ހދ. މަކުނުދޫއަށް ފެރީގެ ހިދުމަތް ނުލިބި ދެ ދުވަސްވެފައިވާތީ، އެކަމާއި ގުޅިގެން އެރަށު ރައްޔިތުން ނުރުހުން ފާޅު ކުރަމުން އެބަ ދެއެވެ.

އެރަށަށް ފެރީގެ ހިދުމަތް ދެމުންގެންދަނީ އެމްޓީސީސީންނެވެ.

މަކުނުދޫ އިން ''ވަގުތު'' އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ވަލެއްގައި ފެރީގެ ބުރަފަތި އަޅައިގަނެ ފެރީ ހަލާކުވިކަމަށް ބުނެ މިހާރު އެރަށަށް ފެރީގެ ދަތުރުތައް ނުކުރާތާ ތިން ދުވަސް ވެފައިވާ ކަަމަށެވެ. އޭނާ ބުނީ މިކަމުގެ ސަބަބުން ރަށްރަށަށް ތަކެތި ވިއްކުމަށް ފޮނުވާ ދަނޑުވެރިންންނަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަނީ ކަމަށެވެ.

އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭސްފަރުވާ އަށް ދާން ޖެހިފައި ތިބި މީހުންނަށްވެސް ހޮސްޕިޓަލަށް ނުދެވި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އޭނާ ވަނީ ފާަހަގަކޮށްފައެވެ.

"މިހާރު އާންމުކޮށް ފެރީ އޮވެ އޮވެފައި ނެތުމުން ރައްޔިތުންނަށް ވަރަށް ދަތި އެބަވޭ ބައިވެރު ކަންކަން ކުރަން. މި ދުވަސްކޮޅުގެ ގޮތުން ކޮންމެ މީހަކަށް ދަތުރުވެސް ނުކުރެވިދާނެ އަމިއްލައަށް އެއްޗެއް ނަގައިގެން. ވާނުވާ ނާންގާ އަސްލު ދުވަސް ވަމުން ދިއުމަކީ އަހަރުމެންގެ ހުރި ވަރަށް ބޮޑު ކަންބޮޑުވުމެއް" އޭނާ ބުންޏެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން މަކުނުދޫ ކައުންސިލްގެ ރައީސް ހުސައިން ސާމީ ވިދާޅުވީ، ފެރީގެ ދަތުރުތައް ނުކުރާތާ މިހާރު ދެ ދުވަސް ވެފައިވާ ކަމަށާއި، އެއީ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް އެމްޓީސީސީ އިން އެ ކައުންސިލަށް މައުލޫމާތު ދީފައިވާކަމަށެވެ.

އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސާމީ ވަނީ ވިދާޅުވެފައެވެ.

ސާމީ އިތުރަށް ވިދާޅުވީ އެމްޓީސީސީ އާއި މަޝްވަރާކޮށް މާދަމާ އެހެން ފެރީއެއް ހަމަޖައްސައިގެން ނަމަވެސް ފެރީ ދަތުރެއް ކުރުމަށް ނިންމާފައިވާކަމަށެވެ.