައި މަންޑޭލާ ރޫލްސްއާ އެއްގޮތަށް އަމަލުކުރުމަށް ވަނީ ފަށައިފައެވެ. މިނިސްޓަރު އިމްރާން ވަނީ މަންޑޭލާ ރޫލްސްއާ އެއްގޮތަށް ޖަލުތަކުން އަމަލުކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ސަތޭކަ ބާވީސް ގާއިދާގެ މައްޗަށް އެކުލެވޭ "ދި ނެލްސަން މަންޑޭލާ ރޫލްސް" ގެ ދިވެހި ތަރުޖަމާގައި އަސާސީ މަބްދައުތަކާއި، ގައިދީންގެ ފައިލްތައް ބަލަހައްޓާނެ ގޮތާއި، ގައިދީން ގިންތިކުރާނެ ގޮތްތަކާއި، ގޮޅިތަކުގައި ގައިދީން ބައިތިއްބަން ޖެހޭނެ ގޮތްތައް ވަނީ ބަޔާންކޮށްފައެވެ.

ޖަލު ގޮޅިތައް ހުންނަންޖެހޭނެ ގޮތާއި، ސާފު ތާހިރުކަން ދެމެހެއްޓުމަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކުގެ ވާހަކަވެސް މި ފޮތުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަންނައުނު ފޯރުކޮށްދިނުމާއި، ކެއިންބުއިން ފަދަ އަސާސީ ކަންކަން ފަހިވެފައި އޮންނަންވާނެ ގޮތްވެސް މި ފޮތުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ކަސްރަތާއި، ކުޅިވަރު ކުޅުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަންވާނެ ގޮތާއި، ސިއްހީ ޚިދުމަތްތައް ލިބިދެވޭނެ ހަމަތައްވެސް ބަޔާންކޮށްފައިވާ މި ފޮތުގައި ގޮޅިތައް ބަލާ ފާސްކުރުމާއި، ގައިދީންނާ މުއާމަލާތްކުރުމުގެ ހަމަތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި ޖަލު މުވައްޒަފުން އަމަލުތައް ބަހައްޓަންޖެހޭ ގޮތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.