މަސްތުވާތަކެތި ބޭނުން ކުރުމާއި އެތެރެ ކުރުމާއި ވިޔަފާރި ކުރުމުގެ ބޮޑެއް ކަމަށް ބުނެ ހ. ރެހި، ހުސައިން މަނިކުގެ މައްޗަށް ކުށް ސާބިތު ނުވި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފިއެވެ.

ހުސައިން ހައްޔަރު ކުރީ އިންޑިއާއިން ރާއްޖެ އައި އުމުރުން ދުވަސްވީ ދެމައެއްގެ އަތަށް ދީގެން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރުމުގައި ބައިވެރި ކަމަށް ބުނެއެވެ. އެއީ އޭޕްރީލް 2009 ގައެވެ. އޭނާއަށް ކުރާ ދައުވާގައި ބުނާ ގޮތުގައި އޭނާ ހައްޔަރު ކުރީ މަސްތުވާތަކެތި ހުރި ފޮށިގަނޑަކާ ހަވާލުވާން ދިޔަ ތަނުން ކަމަށް ބުނެއެވެ.

ހުސައިންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިންމައި ޑްރަގް ކޯޓުން ކަނޑައެޅީ ކުށް ސާބިތު ނުވާ ކަމަށެވެ. އެއީ 2010 ވަނަ އަހަރުގައެވެ. ދެން ހައި ކޯޓަށް އެ މައްސަލަ އިސްތިއުފާނު ކުރިއިރު ހައި ކޯޓުން ވެސް ވަނީ ދަށުގެ ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. ހައި ކޯޓުން އެ މައްސަލާގައި ހުކުމް އިއްވީ ސެޕްޓެމްބަރު 2016 ގައެވެ.

ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އެންގެވީ މިހާރު އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ ކަމަށެވެ. އިތުރު ކަމެއް ސާފު ކުރަން ނުޖެހޭނަމަ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވުން އޮންނާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވިއެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި ދަށު ކޯޓުގެ މަރުހަލާއާއި ހައި ކޯޓުގެ މަރުހަލާގައި ވެސް ހެކި ވަޒަން ކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. ޝަރީއަތުގައި ހުސައިންގެ ފަރާތުން ދިފާއި ހެކި ހުށަހެޅިޔަސް ތަހުގީގު މަރުހަލާގައި އޭނާ ހަނު ހުރި ކަން ވެސް ދައުލަތުން ފާހަގަކުރިއެވެ.

ދިފާއީ ވަކީލު އަލީ ޝާހް ވިދާޅުވީ ތަހުގީގުގައި ހުސައިން ހަނު ކުރުމަކީ ދައުލަތުގެ އިސްތިއުނާފީ ނުކުތާއަކަށް ނުވުމުން މި މަރުހަލާގައި އެ ނުކުތާ ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މަސްތުވާތަކެތި ފެނުނު ފޮށިގަނޑާއި ހުސައިންއާ ގުޅުވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެ ފޮށިގަނޑުން މަސްތުވާތަކެތި ފެނުނީ ވެސް އޭނާ ހައްޔަރުކުރިތާ އެތައް ގަޑިއިރެއް ފަހުން ކަމަށާއި، ފުލުހުން އެ މައްސަލާގައި އަމަލުކޮށްފައި ވަނީ ވެސް މަސްތުވާތަކެތި ހޯދުމަށް އޮންނަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ އުސޫލާ ހިލާފަށް ކަމަށް އަލީ ޝާހް ވިދާޅުވިއެވެ.

ދަށު ކޯޓާއި ހައި ކޯޓުން ވެސް ހުސައިންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފައިވަނީ، މަސްތުވާތަކެތި ފެނުނު ފޮށިގަނޑުގައި ހުސައިންގެ އިނގިލީގެ ނިޝާން ފެނިފައި ނުވާތީ އާއި ހަމައެކަނި ފޮށިގަނޑާ ހަވާލުވާން އޭނާ ދިޔުމުގެ މައްޗަށް ބިނާކޮށް އެއީ އޭނާގެ ތަކެތި ކަން ސާބިތުވާ ކަމަށް ކަނޑައެޅޭނެ ހަމައެއް ނެތް ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުންތަރި

    ތީ އެތައްފަހަރަކު ޑުރަގާއެކު ރެޑުކޮށް އަތުލައިގަނެފަހުރިމީހެއް އެކަމަކު އޭނަ ބަސްޓެއްނުވޭ ޖަލާލުއްދީން މިސްކިތްކައިރިންވެސް މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކުރި އެކަމަކު ވީކަމެއް ހަރާން ތިޔަ އާއިލާގެ އެކަހަލަ އެހެން މީހަކުވެސް އެބަ އުޅޭ ވައްކަންކޮށްގެން ހައްޔަރުކުރިއަދަދުވެސް ނޭނގޭ މަސްތުވާތަކެތިބޭނުންކޮށް ތަކެއްޗާއެކު އަތުކައިގަތް އަދަދުވެސް ނޭނގޭ ކޯޓުގަ މައްސަލަތައް ހިނގަމުންވެސް ދިޔަ އެކަމަކު ކުއްލިޔަކަށް ކޮންމެސްތާކުން ސެޓުފިކެޓެއް ހޯދައިގެން ޤާނޫނީ ަކީލުކަމުގެ ހުވާކޮށްގެން މިހާރު ވަކީލަކަށްވެގެން އުޅެނީ ކުށުގެ ރެކޯޑު އަދަދުނޭނގޭ ތިޔަ ހުސައިންމަނިކަކީ ދުވަހަކުވެސް އާމްދަނީހޯދުމަށް ޞައްޙަ ވިޔަފާރިއެއްކުރިމީހެއްނޫން އެކަމަކު މަހުޖަނެއް ހުޅުމާލެއިންވެސް ގޯތިގަނެ ގަނޑުވަރު ހަދާފަހުރޭ ކުރާކަމެއް ލާރި ހޯދާ ގޮތެއްނޭނގޭ އެނގޭހާވެސްކަމަކީ ވަޒީފާއެއް އަދާ ނުކުރާކަމާ އާމްދަނީ ލިބޭފަދަ ޞައްޙަ މަސައްކަތެއް ނުކުރާކަން އެކަމަކު މަހުޖަނެއް މީ ވަރަށް ވިސްނަނޖެހޭކަމެއް މިއާއިލާޔަކީ ކޮންމެ ސަރުކާރަކުންވެސް ހިމާޔަތާ އިނާޔަތްލިބޭ އާއިލާއެއްކަމަށް އެރަށުމީހުން ބުނެ އުޅޭ މިވާ ގޮތެއް ބަލަން އެބަޖެހޭ މިއާއިލާ ކޮންމެ ސަރުކާރެއްގަވެސް ވަރަށް އަތް ގަދަކަމަށް ބުނަނީ ވަރަށްނުފޫޒުގަދަ އަޑީގެ ހަރަކާތްތައް ހިންގާ އާއިލާއެއްކަމަށްވަނީ އެހެންވީމަތާ ކުށެއް ސާބިތުނުވަނީ ނުޙައްޤު މުއްސަނދިކަންލިބިފައިވާއިރު މިކަންކަން ސަރުކާރަށް ނުބެލެނީ އެހެންވެގެންކަމަށް މީހުން ބުނނީ

  2. ނަށީ

    އެއީ ހަމަ ބޮޑު ޑުރަގް ލޯރޑް އެއް